ހަބަރު

ޓޫރިޒަމް ބިމުކުއްޔާއި ޖޫރިމަނާ ނުދައްކާ 13 ފަރާތެއް ޝަރީއަތަށް ފޮނުވައިފި

May 3, 2017
6

ޓޫރިސްޓް ރިޒޯޓް ނުވަތަ ހޮޓާ ތަރައްގީކޮށް ހިންގުމަށްޓަކައި ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިމުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ 13 ފަރާތެއްގެ މައްސަލަ މިދިޔަ މަހު ޝަރީޢަތަށް ފޮނުވާފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަ ކޮށްފިއެވެ.

އެ ފަރާތްތަކަކީ ނ. ރާފުށި ކުއްޔަށް ހިފާފައިވާ އެގްޒޯޓިކް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑާއި ތ. ކަޅުފަހަލަފުށި ކުއްޔަށް ހިފާފައިވާ އޭޝިއާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑާއި ބ. ކިހާދުއްފަރު ކުއްޔަށް ހިފާފައިވާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި އދ. ތެލުވެލިގާ ކުއްޔަށް ހިފާފައިވާ ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑާއި ހދ. ހަނިމާދޫ އިން ބިމެއް ކުއްޔަށް ހިފާފައިވާ ސިޓީ ހޮޓެލް ހަނިމާދޫ ޕްރައިވެޓް ލިމިޓެޑާއި އއ. މަޑޫގަލި ކުއްޔަށް ހިފާފައިވާ ބްލޫ ލެގޫން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި ހއ. ބީނާފުށި ކުއްޔަށް ހިފާފައިވާ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހއ. އަލިދޫ ކުއްޔަށް ހިފާފައިވާ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ލ. ކައްދޫ އިން ބިމެއް ކުއްޔަށް ހިފާފައިވާ ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑާއި ތ. އެލާ ކުއްޔަށް ހިފާފައިވާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މ. މެދުފުށި ކުއްޔަށް ހިފާފައިވާ މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ފ. ފިލިތެޔޮ ކުއްޔަށް ހިފާފައިވާ ތްރީ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަދި ހދ. ކުޑަމުރައިދޫ ކުއްޔަށް ހިފާފައިވާ ޖޭއެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް އެވެ.

މީގެ އިތުރުން ދާދި އިހަށް ދުވަހު އަވަހާރަވި ކަނދޮޅުދޫ އަޙުމަދު ވަހީދަށް ކުއްޔަށް ދޫކޮށްފައިވާ ރ. މާމިގިލީގެ ކޭސް ވެސް މައްސަލަ ރައްދުވާ ފަރާތް އަވަހާރަވެފައި ވާތީ ވަނީ ސިވިލް ކޯޓުގައި ރެޖިސްޓްރީ ނުކުރެވިފައެވެ.

މީގެ ތެރެއިން ކިހާދުއްފަރާއި ތެލުވެލިގާ އާއި މަޑޫގަލި އާއި އަލިދޫ އާއި މެދުފުށި އަދި ފިލިތެޔޮގެ އިތުރުން ރ. މާމިގިލިއްޔަކީ ރިޒޯޓް ތަރައްޤީކޮށް ހިންގަމުން ގެންދާ ރަށްރަށެވެ. އަދި ހދ. ހަނިމާދޫ އިން ދޫކޮށްފައިވާ ބިމުގައި ސިޓީ ހޮޓަލެއް ވެސް ދަނީ ހިންގަމުންނެވެ.

މީރާއިން ބުނީ އެ މައުލޫމާތު އިއްޔެ ރާއްޖޭގެ ނޫސްތަކުން ފަތުރާފައިވަނީ ކަމުގެ މައުލޫމާތު ރަނގަޅަށް އޮޅުން ނުފިލުވައި، ވަކި ފަރާތެއްގެ މައްސަލައެއްގެ ގޮތުގައި އޮޅޭގޮތަށް ކަމަށެވެ.

މީރާއިން ބުނީ ޓޫރިޒަމް ބިމު ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލައެއް އަނބުރާ ގެނެވޭނީ އެ ފައިސާ ދެއްކުމުން ނުވަތަ ފައިސާ ދައްކާނެ ގޮތަކާމެދު މީރާ އާއެކު އެއްބަސްވުމަކަށް ދިއުމުން ނުވަތަ އެ ފައިސާ ދައްކަންޖެހުން ހުއްޓުވުމަށް ކޯޓު އަމުރެއް ނެރުން ނުވަތަ އެއީ، އެ ވަގުތަކަށް ދައްކަން ނުޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި ކުލީގެ އެއްބަސްވުމަށް އެ ފަރާތާއި ދިވެހި ސަރުކާރުން ބަދަލު ގެނައުމުން ކަމަށެވެ.