ހަބަރު

ވިލާއާއެކު 17 ފަރާތަކަށް މީރާއިން ދައުވާ ކުރޭ

May 3, 2017
4

ދައުލަތަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން ވިލާ ކުންފުންޏާއެކު އިތުރު 17 ފަރާތެއްގެ މައްސަލަ މިހާރު ސިވިލް ކޯޓަށް ވައްދާފައިވާނެ ކަމަށް، ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން 37 މިލިއަން ޑޮލަރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު، އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާޒް އިން ތިން މިލިއަން ޑޮލަރު ހޯދަން މީރާއިން ދައުވާކުރި މައްސަލައިގައި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތައް އެ އިދާރާއަށް ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން، "އަވަސް" އިން ކުރި ސުވާލެއްގެ ޖަވާބުގައި މީރާގެ އިސް އޮފިޝަލަކު ވިދާޅުވީ، ދައުލަތަށް ނުލިބި ހުރި ފައިސާތައް އަނބުރާ ހޯދަން މީރާ އިން ކުރާ މަސައްކަތުގެ ދަށުން ދައުލަތަށް ފައިސާ ނުދައްކާ ކުންފުނިތަކާމެދު އަބަދުވެސް އެ އިދާރާއިން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ފައިސާ ނުދައްކާ ފަރާތްތަކާމެދު އަމަލުކުރާ އުސޫލު، އެންފޯސްޓް ޕޮލިސީގެ ދަށުން އެކި ފަހަރުމަތިން ފިޔަވަޅު އަޅައި އަދި މިހާރު ވެސް ކުލި ނުދައްކާ 17 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. ޓެކްސް ދައްކާ ފަރާތްތަކުގެ މެދުގައި ތަފާތު ކުރުމުގެ އުސޫލެއް މީރާ އިން ނުގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލާ އަދި ޔޮޓް ޓްއާޒްގެ އިތުރަށް ބިމު ކުއްޔާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ނުދައްކައިގެން މީރާ އިން ދައުވާކުރާ ކުންފުނިތަކުގެ ތެރޭގައި ތްރީއޭ އާއި ބްލޫ ލެގޫން އިންވެސްޓްމަންޓާއި މެދުފުށި އިންވެސްޓްމަންޓް ފަދަ ކުންފުނިތައް ހިމެނެ އެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ޖުމްލަ 48.6 މިލިއަން ރުފިޔާ ހޯދުމަށް އެ އިދާރާއިން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ވިލާ ގްރޫޕްގެ މައްޗަށްވެސް ދައުވާ ކުރަނީ ރިސޯޓް ހަދަން ކުއްޔަށް ނެގި ރަށްތަކަށް ދައްކަން ޖެހޭ ކުއްޔާއި އެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ގަވާއިދުން ދައްކަމުން ނުދާތީ އެވެ. އެ ކުންފުނީގެ އެކައުންޓްތައް ވެސް މީގެ ކުރިން ފްރީޒް ކޮށްފައިވެސްވެ އެވެ. މީރާ އިން މީގެ ކުރިން ބުނެފައި ވަނީ ޓެކްސް ނުދައްކައިގެން އެއްވެސް ކުންފުންޏަކާ މެދު އަޅާފައިވާ ފިޔަވަޅެއް އުވާލެވޭނީ އެ ފައިސާ ދައްކާނެ ގޮތަކާ މެދު އެ ކުންފުންޏަކާ މީރާއާ ދެމެދު އެއްބަސްވުމަކަށް އާދެވިގެން ނޫނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ވިލާ އިން ދައްކަން ޖެހޭ ފައިސާގެ މައްސަލައިގައި އެ ކުންފުނިން ކޯޓަށް މައްސަލަތަކެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ނިމިފައި ވަނީ ވިލާ ކުންފުންޏާ ދެކޮޅަށެވެ.