ބޮލީވުޑް

ރަންބީރާއި ކެޓްރީނާގެ ސެލްފީއެއް، ދެތަރިން ސުލްހަވީތަ؟

Apr 29, 2017

ބަތަލާ ކެޓްރީނާ ކައިފް ވަނީ ބުރާސްފަތި ދުވަހު އިންސްޓަގްރާމާ ގުޅިފަ އެވެ. އޭނާ އިންސްޓަގްރާމާ ގުޅުމުން ގިނަތރިން ތަކެއް އަންނަނީ މަރުހަބާ ކިޔަމުންނެވެ.

އެ ތަރިންގެ ތެރޭގައި ކެޓްރީނާ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާން ހިމެނެ އެވެ. ކެޓްރިނާ އަށް އިންސްޓަގްރާމަށް މަރުހަބާ ކިޔާ ކޮންމެ ތަރިއެއް ވެސް އަންނަނީ އޭނާ އާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކުރަމުންނެވެ.

ކެޓްރިނާ އަށް އަލަށް މަރުހަބާ ކީ ތަރި އަކީ އޭނާ އާއި ރަންބީރު ކަޕޫރާ އެކު "ޖައްގާ ޖާސޫސް" ގައި ފެނިގެންދާ ސަޔާނީ ގުޕްތާ އެވެ.

ސަޔާނީ އިންސްޓަގްރާމް އަށް ލާފައިވާ ފޮޓޯ އަކީ ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ކެޓްރީނާ އާއި ރަންބީރުގެ އިތުރުން ސަޔާނީގެ ސެލްފީ އެެކެވެ. ސަޔާނީގެ އިންސްޓަގްރާމް ކޮށްފައިވާ މި ސެލްފީ މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، "ޖައްގާ ޖާސޫސް" ގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ މި ފޮޓޯ އާއެކު މިދެތަރިންގެ އަލުން ސުލްހަވި ކަމާ މެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިއީ ކެޓްރީނާ އާއި ރަންބީރު މިދިޔަ އަހަރުގެ ޖެނުއަރީގައި ރުޅިވިފަހުން އެކުގައި ފެނިގެންދިޔަ ފުރަތަމަ ސެލްފީ އެވެ.

ސަޔާނީ، ކެޓްރީނާ އިންސްޓަގްރާމާ ގުޅުމުން މަރުހަބާ ކިޔަން ޕޯސްޓް ކުރި ފޮޓޯގެ ކެޕްޝަންގައި ވަނީ މި ފޮޓޯ އަކީ ރަންބީރު ނަގާފާއިވާ ސެލްފީއެއް ކަމަށާއި އަދި މިއީ "ޖައްގާ ޖާސޫސް" ގެ ޝޫޓިން ނިމުނު ދުވަހު ނަގާފައިވާ ފޮޓޯއެއް ކަމަށް ލިޔެފަ އެވެ.

ރަންބީރާއި ކެޓްރިނާގެ ހަ އަހަރުވީ ލޯބީގެ ގުޅުން މިދިޔަ ޖެނުއަރީ މަހު ނިމުމަކަށް ގެނައި ހިސާބުން ދެތަރިން ކުޅެމުން އައި "ޖައްގާ ޖާސޫސް" ގެ ޝޫޓިން އަށް ވަނީ އެތަކެއް ދަތިތަކަށް ކުރިމަތިވެފަ އެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ މި ފިލްމު ރިލީޒްކުރުން ވަނީ ފިލްމުގެ މަންޒަރުތައް ނަގައި ނުނިމިގެން ތިން ފަހަރެއްގެ މަތިން ލަސްކޮށްފަ އެވެ.

މިދެތަރިންގެ ދެމެގައި މައްސަލަ ޖެހި، ފިލްމުގެ ޝޫޓިން ނުނިމި ދިގުލައިގެން ގޮސް އެކުގައި ފިލްމު ޕްރޮމޯޓްނުކުރާނެ ކަމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ. ނަމަވެސް މިފަހުން ރަންބީރު ވަނީ ކެޓްރީނާ އާއެކު މި ފިލްމު ޕްރޮމޯޓްކުރަން އޭނާ ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.

ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައިވާ މި ފިލްމު ޖުލައި 14 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް މިވަނީ އިއުލާންކޮށްފަ އެވެ. އަދި މި ފިލްމަކީ އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކޮށް އޭނާ އާއި ރަންބީރު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ޓްރެއިލާ ވަނީ މިދިޔަ ޑިސެމްބަރު މަހު ރިލީޒްކޮށްފަ އެވެ.