ހަބަރު

ހަގީގީ ސިޓީއަކަށް އައްޑޫ ހަދައި ދެއްވަނީ ރައީސް ޔާމީން: ތޯރިގު

އައްޑޫއަކީ ހަގީގީ ސިޓީއަކަށް ހެދުމަށް ގެންނަންޖެހޭ ތަރައްގީ ގެނެސްދެއްވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި މީގެ ކުރިން ޖަހާފައިވަނީ ސިޓީގެ ނަން ބޯޑް އެކަނި ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

"އައްޑޫ ސިޓީއަކަށް ހަދައި މިދެއްވަނީ ރައީސް ޔާމީން، އެހެންވީމަ ކުރީ ސަރުކާރުން ހާއްސަކޮށް ރައީސް ނަޝީދުގެ ސަރުކާރުން ހަމައެކަނި ޖެއްސެވީ ސިޓީގެ ނަން ބޯޑެއް، އެކަމަކު ރައްޔިތުންނަށް މުހިންމުވާ ހުރިހާ ކަމެއް ނަރުދަމާ ވެސް ފެނުގެ ހިދުމަތް ވެސް އަދި އޭގެ އިތުރަށް މަގުތަކާއި މިފަދަ ބޮޑެތި ހުރިހާ ކަމެއް ވެސް އެއާޕޯޓް ވެސް ހިނގަމުން މިދަނީ ރައީސް ޔާމީންގެ ދައުރުގަ، އެހެންވީމަ އަޅުގަނޑުމެން ހަނދާން ބަހައްޓަން އެބަޖެހޭ ރައީސް ޔާމީން ރައްޔިތުންނަށް ކޮށްދެއްވާ ހިދުމަތްތައް،" ހުޅުދޫގެ ނަރުދަމާގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީނަކީ ދިވެހި ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވާ ރައީސްއެއް ކަމަށާއި މި ސަރުކާރަށް ރަށްރަށުން ތާއީދު ލިބެނީ ތަރައްގީއަށް ގިނަ އަމަލީ މަސައްކަތްތަކެއް ކުރަމުންދާތީ ކަމަށެވެ. ފާޑުފާޑު ވާހަކަ ދައްކާ ވަގުތު ބޭކާރު ކުރުމަކީ މި ސަރުކާރުގެ ސިފައެއް ނޫން ކަމަށެވެ.

"މި ސަރުކާރަކީ ކޮންމެހެން ބޭކާރު ވާހަކަތަކެއް ދައްކާ ސަރުކާރެއް ނޫން، އެއްވެސް ގޮތަކަށް ޝައްކު ނުކުރައްވާތި އަޅުގަނޑުމެން މިއީ ފާޑުފާޑު ވާހަކަ ދައްކާ ސަރުކާރެއް ކަމަށް، އަޅުގަނޑުމެން މިއީ މަސައްކަތް ކުރާ ސަރުކާރެއް،" އައްޑޫ ސިޓީ ހުޅުދޫ ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުން ސަރުކާރަށް އެއްބާރުލުންދީގެން ކުރިއަށް ގޮސްފިނަމަ މިހާރަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއުތައް އައްޑޫއާ ދިމާލަށް މިސްރާބު ޖަހާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީން ވައުދުފުޅުވެ ވަޑައިގެންފިނަމަ އެކަމެއް ކޮށްދެއްވާނެ، އެހެންކަމުން އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތްތާ ވެސް ތިޔަބޭފުޅުން ރައީސް ޔާމީނަށް ތާއިދު ކުރެއްވުމުގައި ދެމިތިއްބެވުމަކީ ވަރަށް މުހިންމު ކަމެކޭ،" މީދޫ ނަރުދަމާގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން އައްޑޫއަށް ވަރަށް ބޮޑު އިހުމާލެއްވެފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އައްޑޫއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ބިޔަ ބޮޑެތި މަޝްރޫއުތައް އައްޑޫގައި މިހާރު ހިނގަމުން ދަނީ އެހެންވެ ކަމަށެވެ. އެކަން އައްޑޫގެ ރައްޔިތުންގެ ގަބޫލުކުރާ ކަމަށެވެ. އައްޑޫ ސިޓީގެ ހުޅުދޫގައި އެމްޑީޕީ މިހާރު ނުވެސް ނެތް ކަމަށާއި މުޅިން ވެސް ތިއްބެވީ ރައީސް ޔާމީނަށް ތާއީދުކުރާ ރައްޔިތުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް އެއްގޮތަކަށް ވެސް އަޑު އައްސަވާނެ ކަމެއް ނެތް، ރައީސް ޔާމީން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރައްވާނެ، ތިޔަ ބޭފުޅުން ތިޔަ ގޮތުގައި ތިއްބަވާ، ހުޅުދޫއަކީ ވެސް ޒަމާނީ ތަރައްގީ ލިބިފައިވާ ރަށަކަށް ހަދައިދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު އައްޑޫ ސިޓީ، ހުޅުދޫ އަދި މީދޫގައި ވަނީ ނަރުދަމާގެ މަޝްރޫއު އިފްތިތާހުކޮށްފަ އެވެ. މި ދެ މަޝްރޫއު ވެސް ފައްޓަވައިދެއްވީ ތޯރިގެވެ. މީގެއިތުރުން ހުޅުދޫ ގޮނޑުދޮށް ރައްކާތެރިކުރުމަށް ވެސް ވަނީ ބިޔަ މަޝްރޫއުއެއް މިއަދު ފަށާފަ އެވެ. އައްޑޫ ސިޓީގެ އެހެން ރަށްތަކުގެ ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑޫގެ ނަރުދަމާގެ މަޝްރޫއުއަކީ މިހާތަނަށް ހިންގާ އެންމެ ބޮޑު ނަރުދަމާގެ މަޝްރޫއުއެވެ.

"މިއީ ރައީސް ޔާމީން އައްޑޫ ރައްޔިތުންނަށް ހާއްސަކޮށް ހިންގަވާ މަޝްރޫއެއް، އަސްލު ސިޓީއަކަށް ހަދަވައިދެއްވުމަށް ކުރައްވާ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.