ވިޔަފާރި

މާލޭގައި އިންފްލޭޝަން މައްޗަށް ދިއުން މަޑުޖެހިއްޖެ

މާލޭގެ އިންފްލޭޝަން މައްޗަށް ދިޔަ މިންވަރު 0.9 ޕަސެންޓުގައި މަޑު ޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރެފައިވާ މިދިޔަ މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން އަހަރުން އަހަރަށް ބަލާއިރު ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ހިދުމަތުގެ އަގު މަތިވި މިންވަރު މިދިޔަ މަހު ހުރީ 0.9 ޕަސެންޓުގައި ހިފެއްޓިފަ އެވެ. 

އެމްއެމްއޭއިން ބުނީ އިންފްލޭޝަން މަޑުޖެހުނު މައިގަނޑު ސަބަބަކީ މަހުގެ ބާވަތްތަކުގެ އަގުތައް ދަށަށް ދިއުން ކަމަށެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި އަހަރުން އަހަރަށް ބަލާއިރު މާލޭގައި ހިދުމަތާއި ތަކެތީގެ އަގު މަތިވި މިންވަރު ނުވަތަ އިންފްލޭޝަން ރޭޓް ޖެނުއަރީ މަހު ވަނީ 1.4 ޕަސެންޓް މައްޗަށް ޖެހިލައިފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 1.2 ޕަސެންޓުގަ އެވެ. ޖެނުއަރީ މަހު އިންފްލޭޝަން ރޭޓް މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ އަގުތައް، ހާއްސަކޮށް މަހުގެ ބާވަތްތަކުގެ އަގުތައް މައްޗަށް ދިޔަ މިންވަރު އިތުރުވުން ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.