ހަބަރު

ރައީސްއަށް އެއްބާރުލުން ދެއްވައިފިނަމަ ބޮޑެތި މަޝްރޫއުތައް އައްޑޫއަށް އަންނާނެ: ތޯރިގު

އައްޑޫ ސިޓީއަކީ ރައީސް އަބްދުﷲ ޔާމީން ވަރަށް އިސްކަމެއް ދެއްވާ ސިޓީއެއް ކަމަށާއި ރައީސްއަށް އެއްބާރުލުން ދެއްވާނަމަ މިހާރަށްވުރެ ގިނަ މަޝްރޫއުތައް އަައްޑޫ ސިޓީއަށް އަންނާނެ ކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ފޭދޫގެ ނަރުދަމާގެ މަސައްކަތް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، ރައީސް ޔާމީންއަކީ ކަންތައްތައް ކުރައްވަން އެނގޭ، ރައްޔިތުންގެ އިހުސާސްތައް އަޑު އައްސަވާ ރައީސްއެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންނަށް ކޮށްދެއްވާ ރައީސްއެއް ކަމަށެވެ.

"އެހެންކަމުން ތިޔަބޭފުޅުންގެ ސަޕޯޓް އެމަނިކުފާނަށް ދެއްވަވައިފިނަމަ ކުރިއަށް އޮތްތާ މިއަށްވުރެ މުހިންމު ބޮޑެތި ކަންތައްތައް މިއަށްވުރެ ބާރަށް ރަށުގެ ތަރައްގީ ކުރިއަރައިގެން ދާނެ، ކުރިއަށް އޮތީ ތިޔަބޭފުޅުންގެ ތާއިދު ރައީސްއަށް ދެއްވަން ޖެހޭ ދުވަސްވަރު،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ، އައްޑޫ ސިޓީގައި މިހާރު އޮތް ކައުންސިލަކީ ފެއިލްވެފައިވާ ކައުންސިލެއް ކަމަށާއި އެ ކައުންސިލް ބަދަލުކުރަން ޖެހޭ ކަމަށެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުގެ ކެނޑިޑޭޓުން ހޮވުމަށް ތޯރިގު ވަނީ ގޮވާލައްވާފަ އެވެ. ސަރުކާރުގެ ކެނޑިޑޭޓުންނަކީ ގޮނޑި ހޫނު ކުރަން ތިއްބަވާނެ ބައެއް ނޫން ކަމަށާއި ސަރުކާރާ ގުޅިގެން ތަރައްގީ ގެނައުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެކުރީގެ ސަރުކާރުތަކުން އައްޑޫއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން މިހާރު ވެސް ވަނީ މީގެކުރިން އައްޑޫ ނުދެކޭފަދަ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކެއް ގެނެސްދެއްވާފަ ކަމަށް ތޯރިގު ވިދާޅުވި އެވެ. ކުރިއަށް ވެސް ބޮޑެތި މަޝްރޫއުތަކެއް އައްޑޫއަށް ހުރިއިރު އެކަންކަން ހާސިލުކުރުމަށް ރައީސް ޔާމީނަށް އެއްބާރުލުންދޭން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ތާއިދާއި އެއްބާރުލުން ދިނުމަކީ ރައީސް ޔާމީންއަށް ދެވޭނެ ހަކަތައެއް ކަމަށެވެ.