ވިޔަފާރި

މެރިން ޑައިވް ފެއާގައި ރާއްޖެ ބައިވެރިވެއްޖެ

މިހާރު ޖަޕާނުގައި ކުރިއަށްދާ "މެރިން ޑައިވިން ފެއާ" ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ޖަޕާނުގެ ޓޯކިއޯގައި އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެއާގައި ރާއްޖޭގެ ފަރާތުން ސަން ސިޔާމް ރިސޯޓާއި ބަރޮސް އައިލެންޑް ރިސޯޓް އަދި ބަތަލާ އައިލެންޑް ރިސޯޓުގެ އިތުރުން ސަމާ ހޮލިޑޭއިން ވެސް ބައިވެރިވެފައިވާ ކަމަށެވެ.

ޑައިވް ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލައިގެން 1993 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މެރީން ޑައިވިން ފެއާގައި މިދިޔަ އަހަރު ވެސް 200 ކުންފުނިން ބައިވެރިވެފައިވެ އެވެ. މިދިޔަ އަހަރު ބޭއްވި މި ފެއާއަށް ވެސް ބައިލައްކަ އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރި އެވެ.

ޖަޕާނަކީ އޭޝިޔާ ޕެސިފިކް ގައުމުތަކުން ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 38،817 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ