ހަބަރު

ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ، ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދު ތިން ރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކުގަ އެވެ.

ކޮންމެ ރަށެއްގެ ވެސް މަޝްރޫއު ފައްޓަވައިދެއްވީ، އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

މިއީ 130.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއަށް ހަރަދު ކުރަނީ އޯޕެކްގެ ލޯން އެހީ އަދި ދިވެހި ސަރުކާރުންނެވެ.

މިމަޝްރޫއުގެ ދަށުން އެ ތިން ރަށުގައި 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކުރާނެ އެވެ. އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެއެވެ.

އިއްޔެ ވަނީ އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫގެ ނަރުދަމާގެ މަސައްކަތް ވެސް ފަށާފަ އެވެ. ހުޅުދޫ އަދި މީދޫގައި ހަދާ ނަރުދަމާ ނިޒާމަށް 113.9 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެ މަޝްރޫއުގެ ދަށުން 31.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އެދެ ރަށުގައި ގާއިމްކުރާނެ އެވެ. އަދި 1885 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑޫގެ ނަރުދަމާގެ މަޝްރޫއުއަކީ މިހާތަނަށް ހިންގާ އެންމެ ބޮޑު ނަރުދަމާގެ މަޝްރޫއުއެވެ.

"މިއީ ރައީސް ޔާމީން އައްޑޫ ރައްޔިތުންނަށް ހާއްސަކޮށް ހިންގަވާ މަޝްރޫއެއް، އަސްލު ސިޓީއަކަށް ހަދަވައިދެއްވުމަށް ކުރައްވާ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.