ދުނިޔެ

އައިއެސް ހަނގުރާމަވެރިން ސީރިއާގެ ވެރިރަށަށް ވަދެފި

Apr 2, 2015

އިސްލާމީ ހިލާފަތެއް ކަަމަށް ދައުވާކުރާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން، ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއް ހިފަން ހަމަލާ ދޭން ފަށައިފި ކަމަށް އެކްޓިވިސްޓުންނާއި ފަލަސްތީނުގެ އޮފިޝަލުން ބުނެފި އެވެ.

ޔަރްމޫކްގައި ހުންނަ ރެފިއުޖީ ކޭމްޕް ސަރަހައްދަށް އައިއެސްގެ ހަނގުރާމަވެރިން ވަނުމާ އެކު، ރެފިއުޖީ ކޭމްޕް ސަރަހައްދުގައި އުޅޭ ހަނގުރާމަވެރި ޖަމާއަތްތަކާއި އައިއެސްއާ ދެމެދު ވަރުގަދަ އަށް ހަމަލާ ބަދަލުކުރަން ފަށާފައިވާ ކަމަށްވެ އެވެ. މި ކޭމްޕް ހިމެނޭ ސަރަހައްދުގެ ބޮޑު ބައެއް މިހާރު އޮތީ އައިއެސްގެ ބާރުގެ ދަަށުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އދ. އިން ބުނީ އައިއެސް އިން ހިފަން މަސައްކަތްކުރާ ސަރަހައްދުގައި ހުރ ރެފިއުޖީ ކޭމްޕުގައި 18000 އަށް ވުރެ ގިނަ މީހުން އުޅޭ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވަރަށް ގިނަ ކަމަށެވެ.

އިރާގާއި ސީރިއާގެ ވަރަށް ބޮޑު ސަރަަހައްދެއް އައިއެސް އިން ހިފާފައި ވިޔަސް މިއީ ސީރިއާގެ ވެރިރަށުގައި މިގޮތަށް ވަރުގަދަ އަށް ހަމަލާ ދޭން ފެށި ފުރަަތަމަ ފަހަރެވެ.

ޔަރްމޫކުގެ އާންމުން ބީބީސީ އަށް ބުނީ އެ ސަރަހައްދުގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ސީރިއާ ސަރުކާރާ ދެކޮޅު ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަކްނަފް ބައިތުލް މަގްދިސް އިން ކަމަށެވެ. ފަލަސްތީނުގެ ހަނގުރާމަވެރިން އިއްޔެ ވަނީ އައިއެސް އިން ހިފި ބައެއް ސަރަހައްދުތައް އަލުން ހިފާފައި ކަމަށް ވެސް އާންމުން ބުންޏެވެ.

ރެފިއުޖީންގެ ކަންކަމާ ބެހޭ އދ.ގެ އިދާރާ އިން ބުނީ ރެފިއުޖީ ކޭމްޕް ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ދިއުމާ އެކު ކުޑަކުދިންނާއި އަންހެނުންގެ އެތައް ހާސް ބަޔަކު ވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައި ކަމަށެވެ. --ބީބީސީ