ހަބަރު

ސޮލަރެލް އިންޝުއަރަންސްގެ ގޮތްޕެއް އައްޑޫގައި ހުޅުވަނީ

ރާއްޖޭގެ ފުރަތަމަ އަމިއްލަ 100 ޕަސަންޓް ދިވެހިން ހިއްސާވާ އިންޝުއަރަންސް ކުންފުނި، ސޮލަރެލް އިންޝުއަރަންސްގެ ގޮތްޕެއް އައްޑޫ ސިޓީގައި ގާއިމުކުރުމަށް ނިންމައިފި އެވެ. މިކަމުގެ ހުއްދަ އެ ކުންފުންޏަށް މިހާރު ވަނީ ލިބިފަ އެވެ.

ސޮލަރެލް އިންޝުއަރަންސަށް އެއް އަހަރު ފުރުން ފާހަގަ ކުރަން މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޗެއާމަން ބަންދު އިބްރާހިމް ސަލީމް (ބަންދޭ) ވިދާޅުވީ، ކުންފުންޏަށް އަދި އެންމެ އަހަރެއްވީ ނަމަވެސް އައްޑޫ ސިޓީގައި ގޮތްޕެއް ހުޅުވުމަށް މިހާރު ނިންމާފައިވާ މަށެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން އެ ބްރާންޗް އައްޑޫގައި ހުޅުވާނެ،" ރާއްޖޭގެ ގިނަ ކުންފުނިތަކެއް ހިންގެވުމުގައި ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބަންދޭ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ސޮލަރެލް ތައާރަފްވެގެން ދިޔައީ ރާއްޖޭގެ އިގްތިސޯދު ފުޅާވެ، ވާދަވެރި މާކެޓެއް ބޭނުންވާތީ ކަމަށާއި ސޮލަރެލް އިންޝުއަރަންސްގެ އިތުރުން އަމިއްލަ އިންޝުއަރެންސް އެހެން ކުންފުންޏަކާއި އަމިއްލަ ބޭންކެއް ވެސް މިދިޔަ އަހަރު ތެރޭގައި ހުޅުވިގެން ދިޔުމުން ރާއްޖޭގެ އިގްތިސޯދު ކުރި އަރަމުން އަންނަކަން އެނގިގެންދާ ކަމަށެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ރާއްޖޭގައި އިންޝުއަރެންސް އާންމުވެފައި ނެތް ދަނޑިވަޅެއްގައި މިފަދަ ކުންފުންޏެއް އުފައްދައި ކާމިޔާބުކަމާއެކު އެއް އަހަރު ހޭދަ ކުރުމުން އެ ކުންފުންޏަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އިގްތިސޯދީ އެޖެންޑާގެ ދަށުން މާލީ ދާއިރާ ހަރުދަނާ ކުރުމަށް ހުޅުވާލި ފުރުސަތުގެ ބޭނުން އެންމެ ފުރަތަމަ ހިފި އަމިއްލަ ދިވެހި ކުންފުންޏަކީ ވެސް އެ ކުންފުނިކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސޮލަރެލް އިންޝުއަރަންސްގެ އައްޑޫ ގޮފި ހުޅުވުމުން އައްޑޫ ސިޓީއަށް އިތުރަށް ތަރައްގީވެގެންދާނެ ކަމަށެވެ.