ހަބަރު

"ރައްޔިތުންނާއި ސަރުކާރާ ދެމެދު ފާލަމެއް އަޅަން ޕީޕީއެމްގެ ކެނޑިޑޭޓުން ހޮވަން ޖެހޭ"

މާލޭގެ ހުރިހާ ދާއިރާތަކަށް ހަލުވި ކަމާއެކު ތަރައްގީ އަންނާނީ ސަރުކާރާއި ކަައުންސިލާ ދެމެދު ފާލަމެއް އަޅައިގެން ކަމަށާއި އެކަން ކުރެވޭނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓަކު ހޮވައިގެން ކަމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޝިނާން ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ މައްޗަން ގޯޅި ދެކުނު ދާއިރާގެ ޕީޕީއެމް ކެނޑިޑޭޓު މުހައްމަދު ޝުއާއުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މިރޭ މައްޗަންގޯޅި ޕީޓްރަލް ކަންމަތީގައި ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝިނާން ވިދާޅުވީ ބޮޑެތި މައްސޫލިއްޔަތްތަކާއެކު މާލެ ސިޓީގައި ސިޓީ ކައުންސިލެއް ވުޖޫދުވެފައި އޮތް ނަމަވެސް އެ ފަރާތްތައް ވީތަނެއް ނޭނގޭ ކަމަށާއި އެކަމުގެ ބުރަ އުފުލަން ޖެހެނީ މިއަދު ސަރުކާރަށް ކަމަށެވެ. ނަމަވެސް މާލޭގެ އެކި ދާއިރާތަކުގައި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އެ މަސައްކަތްތަކަކީ ކައުންސިލްގެ ތެރެއިން ހައްލު ކުރަން ޖެހޭ ކަންކަން ކަމަށެވެ.

ޝިނާން ވިދާޅުވީ ސިޓީ ކައުންސިލްގެ ތެރޭގައި ޕީޕީއެމްގެ ކެނޑިޑޭޓުން ތިބުމުން އެ ދާއިރާގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށާއި އެކަމަކީ ރައްޔިތުންނާ ސަރުކާރާ ގުޅުވައިދޭ މުހިންމު ފާލަމަކަށް ވެސް ވެގެންދާނެ ކަމަށެވެ.

"ދާއިރާގެ އެކިއެކި ރައްޔިތުންނާ ވާހަކަ ދެއްކީމަ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި. އެކަންކަމަށް ހައްލެއް ގެންނަން ޖެހޭ. އެ މަސައްކަތް މުނިސިޕަލް ކައުންސިލްގެ ތެރޭގައި ގެންދެވޭނެ. އަޅުގަނޑުމެން މަޖިލީހުގައި ސިޔާސަތުތައް ކަނޑައަޅާ ގާނޫނުތައް ހެދުން. އޭގެ ދަށުން އަންނަ ލޭޔަރަކީ ސިޓީ ކައުންސިލްތަކުގައި ހުންނަ މައްސޫލިއްޔަތުތައް،" ޝިނާން ވިދާޅުވި އެވެ. "ކޮންމެ ބޭފުޅަކުވެސް ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ބޭނުންވާނެ. ދާއިރާގައި އެ އުނދަގޫތައް ހުރި ކަމަށް ވާނަ ޕީޕީއެމްގެ ކެނޑިޑޭޓަށް ވޯޓު ދެއްވާ. އެ ވޯޓަކީ މައްސަލަތަކަށް ހައްލު ދިނުމަށް ދެވޭ ވޯޓެއް،" އޭނާ ވިދާޅުވި އެވެ.

ޝިނާން ވިދާޅުވީ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައްޔިތުން މިހާރު އެންމެ ބޭނުންވެފައިވާ ފަދައިން ޕާކެއް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އޭގެ އިތުރުން ޒުވާނުންނަށް ހާއްސަ ޔޫތު ސެންޓަރެއް އެޅުމަށް ރާވާފައިވާ ކަމަށެވެ. އަދި އެކަން ކުރުމަށް އެންމެ ގާބިލް ބޭފުޅަކީ އެ ދާއިރާގެ ޕީޕީއެމްގެ ކެނޑިޑޭޓު ޝުއާއު ކަމަށެވެ.