ވިޔަފާރި

އަލްޝާލީ މެރިންގެ ޑައިވިން ދޯންޏެއް މާފުށީ ޑައިވްއަށް

Apr 29, 2017

އަލްޝާލީ މެރިން މޯލްޑިވްސް އިން ބަނދެފައިވާ ޑައިވިން ދޯންޏެއް މާފުށީގައި އެންމެ ފުޅާކޮށް މޫދު ކުޅިވަރާއި ޑައިވިންގެ ހިދުމަތްދޭ ސެންޓަރުން ގަނެފި އެވެ.

މާފުށީގައި ފުޅާދާއިރާއެއްގައި މޫދު ކުޅިވަރާއި ޑައިވިންގެ ހިދުމަތްދޭ މާފުށި ޑައިވް އިން ވާހަކަ ދެއްކި އިސް އޮފިޝަލަކު ބުނީ އެ ސެންޓަރުން ފުރަތަމަ ފަހަރަށް އަލްޝާލީ މެރިންގެ ދޯންޏެއް ގެނެގޮސް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

"މުޅިން އަލަށް އަލްޝާލީ މެރިންއާއެކު މަސައްކަތް މި ފެށީ. މިފަހަރު މި ގެންދިޔައީ 50 ފޫޓުގެ ދޯންޏެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެ ކުންފުނިން އަލްޝާލީ މޯލްޑިވްސްގެ ޑައިވިން ދޯންޏެއް ގެންދިޔައީ އޮފިޝަލް ވިދާޅުވި ގޮތުގައި މި ކުންފުނީގެ އުޅަނދުތައް ފުރިހަމަ ކަމުންނެވެ.

"ބޭނުންވާ ގޮތަށް މި ބަނދެލާފަ އިނީ. އެހެންވެ މި ކުންފުނީގެ ދޯންޏެއް ހޯދީ،" އޮފިޝަލް ވިދާޅުވި އެވެ.

އަލް ޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވީ "އައިލެންޑް ހޮޕާ" 50 ދޯނީގެ ޑިމާންޑް ރާއްޖޭގައި ވަރަށް ބޮޑު ކަމަށެވެ.

"ވަރަށް ގިނަ ރިސޯޓުތަކުގައި މި ދޯނި ގެންގުޅޭނެ. އެކަމަކު މިއީ އަލަށް މާފުއްޓަށް ގެންދިޔަ،" ޝަރީފު ވިދާޅުވި އެވެ.

އަލް ޝާލީ މެރިން މޯލްޑިވްސްއިން ޑައިވިން ދޯނީގެ އިތުރުން ތަފާތު ސައިޒުތަކުގެ ސްޕީޑް ލޯންޗުވެސް ދަނީ ބަންނަމުންނެވެ. އަދި މިކަން ކުރުމަށް ތިލަފުށީގައި އެ ކުންފުނިން ޔާޑެއްވެސް ގެންގުޅެ އެވެ.