ވިޔަފާރި

ގިނަ ޗެނަލްތަކާ އެކު ދިރާގު ޓީވީގެ ހިދުމަތް މުޅި ރާއްޖެ އަށް

ދިރާގުން މިފަހުން ތައާރަފްކުރި އައިޕީ ޓީވީގެ ހިދުމަތް މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

ބައިނަލް އަގުވާމީ ޗެނަލްތައް ހިމެނޭ ގޮތަށް 60 އާ ގާތްކުރާ އަދަދަކަށް ޗެނަލް އާއެކު ދިރާގުން ޓީވީ ހިދުމަތް ތައާރަފް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި މި ހިދުމަތް އަތޮޅުތެރޭގެ ރަށްތަކަށް މާދަމާ އިން ފެށިގެން ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މި ހިދުމަތް އަލަށް ފެށުމާއި ގުޅިގެން ދރާގުން ވަނީ މި ހިދުމަތަށް އެނެމް ފުރަތަމަ ސަބްސްކްރައިބް ކުރާ 1500 ފަރާތްތަކަށް ވަރަށް ހާއްސަ ޕެކޭޖްތަކެއް ހުށަހަޅާފަ އެވެ. އޭގޮތުން މިފަރާތްތަކަށް މިމަހުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް މަހު ފީއެއްގެ ގޮތުގައި ހަމަ އެންމެ 300 ރުފިޔާ ނަގާގޮތަށާއި އެއް މަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބުމުގެ އިތުރުން ޖޯއީބޮކްސް އާއި ކަނެކްޝަން ހިލޭ ގުޅައިދޭ ގޮތަށް ހަމަ ޖެހިފައިވާ ކަމަށް ދިރާގުން ބުނެފައި ވެއެވެ.

ދިރާގުން އެންމެ ފުރަތަމަ ރެޖިސްޓްރީވާ 100 ފަރާތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މި ހިދުމަތް ހިލޭ ދިނުމަތް ހަމަޖައްސާފައިވާ އިރު މި ހިދުމަތް ތައާރަފް ކުރިތާ ގަޑިއިރެއްގެ ތެރޭގައި ހިލޭ ޖާގަައް ހުސްވެފައިވާ ކަމަށް ދިިރާގުން ބުންޏެވެ.

ދިރާގުން މިދިޔަ އަންގާރަ ދުވަހު ޓީވީގެ ހިދުމަތް ތައާރަފް ކޮށްފައި ވާއިރު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާއެކު ކަސްޓަމަރުންނަށް ވީހާ ވެސް ލުއި އަގުތަކެއްގައި ގިނަ ޗެނަލްތަކެއް ބަލާލެވޭނެ ބޭސިކް ޕެކޭޖެއް ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ވަރަށް ކައިރި މުސްތަގުބަލެއްގައި ކަސްޓަމަރުން ޝައުގުވެރިވާނެ ގިނަ ޗެނަލް ތަކެއް ހެޔޮ އަގުތަކެއްގައި ގެނެސްދޭނެ ކަމަށް ވެސް ބުންޏެވެ.