ހަބަރު

3000 ބައިވެރިންނާއެކު ޕީޕީއެމްއިން މާލޭގައި ޑޯޓްޑޯ ފަށައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްއިން މާލޭގައި ދޮރުން ދޮރަށް ހިނގާ ކެމްޕެއިން މިއަދު ފަށައިފި އެވެ. ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހިމް އިސްނެންވުމާއެކު ފެށި މި ކެމްޕެއިންގައި 3000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

ދޮރުން ދޮރަށް ކެމްޕެއިން ފެށުމަށް މާލޭގެ ހުޅަނގު ދެކުނު ސަރައްހަދުގައި އަލަށް ހިއްކާ، ތަރައްގީ ކުރަމުން އަންނަ ސިނާއީ އަވަށުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް ޕީޕީއެމް ފަރާތުން ކުރިމަތިލާ 13 ކެނޑިޑޭޓުންނަކީ މާލެއަށް އަންނަ ތަރައްގީއަށް އެއްބާރުލުންދީ ރައްޔިތުންގެ އިހުސާސްތައް ދެނެގެންނާނެ ބައެއް ކަމަށާއި އެހެންކަމުން އެ ފަރާތްތަކަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.

އެ ކެމްޕެއިންގައި 3000 މީހުން ބައިވެރިވުމަކީ ވެސް އެކަމުގެ ހެއްކެއް ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ދޮރުން ދޮރަށް ކުރާ ކެމްޕެއިންގައި ރައްޔިތުންނާ އޯގާތެރި ހިތަކާއެކު ބައްދަލު ކުރެއްވުމަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި 13 ކެނޑިޑޭޓުން މާލެއަށް ހޮވިއްޖެ ނަމަ އަޅުގަނޑުމެންނަށް 2018 އިން ފެށިގެން ވެސް ކުރިޔަށް އޮތް ފަސް އަހަރާ އަދި މިހާރު ބާކީ އޮތް ދުވަސްތަކުގައި ހީނުކުރާ ފަދަ ތަރައްގީ މާލެއަށް އަންނާނެ. އެހެންވީމަ މި 13 ކެނޑިޑޭޓުން މާލެއަށް އެބަ ބޭނުންވޭ. މިތަނަށް އެއްވެފައި ތިބި މީހުންނަށް ދަންނަވަން ބޭނުން ވަނީ ކެރިވަޑައިގެން މާލެއަށް ނިކުމެވަޑައިގެން ހުރިހާ ބޭފުޅުންނާ އޯގާތެރި ހިތަކާއެކު ބައްދަލު ކުރައްވާ،" ސައީދު ވިދާޅުވި އެވެ

މި ކެމްޕެއިންގެ ދަށުން ޕީޕީއެމްގެ 3000 ވޮލެންޓިއަރުން މާލޭގެ ހުރިހާ ސަރަހައްދެއްގައި ހުރި ގެތަކާއި ކެފޭ ރެސްޓޫރަންޓުތަކަށް ގޮސް ޕީޕީއެމް ކެނޑިޑޭޓުން ކައުންސިލަށް ހޮވަން ޖެހޭ ސަބަބުތައް ކިޔައިދޭނެ އެވެ. އެގޮތުން އެ މަސައްކަތް މިރޭ 9:00 ޖަހަންދެއް ކުރިޔަށް ދާނެ އެވެ. އެއަށް ފަހު ސޯޝަލް ސެންޓަރުގައި މިރޭ އިތުރު ރަސްމިއްޔާތެއް ބާއްވާނެ އެވެ.