ހަބަރު

ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ: މިނިސްޓަރު

ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ، ހުޅުދޫގެ ނަރުދަމާ މަޝްރޫއު އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީގައި ނަރުދަމާގެ މަސައްކަތް ފެށިގެންދާއިރު އެހެން ބޮޑެތި އާބާދީތަކުގައި ވެސް އެފަދަ މަޝްރޫއުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ނައިފަރުގައި ފެނާއި ނަރުދަމާގެ މަޝްރޫއު ފަށާނެ ކަމަށެވެ.

"ނައިފަރަކީ ވެސް ހަމަ ބޮޑު އާބާދީއެއް އޮންނަ ރަށެއް، މާގިނަ ދުވަހެއް ނުވެ ނައިފަރުގައި ވެސް ނަރުދަމާގެ މަސައްކަތް ފެށޭނެ، ބޮޑެތި އާބާދީތަކަށް ބޭނުންވާ ކަންކަން ރައީސް ފުއްދަވައިދެއްވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނައިފަރުގެ ނަރުދަމާއި ފެނުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ މަ މަހުގެ ތިންވަނަ ދުވަހު އެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ލަކީ އެކްސްޕޯޓްސް އާއި ޓްރިވެނިއާ އެކުވެގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކަށެވެ.

ނައިފަރުގައި ގާއިމުކުރާ ނަރުދަމާގެ ނިޒާމަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބަޖެޓުންނާއި އިސްލާމިކް ޑިވެލޮޕްމެންޓް ފައުންޓްގެ ލޯނަކުންނެވެ. ފެނުގެ ނިޒާމަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބަޖެޓުންނާއި އޯޕެކް ފައުންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)ގެ ލޯނަކުންނެވެ.

އިއްޔެ ވަނީ އައްޑޫ ސިޓީ، ހުޅުދޫ އަދި މީދޫގައި ނަރުދަމާގެ މަޝްރޫއު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. މިއަދު އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ ފޭދޫ އަދި މަރަދޫގައި ވެސް މި މަސައްކަތް ފެށޭނެ އެވެ. ބޮޑު އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީގައި ވެސް ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.