ދުނިޔެ

މަންމޯހަން ސިންގް ކޯޓަށް ހާޒިރުކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

Apr 2, 2015

ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މައްސަލައެއްގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް ކޯޓަށް ހާޒިރުވާން ދަށު ކޯޓަކުން ނެރެފައިވާ އަމުރަށް އަމަލުކުރުން ފަސް ކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ބޯޓު ދެލި ނަގަން ބިން ކަނޑައަޅައި ލައިސަންސް ދިނުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ސިންގް މި މަހުގެ އަށް ވަނަ ދުވަހު ކޯޓަށް ހާޒިރުވާން ނެރުނު އަމުރަށް އަމަލު ކުރުން ފަސްކުރަން އަންގާފައި މި ވަނީ ސިންގްގެ މައްޗަށް ކުރާ ތުހުމަތު ބިނާވެފައި ވަނީ ކުށުގެ ނިޔަތެއް ނެތް އިދާރީ ކަމަކާ ގުޅިގެން ކަމަށް ބުނެ އަމުރު އިސްތިއުނާފު ކުރުމުންނެވެ.

ސިންގުގެ އިތުރުން ފަސް މީހަކު ކޯޓަށް ހާޒިރުވާން އަމުރު ކޮށްފައި އޮތީ ބޯޓު ދެލި ނެގުމަށް ލައިސަންސް ދޫކޮށްފައިވާ ގޮތުން ދައުލަތަށް 33 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ދައުލަތުގެ އޮޑިޓަރުން 2012 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވާތީ އެވެ.

އުމުރުން 82 އަހަރުގެ ސިންގްގެ މައްޗަށް ތުހުމަތުކުރާ ކުށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ސިންގް ނިސްބަތްވާ، އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ ކޯޓަށް ހާޒިރު ވުމުގެ އަމުރު ސުޕްރީމް ކޯޓުން ހުއްޓުވުމުން އެކަމަށް މަރުހަބާ ކިޔައިފަ އެވެ. --ބީބީސީ