ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އަތޮޅުތަކަށް ވޯޓު ކަރުދާސް ފޮނުވަން ފަށައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމަށް ބޭނުންވާ ކަރުދާހާއި އެހެނިހެންތަކެތި އަތޮޅުތަކު ތެރެއަށް ފޮނުވަން ފަށައިފި އެވެ.

އިލެކެޝަން ކޮމިޝަން (އީސީ) އިން ބުނީ އިންތިހާބުގެ ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށާއި އެގޮތުން 12 އަތޮޅަކަށް ވޯޓް ކަރުދާހާއި އިންތިހާބަށް ބޭނުންވާ އެހެން ތަކެތި މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެހެން ރަށްތަކަށް ވެސް ވަރަށް އަވަހަށް ފޮނުވާނެ ކަމަށާއި ވޯޓު ފޮއްޓާއި ވޯޓިން ބޫތު މިހާރު ހުރިހާ ރަށަކަށް ފޮނުވާ ނިމިފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ފަހުގެ ތައްޔާރީތައް އީސީން ކުރަމުން އަންނަ އިރު ފުލުހުން ވެސް ވަނީ އިންތިހާބު ބާއްވާ ރަށްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ފަށާފަ އެވެ.

އެ އިންތިހާބުގައި ވޯޓުލުމަށްޓަކައި 422 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު 255،987 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.