ލައިފްސްޓައިލް

އާ ލޯތްބަކަށް ނަފްސު ތައްޔާރު ކުރާނީ ކިހިނެއް؟

May 1, 2017
1

ނިކަން ލޯބި ދެހިތެއްގެ ގުޅި އެކުގައި ފަށާ ދަތުރުގައި ކޮޅިގަނޑެއް އަންނަ ހިސާބުން ދެ މީހުންގެ މިސްރާބު ބަދަލުވެ ދެ މީހުންނަށް އެއް ވިސްނުމަކަށް ނުދެވުމުން މި ދަތުރުން އެކަކު ކަނޑަށް ފުންމާލާ ދަތުރު ނިންމާލަނީ އެވެ. މި ހިތާމައިގައި ޖެހި ހިތް ކިތަންމެ ވަރަކަށް ފިސްފިސް ވިޔަސް އަލުން ދެ ހިތް ގުޅެވެން ނެތުމުން މިސްރާބު ބަދަލުކޮށްލާ އައިކޮޅަށް އެނބުރި ދަނީ އެވެ.

ގޮތްދޫ ނުކުރުމޭ މިކިޔާ ކަހަލަ ބައްޔެއްގައި ޖެހި މީހާ ހަލާކުވެފައި ހުރުމުން ވެސް ކޮޅިގަނޑަކާއި ދިމާވާ ކޮންމެ ފަހަރަކު ދެ މީހުންގެ މިސްރާބު ބަދަލުވެ ދަތުރު ނިންމާލަން އެބަޖެހެ އެވެ.

އެތައް އަހަރެއް ވަންދެން އެކީގައި އުޅުމަށްފަހު ގަދަ ކޮޅިގަނޑުގައި ޖެހި ކައިވެނި ރޫޅިއްޖެނަމަ އެ ހިތް ދެވަނަ ފަހަރަށް އެެހެން މީހަކަށް ދޭނެ ހިތްވަރެއް ނުހުރެ އެވެ. ޒުވާން އުމުރު ހުސް ހަށިބައިކޮށް ހުރުމަކީ ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް އަނެއް ޖިންސުގެ ބައިވެރިންނަށް ކުރާނެ އިތުބާރަކާއި ދޭނެ ލޯތްބެއް ނޯވެ އެވެ. ނުވަތަ ބައެއް މީހުންނަށް ކުރީގެ ގުޅުމުން ލިބުނު ތަޖުރިބާއަށް ބަލާފައި އިތުރު ގުޅުމަކަށް ދާން ވަގުތު ބޭނުންވަނީ އެވެ. ނަފްސު ތައްޔާރުވާން ކިހާ ދުވަހެއް ހޭދަކުރަން ޖެހޭ ބާއޭ މިއި ގިނަ މީހުންގެ ހިތަށް އަރާނެ ސުވާލެކެވެ.

އެހެން ގުޅުމަކަށް ނަފްސު ތައްޔާރުކޮށް ދިިރިއުޅުމައިގެން ކުރިއަށް ދާން ބައެއް މީހުންނަށް އެކަނި ވަގުތު ހޭދަކުރަން ބޭނުންވާއިރު ރަހުމަތްތެރިންނާ އާއިލާ އާ އެކީގައި ގިނަ ވަގުތު ހޭދަކުރާ މީހުންވެސް އެބަތިއްބެވެ. ބައެއް މީހުން މިކަމަށް އެތައް އަހަރެއް ހޭދަކުރާއިރު އާ ގުޅުމަކަށް ނަފްސު ތައްޔާރު ކުރަން ހަފުތާއެއްގެ މުއްދަތު އަދި އެންމެ ދުވަހެއްގެ މުއްދަތެއް ވިޔަސް ރަނގަޅު މީހުންވެސް އެބަ ތިއްބެވެ.

ނަމަވެސް އާ ގުޅުމަކަށް ނަފްސު ތައްޔާރުކުރަން ހޭދަކުރަން ޖެހޭނީ ކިހާ ވަގުތެއްކަން ބައެއް މީހުންނަކަށް ނޭނގެ އެވެ. ބަހުސް ކޮށްކޮށް ނުނިމޭ މައުލޫ އެކެވެ. ފަސް އަހަރުވީ ގުޅުމެއްގައި ނިމުމުގެ ސިއްކަ ޖެހުމަށްފަހު މަސް ދުވަސްފަހުން އެހެން ގުޅުމެއް ފެށި ނަމަވެސް މުޖުތަމައުން އެތައް މައްސަލަތަކަކާއި ސުވާލުތަކެއް ކުރިމަތި ކުރުވަ އެވެ. އެއީ ކުރީގެ ބައިވެރިޔާއަށް ވެވޭ ބޭވަފާތެރިއެއް ކަމަށްވެސް ގަބޫލުކުރާ ބަޔަކު އުޅެ އެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ގުޅުމެއްގައި ހޭދަވީ މުއްދަތުގެ ދެ ބައި ކޮށްފައި އެއްބައި މުއްދަތުގެ ތެރޭގައި ނޫނީ މީހާއަށް އެ ގުޅުމުން ހަގީގަތތުގައި އަރައެއް ނުގަނެވޭނެ އެވެ. ހަތަރު އަހަރުވީ ގުޅުމެއް ނިންމާލުމަށް ފަހު ދެ އަހަރު ދުވަހު އެހެން ގުޅުމެއް ނުފަށާ މަޑު ކުރަން ޖެހޭނެ އެވެ. މި އުސޫލުން ވިސްނާނަމަ 20 އަހަރުވީ ކައިވެންޏެއް ރޫޅިގެން ހިނގައްޖެނަމަ އިތުރު 10 އަހަރު އެ ހިތާމަތަކުން އަރައިގަންނަން ބޭނުންވާނެ އެވެ. އެހެން ކަމުން މިއީ އެންމެ ރަނގަޅު ވިސްނުމެއް ކަމަށް ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟

ދެން މިއޮތީވެސް ބަޔަކު މީހުން ގަބޫލުކުރާ އުސޫލެކެވެ. އެއީ އެ ގުޅުމެއްގައި މީހަކު ހޭދަކުރި ކޮންމެ އަހަރަކަށް މަސް ދުވަހެކެވެ. ތިން އަހަރުވީ ގުޅުމެއް ނަމަ ތިން މަސް ދުވަސް ތެރޭ އެކަމުން އަރައިގަނެވޭނެ ކަމަށް ގަބޫލުކުރާ އުސޫލެކެވެ. މިއީވެސް އެންމެ ރަނގަޅު އުސޫލުކަމަށް ގަބޫލުކުރެވޭނެ އެކަށީގެންވާ ވިސްނުމެއް ނެތެވެ.

ހަގީގަތުގައި ބުނާ ކަމަށް ވާނަމަ އެހެން ގުޅުމެއް ފަށަން ވާނީ ނަފްސު އެކަމަށް ތައްޔާރުވުމުންނެވެ. އެކަމަށް ކަނޑައެޅިގެން މުއްދަތެއް ނެތެވެ. އަމިއްލަ ނަފްސު ތައްޔާރުވެއްޖެ ކަން ގަބޫލުކުރެވުމެވެ. ކުރީގެ ބައިވެރިޔާގެ މައްޗަށް ކުރެވޭ އިހުސާސްތަކުގެ މައްޗަށް ގަދަވެ ގަނެވިގެންނެވެ. އެކަމަށް ވަގުތު ބޭނުންވާނެ އެވެ. ރަހުމަތްތެރިންނާ އާއިލާ އާ އެކުގައި ގިނަ ވަގުތު ހޭދަކޮށް އެވާހަކަތައް ހިއްސާކުރާށެވެ. ހިންހަމަޖެހޭ ގިނަ ވަގުތުތަކެއް ހޭދަކުރެވެން ފެށުމުން ކުރީގެ ހަނދާންތައް މަޑުމަޑުން ނެތިގެން ހިނގައިދާނެ އެވެ.