ބޮލީވުޑް

ޒުވާން ތަރިން ވިނޯދްގެ ޖަނާޒާއަށް ނުދިއުމުން ރިޝީ ފާޑުކިޔައިފި

Apr 29, 2017

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ވިނޯދް ކަންނާ، އުމުރުން 70 އަހަރުގައި މިދިއަ ބުރާސްފަތި ދުވަހު ވަނީ މަރުވެފަ އެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ވިނޯދަކީ ފިލްމީ ދާއިރާއަށް ގިނަ ގުނަ މަސައްކަތް ކޮށްދީފައިވާ ތަރިއެކެވެ.

ވިނޯދްގެ 49 އަހަރުގެ ފިލްމީ ހަޔާތުގައި ވަނީ 141 ވުރެން ގިނަ ފިލްމު ކުޅެފަ އެވެ. ވިނޯދްގެ ޖަނާޒާގައި އޭނާއާއެކު މަޝްހޫރު ތަރިން ބައިވެރިވެ އޭނާގެ މަރުވެގެން ދިޔުމަކީ މުޅި ހިންދީ ސިނަމާ އަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް ވަނީ ބުނެފަ އެވެ.

ވިނޯދާއެކު އެކި ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ތަރިންގެ ތެރެއިން އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރަކީ އޭނާ މަރުވުމުން އެންމެ ބޮޑަށް ހިތާމަފާޅު ކުރިން ދެ ތަރިންނެވެ.

ރިޝީ ވަނީ ވިނޯދްގެ ޖަނާޒާގައި ބުރާސްފަތި ދުވަހުގެ ހަވީރު ބާއްވާފައިވާއިރު، މިހާރު ޒުވާން ތަރިން ބައިވެރި ނުވުމުން އެ ތަރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ރިޝީ ބުނީ ވިނޯދާއެކު ޒުވާން ގިނަ އެކްޓަރުންތަކެއް މަސައްކަތްކޮށްފައިވާއިރު، އޭނާއަށް އެންމެ ފަހުގެ ވަދާއީ ސަލާން ކުރަން ނުދިއުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

ވިނޯދްގެ ޖަނާޒާއަށް ފަހު ރިޝީ ކުރި ޓްވީޓެއްގައި މި ޖެނެރޭޝަންގެ އެއްވެސް ތަރިއެއް ވިނޯދްގެ ޖަނާޒާއަށް ނުދިއުމަކީ ލަދުވެތި ކަމެއް ކަމަށާއި އެ ތަރިންގެ ތެރެއިން ގިނަ ތަރިންނާއެކު އޭނާ މަސައްކަތްކޮށްފައިވާ ކަމަށެވެ.

"މިއީ ވަރަށް ލަދުވެތި ކަމެއް. އިހްތިރާމްކުރަން ދަންނަން އެބަޖެހޭ މި ޖެނެރޭޝަންގެ ތަރިން" ރިޝީ ބުނެފައިވެ އެވެ.

ރުޅިގަދަ ވެފައި ހުރި ރިޝީ އިތުރަށް ވަނީ ބުދަ ދުވަހުގެ ރޭ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބޭއްވި ޕާޓީ އަކަށް ބޮލީވުޑްގެ ނަން މަޝްހޫރު ހުރިހާ ތަރިންނެއް ކަހަލަ ގޮތަކަށް ދިޔަ ކަމަށާއި އަދި ވިނޯދްގެ ޖަނާޒާއަށް ދިޔައީ މަދު ބަޔަކު ކަމަށް ބުނެފަ އެވެ.

ވިނޯދް ވަނީ މިހާރުގެ އެންމެ މަޝްހޫރު ތިން ޚާނުން ކަމަށްވާ އާމިރް ޚާން އާއި ޝާހްރުކް ޚާން އަދި ސަލްމާން ޚާން އާއެކު ވެސް މަސައްކަތް ކޮށްފަ އެވެ. ޝާހްރުކް އާއި ސަލްމާން މިވަގުތު ތިބީ އިންޑިއާއިން ބޭރުގައި ކަމަށް ހަބަރުތައް ބުނެ އެވެ.

ސަންޖޭ ދަތާއި ކަރަން ޖޯހަރު ވެސް ވިނޯދް މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ސްޓޭޓްމަންޓް ނެރުނު ނަމަވެސް ޖަނާޒާގައި ބައިވެރިނުވާ ކަމަށްވެ އެވެ.

ރިޝީ ޒުވާން އެކްޓަރުންނަށް ނިސްބަތްކޮށް ކުރި ޓްވީޓާއެކު އޭނާގެ ދަރިފުޅު އަދި އެކްޓަރު ރަންބީރު ކަޕޫރު ވެސް ވިނޯދްގެ ޖަނާޒާގައި ބައިވެރިނުވާ ކަމަށް ބުނެ އޭނާ އަށް އާންމުންގެ ގިނަބަޔަކު ފާޑުކިޔަން ފެށުމުން ވަނީ ރަންބީރާއި އަންހެނުން ނީތޫ އިންޑިއާގައި މިވަގުތު ނެތް ކަމަށާއި ތިބި ނަމަ އެމީހުން އެތަނަށް ދާނެ ކަމަކީ ޔަގީންކަމެއް ކަމަށެވެ.

ރިޝީގެ އިތުރުން އަބީޝެކް ބައްޗަން އާއި ޖެކީ ޝްރޮފް އާއި އަންހެނުން އައިޝާ ޝްރޮފްގެ އިތުރުން އަރްޖުން ރާމްޕަލް އާއި ދީއާ މިރްޒާ ފަދަ ތަރިން ހިމެނެ އެވެ.

ވިނޯދް އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނިކުތް "ދިލްވާލޭ" އިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެން ގޮސްފައިވަނީ ޝާހްރުކް އާއި ވަރުން ދަވަންގެ ބައްޕަގެ ރޯލުންނެވެ.

ރިޝީ ވަނީ ވިނޯދް އާއެކު މަޝްހޫރު ފިލްމުތައް ކަމަށްވާ "އަމަރް އަކްބަރް އެންތަނީ" އާއި "އީނަ މީނަ ޑީކަ" ފަދަ ފިލްމުތައް ކުޅެފަ އެވެ.