ހަބަރު

ޕާކިސްތާނުން ރާއްޖޭގެ ސްކޫލްތަކަށް ލެޕްޓޮޕް ހަދިޔާ ކޮށްފި

ޕާކިސްތާނުން ރާއްޖޭގެ ސްކޫލްތަކަށް ލެޕްޓޮޕް ހަދިޔާކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރިގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން ވަނީ ރާއްޖޭގެ ސްކޫލްތަކަށް 15 ލެޕްޓޮޕް ހަދިޔާ ކޮށްފަ އެވެ. މި ލެޕްޓޮޕްތަކަކީ ޕާކިސްތާނުގެ ފުރަތަމަ ގަވަރުނަރު ޖެނެރަލް މުހައްމަދު އަލީ ޖިނާހުގެ ނަމުގައިވާ "ޖިނާހު ލެޕްޓޮޕް ސްކީމް" ގެ ދަށުން ހަދިޔާ ކުރި ލެޕްޓޮޕް ތަކެކެވެ.

ލެޕްޓޮޕްތައް ހަވާލު ކުރެއްވީ ފާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ސައީދު ޚަވަރް އަލީ ޝާހު އެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ލެޕްޓޮޕްތަކާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓާ ޑރ. އައިޝަތު ޝިހާމް އެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ މި ލެޕްޓޮޕްތަކަކީ އެކި އަހަރުތަކަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ސުކޫލްތަކަށް ދިނުމަށް ހަމަޖެހިފައިވާ ލެޕްޓޮޕްތަކެއް ކަމަށާއި ދޭނީ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދާ ދަރިވަރަކަށް ކަމަށެވެ.

"އަޅުގަނޑުމެން ހަމަޖައްސާފައިވާނީ ކޮންމެ ސުކޫލަކުން ވެސް އެ ސުކޫލުގެ އެންމެ މޮޅު ދަރިވަރު ކަމުގެ މަގާމު ހޯދާ ދަރިވަރަކަށް އެ ސުކޫލަކަށް ހަދިޔާ ކުރެވޭ ލެޕްޓޮޕް ދިނުމަށް. 'ޖިނާހު ލެޕްޓޮޕް' ސްކީމުގެ ދަށުން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ވެސް ލެޕްޓޮޕް ދިނުމަށް ހަމަޖެފައިވޭ." މިނިސްޓާ ވިދާޅުވި އެވެ.