ހަބަރު

މިރޭ ރިޔާޒު ފުލުހަށް ހާޒިރުކުރަނީ

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ. އޭނާއަށް އަންގާފައިވަނީ މިރޭ 8:30 ފުލުހަށް ހާޒިރުވުމަށެވެ.

ކުރިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި ރިޔާޒު މީގެ ކުރިން ވެސް އެކި ފަހަރު މަތިން ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. މިރޭ އޭނާ ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

ރިޔާޒުގެ ފޯނުގެ ޕިން ކޯޑް ފުލުހުންނަށް ނުދިން މައްސަލާގައި އޭނާގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އަދި މައްސަލާގެ ޝަރީއަތް ފަށާ މިހާރު ވަނީ ހެކިބަސް ވެސް ނަގާފަ އެވެ.

އެ މައްސަލާގެ ޝަރީއަތް ކުރިއަށްދާއިރު ރިޔާޒުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ. ރިޔާޒުގެ ފޯނު، ކުރިމިނަލް ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓީ ވެސް އެ މައްސަލާގެ ތަހުގީގަށެވެ. ރިޔާޒު ވަނީ ކުރިމިނަލް ކޯޓު މެދުވެރިކޮށް ފޯނުގެ ޕިން ކޯޑް މިހާރު ފުލުހުންނަށް ދީފަ އެވެ.