ހަބަރު

އިންޑިޔާގެ ޔުނިވާސިޓީއަކުން ރައީސް ޔާމީނަށް އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަނީ

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ގެނައި ރަނގަޅު ބަދަލާއެކު އިންޑީޔާގެ އެންމެ ބޮޑު އެއް ޔުނިވާސިޓީން ރައީސް ޔާމީންއަށް އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަން ނިންމައިފި އެވެ. އިންޑިޔާގެ ޔުނިވާސިޓީއަކުން ރައީސް ޔާމީންއަށް އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަން ނިންމާފައިވާ ކަމެއް ރައީސް އޮފީހުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ނަމަވެސް ޕީޕީއެމްގެ މާލެ ސިޓީ ޑޯޓުޑޯ ކެމްޕެއިން ނިންމާލުމަށް ރޭ ބޭއްވި ހަފްލާގައި ވާޙަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކުރިން ރާއްޖޭގެ އިގްތިސާދަށް އައިސްފައި އޮތް ބަނަކަމުން ހިމާޔަތް ހޯދާ ގައުމު ހަމަ މަގަށް އަޅުވާ، ތިން އަހަރާ ބައިގެ ތެރޭގައި ރައީސް ޔާމީން ގައުމަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އަދި އެކަން ފާހަގަކޮށް އިންޑިޔާގެ އެންމެ މަގުބޫލް ހަތް ބިޒްނަސް ޔުނިވާސިޓީ ތެރެއިން އެއް ޔުނިވާސިޓީއަކުން ރައީސް ޔާމީންއަށް އޮނަރަރީ ޑޮކްޓްރޭޓްކަން އަރުވަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުން އެއް އިގްތިސާދުގެ އެންމެ މަތީ ފެންވަރުގެ ހަތް ޔުނިވާސިޓީ ތެރެއެން އެއް ޔުނިވާސިޓީގެ ވާހަކަ މި ދައްކަނީ. މިކަން ކުރާނެތޯ އެއްވެސް ހިންގުންތެރިކަމެއް ނެތް އިގްތިސާދީ ގޮތުން މިސްޓޭކް ހެދެމުން ދާ ގައުމުތަކުގެ ތެރެއިން. ނުކުރާނެ،" ސައީދު ވިދާޅުވި އެވެ.

އިންޑީޔާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީގެ އަތްޕުޅުން އެ ޝަރަފު ރައީސް ޔާމީންއަށް އަރުވަން އޮތް ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ދުވަސްވަރު ކަމަށްވާތީ، ޕީޕީއެމްގެ ކެނޑީޑޭޓުންނާއި ރައްޔިތުންނަށްޓަކައި އެ ހަފްލާއަށް ރައީސް ވަޑައިނުގަންނަވާ ގޮތަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއީ އެމަނިކުފާނު ގައުމަށް ދެކެވާ ލޯބިވ ދައްކުވާދޭ ކަމެއް ކަމަށާއި އެކަމަށްޓަކައި އެކަނިވެސް ރައީސް ޔާމީން 2018 އަށް ހޮވާ ގައުމު ހަލަބޮލު ކަމަށް ގެންނަން އުޅޭ ފަރާތްތައް އެއްފަރާތް ކުރަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.