ހަބަރު

ހުޅުދޫ، މީދޫގައި ވެސް އެއާޕޯޓް އެޅިދާނެ: ޝާޑް

ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވާ ތަރައްގީއަށް އެއްބާރުލުން ދެއްވާނަމަ ހުޅުދޫ، މީދޫގައި އެއާޕޯޓް އެޅުމަކީ ވެސް ފަސޭހަ ކަމެއް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުދޫގެ ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއު ފެށުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާޑް ވިދާޅުވީ، މި ސަރުކާރުން ތަރައްގީ ގެނެސްދެއްވާ ބާރު ސްޕީޑްގެ ސަބަބުން ރައްޔިތުންގެ ޑިމާންޑްތައް ވެސް މަތިވެފައިވާ ކަމަށެވެ. މިހާރު ރައްޔިތުން ބޭނުން ވަނީ އެއާޕޯޓްފަދަ ތަންތަން އެޅުން ކަމަށެވެ.

"ތިޔަ ގޮތުގައި ރައްޔިތުން ތިއްބަވައިފިނަމަ އަޅުގަނޑަށް ވަރަށް ފަސޭހަ މި ދެ ރަށުގަ އެއާޕޯޓް އަޅަން ވެސް، ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް މި ފެންނަނީ މިހާރު އެއާޕޯޓްގެ ވާހަކަ ދައްކާ ތަން، ބަނދަރެއް މިހާރު ބޭނުމެއް ނުވޭ،" ޝާޑް ވިދާޅުވި އެވެ.

"މީގެ ކުރީގަ އިވިގެން މިދަނީ ނަރުދަމާ އާއި ފެނުގެ ވާހަކަ، މި ސަރުކާރު އައިއިރު، އޭގެ ކުރިއަކު އަޅުގަނޑުގެ އުމުރުން ވެސް 40 އަހަރުވީ ނަރުދަމާ އާއި ފެނެއްގެ ވާހަކައެއް އަޑެއް ނާހަން، އެކަމަކު މި ތިން އަހަރުގެ ތެރޭގައި ނަރުދަމާ އާއި ފެނުގެ ވާހަކަ ދައްކާ އެކަން ފޫހިވެއްޖެ، މިހާރު ބޭނުން ވަނީ އެއާޕޯޓް، ކޮންމެ މަހަކު ފަސް އެއާޕޯޓް ސެޓް ސެޓަށް އެ ދަނީ،" ޝާޑް ވިދާޅުވި އެވެ.

ޝާޑް ވިދާޅުވީ، އެފަދަ ތަރައްގީތައް ގެނެސްދެއްވޭނީ އެފަދަ ތަރައްގީ ގެންނަން އެގިވަޑައިގަންނަވާ ބޭފުޅަކަށް ކަމަށެވެ. ރައީސް ޔާމީންއަކީ އެފަދަ ރައީސްއެއް ކަމަށެވެ.