ހަބަރު

ބޮޑު ހިޔާނާތުގެ ރިޕޯޓު ނުނެރެވުނު، އޭސީސީ ހިމޭނުން

މައްސަލަ ރައްދުވާ ބައެއް ފަރާތްތަކުގެ ބަޔާންތައް ނުލިބުނަސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް އިތުރަށް ލަސްނުކޮށް މި މަހު ނެރޭނެ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވީ ނަމަވެސް މި މަސް މިއަދު ނިމުނު އިރުވެސް އެ ރިޕޯޓް އެ ކޮމިޝަނަށް ނެރެވޭ ގޮތެއް ނުވި އެވެ.

އެމްއެމްޕީއާރްސީގެ ތެރޭގައި ހިންގި ބޮޑު ހިޔާނާތުގެ ރިޕޯޓު ނެރުމަށް އެކި ތާރީހުތައް މީގެ ކުރިންވެސް އެ ކޮމިޝަނުން އިއުލާނު ކުރި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ފަރާތްތަކުން ކަނޑައެޅި ތާރީހަކަށް އެ މައްސަލާގެ ރިޕޯޓު އާންމު ކޮށްފައެއް ނުވެ އެވެ. ނަމަވެސް މި މަހު ނިމުމުގެ ކުރިން އެ ރިޕޯޓު ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކޮމިޝަނުން ދިނެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެ ރިޕޯޓު ނެރެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން "އަވަސް"އިން ތަކުރާރުކޮށް އޭސީސީގެ އިސްވެރިންނާ ފޯނަށް ގުޅި ނަމަވެސް އެއިން ބޭފުޅަކު ޖަވާބެއް ނުދެއްވަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގެ ރިޕޯޓު އޭސީސީން ނެރުމުގައި ލަސްތަކެއްވެފައިވާތީ އެކަމުގެ ފާޑުކިޔުންތައް އެ ކޮމިޝަނަށް ވަރަށް ބޮޑަށް އަމާޒުވެ އެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން މީގެ ކުރިން އެ ކޮމިޝަނުން ބުނެފައި ވަނީ އެ ތަހުގީގަށް މައުލޫމާތު ހޯދަން ފަސޭހަ ނޫން ކަމަށާއި އެއީ ވަރަށް ބޮޑު ތަހުގީގެއް ކަމަށެވެ. އަދި އެ ތަހުގީގު ކުރުމަށް ޓަކައި އެ މައްސަލައަށް ހާއްސަ ނުވަ އިންވެސްޓިގޭޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހިޔާނާތާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ހާއްސަ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އެ ހިޔާނާތުގެ ސަބަބުން އެމްއެމްޕީއާރުސީގެ ބަޖެޓުން 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ. އޭސީސީ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ގެއްލުނު ފައިސާގެ އަދަދު އޮޑިޓް ރިޕޯޓްގައިވާ އަދަދާ ތަފާތެއް ނެތެވެ.