މަހިބަދޫ

މަހިބަދޫ މަގުތަކުގައި ގާ އެތުރުމުގެ މަސައްކަތް ފަށައިފި

May 3, 2017
4

އދ. މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކުގައި ގާ އަތުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ. މި މަސައްކަތަކީ ސަރުކާރުގެ މަގު ހަދާ ކުންފުނި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށްގެން އެ ކުންފުނިން މަހިބަދޫގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. ގާތްގަނޑަކަށް 2300 މީހުން ދިރިއުޅޭ ރަށުގެ މި މަސައްކަތް ފައްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެވެ.

މެންބަރު ތޯރިގު މިއަދު ވިދާޅުވީ މިއަދު ފެށި މަސައްކަތުގައި އެ ރަށުގެ ތިން ކިލޯ މީޓަރުގެ މަގުގެ ސަރަހައްދުގައި ގާ އަތުރާނެ ކަމަށާއި އެއީ 27 މިލިޔަން ރުފިޔާ ހަރަދު ކުރާ މަޝްރޫއެއް ކަމަށާއި މިއަދު މަސައްކަތް ފެށިއިރު މުޅި ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

ތޯރިގު ވިދާޅުވީ މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 2014 ވަނަ އަހަރު އެ ދާއިރާއަށް ވާދަ ކުރެއްވި އިރު ވެވަޑައިގެންފައިވާ ވައުދެއް ކަމަށާއި މި އަހަރު އެ މަސައްކަތް ފެށިގެން ދިއުމުން ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީނު މަހިބަދޫ އަށާއި ދާއިރާގެ ތަރައްގީއަށް ދެއްވާ ސަމާލުކަން ސާބިތުވާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ދާއިރާއަށާއި މަހިބަދޫއަށް އިތުރު ތަރައްގީ އަންނާނެ ކަމަށެވެ.

"މިއީ މަހިބަދޫގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައި ކަމެއް. އަދި މިއީ އަޅުގަނޑުގެ ވެސް ވައުދެއް، އިރާދަ ކުރެއްވީތީ އެކަން ފުރިހަމަ ވެގެންމިދަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި،" ކުރީގެ ފުޓްބޯޅަ ތަރި، ތޯރިގު ވިދާޅުވި އެވެ.