ސިވިލްސާވިސް ކޮމިޝަން

މުސާރަ ކުޑަވުމުން ހުނަރުވެރި މުވައްޒަފުން ހޯދަން ދަތި: ސީއެސްސީ

May 1, 2017
4

ރާއްޖޭގެ ސިވިލް ސާވިސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުސާރައާއި އިނާޔަތްތައް ކުޑަވުން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ. ދުނިޔޭގައި މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާގައި ނެރުނު ބަޔާނުގައި ސީއެސްސީން ބުނެފައި ވަނީ މުސާރަ އާއި އިނާޔަތްތައް ކުޑަވުމަކީ ސިވިލް ސާވިސްއަށް އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވާ ސަބަބު ކަމަށެވެ.

"... މިހެން ވުމުގެ ސަބަބުން ދިވެހި ސިވިލް ސާވިސްގެ މަތީ ގިންތިތަކަށް ހުނަރުވެރި ގާބިލު މުވައްޒަފުން ހޯދުން ވަނީ ވަރަށް ދަތިވެފައެވެ. އަދި ތިބި މުވައްޒަފުން ވެސް ވަޒީފާއިން ވަކިވެގެން ބޮޑު މުސާރަތަކަށް، ދައުލަތުގެ އެހެން ވަޒީފާތަކަށާއި ކުންފުނިތަކުގެ ވަޒީފާތަކަށް ދާ މައްސަލައަކީ ދިވެހި ސިވިލް ސާވިސްއަށް އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވަމުންދާ މައްސަލައެވެ،" ސީއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ދެވަނަ ގޮންޖެހުމެއްގެ ގޮތުގައި ކޮމިޝަނުން ފާހަގަކޮށްފައި ވަނީ މުވައްޒަފުންގެ މަސައްކަތުގެ ރޫހު ދިރުވޭނެ ގޮތްތަކެއް ހޯދެމުން ނުދިއުމެވެ. އެކަމަށް ހައްލެއް ހޯދަން މުވައްޒަފުން އެދޭ ކަންތައްތަކެއް ވެސް ކޮމިޝަނުން ފާހަގަކޮށްފައި ވެއެވެ. އެފަދަ އެއްކަމަކީ މުސާރައާ އެކަށޭނަ ކުރިއރުން ލިބުމެވެ. ދެވަނަ ކަމަކީ ދަރިމައި މުވައްޒަފުންނަށް ޓަކައި މުސާރައާ އެކަށީގެންވާ އަގެއްގައި ކުދިން ބަލައިދޭނެ ޑޭކެއާ ސެންޓަރެއްގެ ހިދުމަތް ދިނުމެވެ. ތިން ވަނަ ކަމަކީ ހަށިގަނޑުގެ ތަރުބިޔައްތާއި ކުޅިވަރު ކުޅުމަށް ބޭނުން ކުރުމަށް ފިލާވަޅު ދަސްކޮށްލާނެ ހަމަ ހިމޭން މާހައުލެއްގެ ގޮތު ކުރިން ހުރި ސަރުކާރު މުވައްޒަފުންގެ ނާދީ ފަދަ މަރުކަޒެއް އަލުން ގާއިމްކޮށްދިނުމެވެ.

ދައުލަތުން މުވައްޒަފުންނަށް ލިބެން އެ މުވައްޒަފުން އެދޭ ކަންތައްތަކެކޭ އެއް ގޮތަށް އެ މުވައްޒަފުންގެ ފަރާތުން ދައުލަތަށް ލިބެން ބޭނުންވާ ކަންތައްތަކެއް ވެސް ސީއެސްސީން ފާހަގަކޮށްފައި ވެެއެވެ. އެއްކަމަކީ މިހާރަށް ވުރެ އަވަސްކޮށް، އަތްމަތި ހަލުވިކޮށް ހިދުމަތް ދިނުމެވެ. އަނެއް ކަމަކީ ހިތް ހެޔޮކަމާއި ރަނގަޅު އަހުލާގަކާއެކު މުޖުތަމައުގެ މަސްލަހަތު އިސްކޮށްގެން ހިދުމަތް ދިނުމެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަ ކުރާ މޭމަހުގެ ފުރަތަމަ ދުވަހަކީ ރާއްޖޭގެ ސިވިލް ސާވިސް އަށް ވެސް ތާރީހީ ދުވަހެކެވެ. އެގޮތުން މިއީ ސިވިލް ސާވިސް ގާނޫނުގެ ދަށުން، މިނިވަން މުސްތަގިއްލު މުއައްސާއެއްގެ ގޮތުައި ސިވިލް ސާވިސްގެ ހިދުމަތް ރާއްޖޭގައި ފެށި ދުވަހެވެ. މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހަކީ އެ ހިދުމަތަށް ނުވަ އަހަރު ފުރި 10 ވަނަ އަހަރަކާ ކުރިމަތިލާ ދުވަހެވެ. ސިވިލް ސާވިސް ހިދުމަތަށް ނުވަ އަހަރު ފުރުނި އިރު އެ ހިދުމަތުގައި މިހާރު ތިބީ 24510 މުވައްޒަފުންނެވެ. އޭގެ ތެރެެއިން 56 ޕަސެންޓަކީ އަންހެނުންނެވެ. އެސިސްޓެންޓް ޑައިރެކްޓަރުގެ މަގާމުން ފެށިގެން މަތީގެ މަގާމުތަކުގައި ތިބި އަންހެނުންގެ ނިސްބަތަކީ 38 ޕަސެންޓެވެ.

ސިވިލް ސާވިސް މުވައްޒަފުންނަކީ ގާބިލު ބަޔަކަށް ހެދުމަށް ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ. އެފަދަ ގިނަ ޕްރޮގްރާމްތައް ހިންގަމުން އަންނަނީ 2009 ވަނަ އަހަރު ގާއިމްކުރި ސިވިލް ސާވިސް ޓްރެއިނިން އިންސްޓްޓިއުޓުންނެވެ. އެ އިންސްޓްޓިއުޓުން 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ހިންގި ދިގުމުައްދަތުގެ ކޯސްތައް ފުރިހަމަކޮށްފައި ވަނީ 668 މުވައްޒަފުންނެވެ. ކުރުމުއްދަތުގެ ކޯސްތައް 16846 މުވައްޒަފަކު ފުރިހަމަކޮށްފައި ވެއެވެ.