ހަބަރު

ހުޅުދޫގެ ގޮނޑުދޮށް ރައްކާތެރިކުރުގެ ޕްރޮޖެކްޓް ފަށައިފި

އައްޑޫ ސިޓީގެ ގޮނޑުދޮށް ރައްކާތެރިކުރުމަށް ބޮޑު މަޝްރޫއުއެއް މިއަދު ފަށައިފި އެވެ. މި މަޝްރޫއު ފައްޓަވައިދެއްވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.

މި މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން 24.4 މިލިއަން ރުފިޔާ ހަރަދުކުރާނެ މަޝްރޫއުއެކެވެ. މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރަށް ނިންމަންޖެހެ އެވެ. މަޝްރޫއުގެ ދަށުން ހުޅުދޫ ގިރާ ސަރަހައްދުގައި 1،300 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ލާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއަކީ ހުޅުދޫގެ ގޮނޑުދޮށް ރައްކާތެރިކޮށްދޭނެ ބިޔަ މަޝްރޫއަކަށް ވާނެ ކަމަށެވެ. މި މަޝްރޫއަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގޮނޑުދޮށްތައް ރައްކާތެރިކުރުމަށް ހިންގާ ޕްރޮޖެކްޓްތަކުގެ ތެެރެއިން ބޮޑު އެއް މަޝްރޫއެކެވެ.

"މި ޕްރޮޖެކްޓަކީ މާ ލަސްތަކެއް ނުވެ ނިމިގެން ދާނެ ޕްރޮޖެކްޓެއް، ފެންނަން މިއޮތީ މަސައްކަތް، މި ރަށަށް އަންނަ ބޮޑު ހިލަ ބާޖް އަންނަ މަހުގެ ތިންވަނަ ދުވަހު މި ރަށަށް ވަދެގެން އަންނާނެ، މަސައްކަތްތަށް ކުރިއަށް ގޮސް އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގަ މަސައްކަތް ނިމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވީ، މިއަދު ހުޅުދޫގެ ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުނުއިރު އެ މަސައްކަތަށް ބޭނުންވާ ތަކެތި ރަށުން ބާލާނީ މީދޫގެ ގޮނޑުދޮށް ވެސް ރައްކާތެރިކުރުމަށްފަހު ކަމަށެވެ. ހުޅުދޫގެ މަޝްރޫއު ވެސް ހިންގާ ކުންފުނިން މީދޫގެ ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ޝާޑް ވިދާޅުވި އެވެ.

"އަޅުގަނޑުގެ މި މަސައްކަތް ނިންމާލާނީ މި ދެ ރަށުގަ ތޮށިލާން ބޭނުންވާ ކޮންމެ ތަނަކު ބޮޑު ހިލަ ކީއްކުރަންތޯ ޖަވާހިރުން ވެސް ތޮށިލާފަ، އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ޝާޑް ވިދާޅުވި އެވެ.

މި ސަރުކާރުން ގޮނޑުދޮށްތައް ރައްކާތެރިކުރުމަށް ހިންގާ މަޝްރޫއުތަކުގެ ދަށުން 26 ކިލޯ މީޓަރުގެ ސަރަހައްދެއް ވަނީ ރައްކާތެރިކޮށްފަ އެވެ. އެކަމަށް ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.