އަވަސް ވީކެންޑް

ކެޕްޓަން އިހުސާންގެ އާ ދާއިރާގެ ތަޖުރިބާ

May 5, 2017
8

ކުޑަ ކޮޓަރި އެކެވެ. އެ ތަނުގެ ހަތަރު ފާރުގެ ބޮޑު ބައެއްގައި ހުރީ ތަސްވީރު ތަކެވެ. ހުދު ބޯޑެއް ފިޔަވައި ދެން ހުރީ އަސްކަރީ ހައިބަތުގެ ފެންނާނެ މަންޒަރު ތަކެވެ. އަސްކަރިއްޔާ އިން ލިބިފައިވާ އެކި ސަނަތު ތަކެވެ. އަދި ކޮޓަރީގެ ކުޑަ މޭޒާ ދިމާ ފާރުގައި އުރަ އިން ނަގާފައިވާ ކަނޑިއެއް ވެސް ހުއްޓެވެ. އެ ފާރުގައި އެ ކަނޑި ހަރުކޮށްފައި ހުރި ގޮތުން ވެސް އޭގެ ޝަރަފުވެރިކަން އެނގެ އެވެ.

"މި ކުޑަ ކޮޓަރިއަކީ އަޅުގަނޑު އިންނަ ތަން. [އޮފީސް] މި ތަނުގައި މި ހުރި ފޮޓޯތަކަކީ އެކި ދުވަސްތަކުގައި ނަގާފައިވާ ފޮޓޯތައް. ތިޔަ ކަނޑި އެ ތަނުގައި ބަހައްޓާފައި އެ ވަނީ ޑިފެންސްގެ ހުއްދަ ލިބިގެން."

މިއީ އާދައިގެ ޒުވާނެއް ނޫނެވެ. ގައުމީ ދިފާއީ ބާރުގައި 10 އަހަރު ހިދުމަތް ކުރެއްވި ހިދުމަތްތެރި އެކެވެ. ވަރުގަދަ "ސޯލްޖާ" އެވެ. ދުއިސައްތަ އަހަރުގެ ދިގު ތާރީހެއް އޮތް، އެމެރިކާގެ "ވެސްޓް ޕޮއިންޓް މިލިޓަރީ އެކަޑެމީގައި" ފުރަތަމަ ކޮމާންޑް ކުރެއްވި ބޭރުގެ ދަރިވަރަކީވެސް މިއީ އެވެ. ސިފައިގެން ހިދުމަތުން ޝަރަފުވެރިކަމާއެކު، ވަކިވެ ވަޑައިގަތީ މި އަހަރު ޖެނުއަރީ މަހު އެވެ. މިއީ ކެޕްޓަން އަލީ އިހުސާން އެވެ. މިހާރު އެ ހުރީ މުޅިން ތަފާތު ދާއިރާއެއްގަ އެވެ. މިހާރު މިއީ މަޝްހޫރު ކުންފުނި، ހެޕީ މާކެޓުގެ ޖެނެރަލް މެނޭޖަރެވެ.

އިހުސާން ސާނަވީ ތައުލީމް ފުރިހަމަ ކުރެއްވީ އައްޑޫގަ އެވެ. މަތީ ސާނަވީ ތައުލީމް ހާސިލްކުރީ މާލޭގައި ސީއެޗްއެސްއީ އިންނެވެ. އޭގެ ފަހުން، ދިވެހި ސިފައިންގެ ގައުމީ ހިދުމަތާ ގުޅިވަޑައި ގަތީ އެވެ. މިއީ ވަރަށް ތަފާތު ހާދިސާ އެކެވެ. އިހުސާންގެ ހިތް، ސިފައިންގެ އަށް ހިތް ޖެހުނީ 2004 ސުނާމީ ކާރިސާގައި ސިފައިންގެ ހިދުމަތްތެރިކަން ފެނިފަ އެވެ.

"ސުނާމީ ދުވަސްވަރު ޑިޒާސްޓާ މެނޭޖުމަންޓުގައި މަސައްކަތް ކުރިން. އެ ދުވަސްވަރު ސިފައިން އުޅުނު ގޮތް ފެނިފައި އެ ހިދުމަތުގެ މުހިންމުކަން ވިސްނިގެން ހިތަށް އެރީ އަޅުގަނޑު ވެސް ޖޮއިން ކުރާނީ ސިފައިންގެ އަށޭ. މިހެން ހުއްޓަ ސިފައިގެއިން އިއުލާން ކުރީ އެމެރިކާއިން ކޯސް ހަދައިގެން އައިސް ސިފައިންގެ އަށް ވަންނަން ބޭނުންހޭ. ދެން ހިތަށް އެރީ މި އޮތީ ފުރުސަތެކޭ،" ކެޕްޓަން އިހުސާން ވިދާޅުވި އެވެ.

ކެޕްޓަން އިހުސާން އަށް އެމެރިކާ އަށް ދާން ފުރުސަތު ލިބުނީ ސިފައިންގެ ތަމްރީންގައި އުޅެނިކޮށެވެ. އިހުސާން ތަމްރީން ހަދަން ދިޔަ ވެސްޓް ޕޮއިންޓް މިލިޓަރީ އެކަޑެމީއަކީ 4،000 ކުދިން ކިޔަވަމުންދާ ތަނެކެވެ. މީގެތެރެ އިން 45 ކުދިންނަކީ އެކި ގައުމުތަކުގެ ކުދިންނެވެ.

އެމެރިކާ އަސްކަރީ ތާރީހުން ޖާގަ ހޯދި

ކެޕްޓަން އިހުސާން، އެމެރިކާގެ، މިލިޓަރީ އެކަޑަމީގައި ފުރަތަމަ އުޅުނީ ވަރަށް އާދައިގެ ގޮތަކަށެވެ. އިހުސާން ބަހުންނަމަ، ފުރަތަމަ ހަމައެކަނީ "ޓޮމެ" ކެވެ. ނަމަވެސް ހަތަރު އަހަރު ފަހުން ކޮމާންޑަރަކަށް ޕްރޮމޯޓްވި އެވެ. ކެޕްޓަން އިހުސާން 4،000 ސިފައިގެން ކޮމާންޑަރުކަމާ ހަވާލުވީ، 2009 ވަނަ އަހަރު އެވެ. ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި 200 އަހަރުވީ އެކަޑަމީގެ ތާރީހު ބަދަލުކޮށްލީ އިހުސާން އެވެ. އެތަނުގެ ދިގު ތާރީހުގައި ފުރަތަމަ ކޮމާންޑަރަށްވި ބޭރު ގައުމެއްގެ މީހަކީ ވެސް މިއީ އެވެ. އަދި ޕެރޭޑު ކުރި ފުރަތަމަ ބޭރު މީހަކީވެސް މިއީ އެވެ.

"އަސްލު ވަރަށް އުފާވި ވަގުތެއް އެއީ. އެންމެ އުފާވީ ދިވެހި ރާއްޖޭގެ މީހެކޭ ބުނީމަ. ރާއްޖޭގެ ނަން އައީމަ،" އިހުސާން ވިދާޅުވި އެވެ.

ކެޕްޓަން އިހުސާން ވަނީ އެމެރިކާގައި ގިނަ ތަމްރީން ތަކެއް ފުރިހަމަ ކުރައްވާފަ އެވެ. ޔޫއެސް އެއާބޯން ސްކޫލުގައި ވައި ކުޑައިން ފުންމުމުގެ ތަމްރީން ފުރިހަމަ ކުރެއްވި އެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީން ބެޗްލާސް ޑިގްރީ ފުރިހަމަ ކުރެއްވި އެވެ. މީގެ އިތުރުން ބެޗްލާސް އޮފް ސައިންސް ސްޓްރެޓެޖިކް ސްޓަޑީޒް ފުރިހަމަ ކުރެއްވި އެވެ.

އޭގެފަހުން، ސިންގަޕޫރުގައި މާސްޓާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ވެސް ފުރިހަމަ ކުރެއްވި އެވެ. މީގެ އިތުރުން ސިފައިންގެ މުހިންމު ވަޒީފާ ތަކެއް ވެސް އަދާކުރެވި އެވެ. އޭގެތެރޭގައި މެރިން ޑިޕްލޮއިމަންޓް ޔުނިޓުގެ ކޮމާންޑަރުކަމާއި އަދި މިލިޓަރީ އިންސްޓްރަކްޝަން ޑިޕާޓްމަންޓުގެ ހެޑްކަމާއި ސިފައިންގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ކަމުގެ އިތުރުން މިނިސްޓާ ބިއުރޯގައި ވެސް މަސައްކަތް ކުރެވި އެވެ. މީގެ އިތުރުން ނޭޝަނަލް އިންކުއަރީ ކޮމިޝަންގައި ވެސް މަސައްކަތް ކުރެއްވި އެވެ. އަދި ބަޑި ގުދަނުގެ ޑެޕިއުޓީކަން ވެސް ކުރެއްވި އެވެ.

އިހުސާން ގަބޫލު ކުރެއްވާ ގޮތުގައި، އެމެރިކާގައި ފުރިހަމަ ކުރެއްވި ތަމްރީން ތަކަކީ ލޯ ހުޅުވިގެން ދިޔަ ކަމަކަށެވެ.

"މުޅިން ތަފާތު ކަމެއް އެއީ. ކަންކަން މެނޭޖު ކުރަން ދަސްވި. މިސާލަކަށް އެންމެ ކުދި ކަންތައް ތަކުން ފެށިގެން ބޮޑެތި އޮޕަރޭޝަންތައް ހިންގުމާ ހަމަ އަށް އެނގިގެން ދިޔަ. މީހާ މީހަކަށް ވާން ބޭނުންވާ ހުރިހާ ސްކިލްސްއެއް ލިބުނު،" އިހުސާން ވިދާޅުވި އެވެ.

އެމެރިކާގައި އިހުސާން ފުރިހަމަ ކުރެއްވި ތަމްރީންތަކުގައި ތަފާތު މީހުންނާ ދިމާވި އެވެ. މީގެ ތެރޭގައި އެކި ގައުމުތަކުގެ އަސްކަރީ އެންމެ މަތީ ބައެއް ވެރިންވެސް ހިމެނެ އެވެ. ނަމަވެސް މީގެ ތެރެއިން ވެސް އެންމެ ހާއްސަ އެއް ބޭފުޅަކީ އެމެރިކާގެ ކުރީގެ ރައީސް ބަޔަކު އޮބާމާ އެވެ.

"ރައީސް އޮބާމާ އާ ބައްދަލުވެ ވާހަކަ ދެކެވުނު. މިގޮތުން ވިދާޅުވި އަޅުގަނޑަކަށް [ރައީސް އޮބާމާ] އަށް އަޑު އިވިފައި އޮތް ގޮތުގައި މިހާރު ތިޔަ ހަވާލުވެގެން އުޅެނީ ދިވެހިރާއްޖޭގެ އަސްކަރިއްޔާ އަށް ވުރެ ވެސް ބޮޑު ލަޝްކަރާ ދޯއޭ؟ އެ މީހުން ދިވެހިން ދެކެނީ ވަރަށް ކޭޕަބަލް ބައެއްގެ ގޮތުގައި. ވަރަށް މުހިންމު ގައުމެއްގެ ގޮތުގައި ދެކެނީ،" އިހުސާން ވިދާޅުވި އެވެ.

އެމެރިކާ ތަމްރީންތަކުގައި އުޅުނުއިރު ހަނދާން ނުން ނުފިލާނެ ހާދީސާތައް ހިނގައިފައި ހުންނާނެ އެވެ. އެކަމަކު މި ހާދިސާ ގުޅިފައި ވަނީ ސީދާ އެ ތަމްރީންތަކަކާ ނޫނެވެ. ހަނދާނުން ނުފިލާނެ މި ހާދިސާއަކީ އިހުސާންގެ ކާފަ ނިޔާވި ދުވަހެވެ. ތަމްރީންތަކުގައި ފޯނާ ދުރުގައި ހަތަރު ދުވަހު އުޅުމަށްފަހު އައިސް ފޯނު ބަލައިލިއިރު ލިބުނީ ހިތާމަވެރިކަމުގެ ހަބަރު ތަކެވެ. ފޯނު ފުރިފައި އޮތީ ހުސް މެސެޖެކެވެ. އޭރު ކާފަ ނިޔާވިތާ ހަތަރު ދުވަސް ވެއްޖެ އެވެ.

ކެޕްޓަން އިހުސާން ވިދާޅުވި ގޮތުގައި އެންމެ އުފާވީ ކުއްޖަކު ލިބުނު ދުވަހެވެ. އެ ދުވަހުގެ އިހުސާސްތައް ބުނަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.

"ކުއްޖަކު ލިބި ބައްޕައަކަށް ވީދުވަސް. އެންމެ އުފާވީ އެ ދުވަހު. ހަގީގަތުގައި ކާމިޔާބީތައް ހޯދުމުގައި ވައިފް [އައިޝަތު ނައީމް] ގެ ދަތުރު ވަރަށް ބޮޑު. މައިންބަފައިންގެ ދަތުރު ވަރަށް ބޮޑު. މި ހިސާބަށް އައުމުގައި އެންމެ މުހިންމު މީހުންނަކީ މިއީ" އިހުސާން ވިދާޅުވި އެވެ.

"ކާފަ ވަރަށް ކުޑައިރުއްސުރެ ވަރަށް ގާތް ވާނެ. އެކަމަކު ސިފައިންގެ ވަޒީފާއަކީ އެ ކަހަލަ ކަމެއް. މިހެން އުޅޭ އުޅުމުގައި އެ ކަހަލަ އެތައް ކަމެއް ސެކްރިފައިޒް ވޭ. އަމިއްލަ އެތަށް ކަމެއް ސިފައިންގެ އަތުން ދޫވެގެން ދާނެ. އެއީ ސެކްރިފައިޒް އެއް،" ކެޕްޓަން އިހުސާން ވިދާޅުވި އެވެ.

ކެޕްޓަން އިހުސާން ގަބޫލުކުރައްވާ ގޮތުގައި، ސިފައިންގޭގައި މަސައްކަތް ކުރި ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެވެ. އުފާވެރި ދުވަހެވެ.

"ވަރަށް ގިނަ ދުވަސް ހުންނާނެ. އެކަމަކު އެމްޑީޔޫ އާއި އާމަރީގެ މަގާމުތަކާ ހަވާލުވުން. މީގެން އަންގައިދޭ އަޅުގަނޑުގެ ހިދުމަތްތައް ގައުމުން ބަލައިގެންފިކަން. މީގެ އިތުރުން ހިދުމަތުގެ އަގު ފާހަގަ ކޮށްފައިވޭ. މިހާރުވެ ސް މަގުމަތިން ދިމާވުމުން ސިފައިން ގޮވާލާ ހަދާނެ. އެހެންވެ އެނގޭ އެތަނުގައި ވެސް ވަރަށް ރަނގަޅަށް އުޅެވުނުކަން،" އެންމެ ހަގު އުމުރުގައި ޕްރޮމޯޝަން ލިބުނު ސިފައިގެން ތެރޭގައި ހިމެނުނު އިހުސާން ވިދާޅުވި އެވެ.

"މިހާތަނަށް ނެގި އެންމެ އުނދަގޫ ޑިސިޝަންއަކީ ސިފައިންގެ އިން ވަކިވުމުން. ވަރަށް ދެރަވި. އެއް ކަމަކީ ޕާސަނަލީ ބޮޑު އެޗީވްމަންޓެއް ދޫކޮށްލަން ޖެހުން. އަނެއް ކަމަކީ އަޅުގަނޑަކަށް ފީލް އެއް ނުވޭ ހިދުމަތް ކޮށްދޭން ޖެހޭ ވަރަށް ގައުމަށް ކޮށްދެވުނު ކަމަށް. ހަގީގަތުގައި ސެލްފިޝް ވިސްނުމެއް އާއިލާ އަށް ވަގުތު ދޭން ވަކިވުމަކީ. އެކަމަކު އެ ވަގުތު ނަގަން ޖެހުނު ޑިސިޝަނެއް މިއީ. ސިފައިންގެ ވެރިންނާ ވާހަކަ ދައްކާފަ މި ގޮތަށް ނިންމީ. އެ ބޭފުޅުން އެދުނު މަޑު ކުރަން ވެސް."

ހެޕީ މާކެޓުގެ އިސް މަގާމެއް

ސިފައިންގެ ޔުނީފޯމް ބޭލުމަށް ފަހު މިހާރު ކެޕްޓަން އިހުސާން ހުންނެވީ، ހެޕީ މާކެޓުގެ ޖީއެމްގެ މަގާމުގަ އެވެ. ހެޕީ މާކެޓަކީ އިހުސާން އަނބިކަނބަކުންގެ އާއިލީ ވިޔަފާރި އެވެ. މި މަގާމަށް އިހުސާން ހަވާލުވުން ވެގެން ދިޔައީ މި ކުންފުނީގެ މުވައްޒަފުންނަށް ލިބުނު "ސަޕްރައިޒް" އަކަށެބެ. އަދި މިލިޓަރީ މީހަކު ހަވާލުވުން ވެގެން ދިޔައީ ކުންފުނީގެ ހިންގުމަށް އެކަމުގެ ހެޔޮ ބަދަލު ވެސް ގެނުވި ކަމަށެވެ. އެކަން މިހާރު ވެސް ކުންފުނިން ފެންނަން ފަށައިފި އެވެ.

"ބައެއް ސްޓާފުންނަށް ހީވީ ވަރަށް މިލިޓަރީވާނެ އޭ. ބައެއް ޕޮލިސީސްތައް އެހީކުރި ގޮތަށް ހުރީވެސް. އަޅުގަނޑު ނެގޯޝިއޭޓް ކުރާކަމެއް ނޫން ގަޑި ޖެހިގެން އޮފީހަށް އައުމަކީ. ގަޑި އަށް އަންނަން ޖެހޭ. ހަމައެއާއެކު އެ މީހަކު އޮފީހަށް އަންނަ އެޕިއަރެންސް ރަނގަޅުވާން ޖެހޭނެ. އަދި ރިޒަލްޓްސް އޮރިއެންޓެޑް ވާން ޖެހޭ،" އިހުސާން ވިދާޅުވި އެވެ.

"ސިފައިން ގޭގައި އުޅުނުއިރު ގައުމުގެ ވިސްނުމާ ސިފައިންގެ ލީޑާޝިޕްގެ ވިސްނުމަށް ގޯލް ތަށް އެޗީވް ކުރަން ޖެހެނީ. މިހާރު ތަފާތަކީ އަމިއްލަ ގޯލް ތަކެއް މި ހުންނަނީ. ވިޔަފާރި ކުންފުންޏަކަށް ވީމަ ގެންނަ ބަދަލުގެ ނަތީޖާ ވަގުތުން ފެނޭ. މިއީ ވަރަށް ބައިވަރު އެސެސްޓްސްއާ މީހުންނާއި މުދާ. އެހެންވެ، ހީވެ ޒިންމާ ބޮޑު ހެން ވެސް."

ކެޕްޓަން އިހުސާން އެމެރިކާގެ އެންމެ ބޮޑު މިލިޓަރީ އެކަޑަމީން ތައުލީމް ހާސިލް ކުރުމަކީ މިހާރުގެ ވިޔަފާރި އަށް ވެސް ލިބޭ ބޮޑު ކުރިއެރުމަކަށް ވެ އެވެ. މިގޮތުން ބޭރުން ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމުގައި މި ގްރެޖުއޭޝަން މުހިންމު ރޯލެއް އަދާކުރެ އެވެ. މި ހުރިހާކަމަކާއެކު، ކެޕްޓަން އިހުސާންގެ ހުވަފެނެއް ވެސް އެބައޮތެވެ. އެއީ ހެޕީމާކެޓަކީ ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދޭ ކުންފުންޏަށް ހެދުމެވެ. އަދި ރައްޔިތުންގެ ޔަގީންކަމާއި އިތުބާރު އޮތް ކުންފުންޏަށްވުމެވެ.

"އަޅުގަނޑުމެން ކަސްޓަމަރުންނަށް ޑިޒާވް ވާރުގެ ސާވިސް ދޭނީ. މިއީ 25 އަހަރުވީ ކުންފުންޏެއް. އެހެންވެ އަބަދު ވެސް ބަލަނީ ސާވިސް އަށް. މުސްތަގުބަލުގައި މި ތަނުގެ ހުރިހާ ސާވިސް އެއް ވެސް އައިއެސްއޯ ސެޓިފައިޑް ހިދުމަތަކަށް،" ވާހަކަ ނިންމާލަމުން ކެޕްޓަން އިހުސާން ހެޕީ މާކެޓުގެ ކަސްޓަމަރުންނަށް މެސެޖެއް ދޫކޮށްލި އެވެ.