ހަބަރު

ކުދިންނަށް އަނިޔާކޮށްގެން މިދިޔަ މަހު އެކަނި 142 މައްސަލަ

ކުޑަކުދިންނަށް އަނިޔާކޮށްގެން މިދިޔަ މާޗް މަހު އެކަނި 142 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު ވެސް އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ވަނީ ޖުމްލަ 279 މައްސަލައެއް ހުށަހަޅާފަ އެވެ.

އޭގެ ތެރެއިން ކުޑަކުދިންނަށް އަނިޔާކޮށްގެން 142 މައްސަލަ ހުށަހަޅާފައިވާއިރު އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ
މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 50 މައްސަލަ ރިޕޯޓްކޮށްފައި ވާއިރު، މީގެ ތެރެއިން 40 މައްސަލައަކީ
ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެން ކުދިންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ. މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ 41 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 26 މައްސަލަ އާއި ނަފްސާނީ އަނިޔާގެ 23 މައްސަލަ އަދި ހަނގާ ކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމްކޮށްގެން މިދިޔަ މަހު އަށް މައްސަލައެއް ހުށަހެޅި އެވެ. އެއީ، ސިއްހީ ފަރުވާ ފޯރުކޮށް ނުދިނުމުގެ ހަތަރު މައްސަލައަކާއި ސާފު ބޯފެނާއި ކަރަންޓު ފޯރުކޮ ށްނުދިނުމުގެ ދެ މައްސަލައަކާއި ތައުލީމް ފޯރުކޮށް ނުދިނުމާ ގުޅޭ އެއް މައްސަލަ އަދި އުފަން ދުވަހުގެ ސެޓްފިކެޓް ނުހެއްދުމުގެ އެއް މައްސަލަ އެވެ.

އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 10 މައްސަލައެއް މިނިސްޓްރީއަށް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ. ކުޑަކުދިންގެ އަހްލާގީ މައްސަލަތަކުގެ 17 މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި "ޓެމްޕާ ޓެންޓްރަމްސް" އާ ގުޅޭ 10 މައްސަލަ އާއި ގެއިން ފިލައިގެން ދިޔުމުގެ ތިން މައްސަލަ އާއި ގޯނާކުރުމުގެ ތިން މައްސަލަ އަދި ހަނގާކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 44 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެ 44 މައްސަލައިގެ ތެރެއިން 21 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 11 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ.