ހަބަރު

"އިންޝުއަރެންސް ވިޔަފާރީގެ ކުރިމަގު ވަރަށް އުޖާލާ"

ރާއްޖޭގައި އިންޝުއަރަންސް ވިޔަފާރީގެ މުސްތަގުބަލް އޮތީ ވަރަށް އުޖާލާކޮށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ 100 ޕަސަންޓު އަމިއްލަ ދިވެހީން ހިއްސާވާ އިންޝުއަރަންސް، ސޮލަރެލް އިންޝުއަރަންސަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވެ ތަރައްގީވަމުންދާ ހަލުވިމިނާ އެއްވަރަށް ފަތުރުވެރިކަމާ ގުޅުންހުރި އެހެން ސިނާއަތްތައް ވެސް ކުރިއަރަމުންދާން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ ތަރައްގީވަމުންދާ ދިޔުމަކީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށެވެ.

"ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ކުރެވޭ ކޮންމެ އިންވެސްޓްމެންޓަކީ އިންޝުއަރެންސް ވިޔަފާރީއާ ސީދާ ހިއްސާކުރާނެ ކަމެއް، އިންވެސްޓްކުރަން ނިންމާ ދުވަހުން ފެށިގެން އެ އިންވެސްޓްމެންޓް ދެމިގެންދާހާ ދުވަހަކަށް އެކި ވައްތަރުގެ އިންޝުއަރެންސް ޕޮލިސީ ނަގާ ދަމަހައްޓަން ޖެހޭ، މިހެން މިކަން އޮތުމުން އަޅުގަނޑު ދަންނަވާނީ އިންޝުއަރެންސް ވިޔަފާރީގެ މުސްތަގުބަލް އޮތީ ވަރަށް އުޖާލާކޮށްކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިހާރު ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ވެސް 25 ރަށް ހުޅުވިގެންދާނެ ކަމަށާއި އެއީ ވެސް އިންޝުއަރެންސް ވިޔަފާރިއަށް ލިބޭނެ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.