ލައިފްސްޓައިލް

އެހީތެރިޔަކަށްވި އެމްވީ ލޮސްޓް އެންޑް ފައުންޑް!

އަތުން އެއްޗެއް ގެއްލުމުން ފުރަތަމަވެސް ބަލަނީ އެވާހަކަ ފޭސްބުކްގެ ސްޓޭޓަސް އަކުން އެންމެނާ ހިއްސާ ކޮށްލައި ގިނަ ބަޔަކު އެ ސްޓޭޓަސް "ޝެއާ" ކޮށް އަވަހަށް އެ އެއްޗެއް އަތަށް ލިބޭ ގޮތް ވުމެވެ. ރާއްޖޭގައި ނަން މަޝްހޫރު އެމްވީ ލޮސްޓް އެންޑް ފައުންޑް ފޭސްބުކް ޕޭޖަކީ އެކަން އެންމެ ބޮޑު އޯޑިއަންސްއަކާ ހަމަޔަށް ފޯރު ކޮށްދެމުން އަންނަ ޕޭޖެވެ. އެއްޗެއް ގެއްލުމުން ދިވެހިން އެންމެ އަވަހަށް ބަލަނީ އެ ޕޭޖްގައި ޖަހާލެވޭތޯ އެވެ. އެމްވީ ލޮސްޓް އެންޑް ފައުންޑް ޕޭޖަކީ ރާއްޖޭގެ ބަޔަކު ހަދާފައިވާ އެންމެނަށް ފައިދާހުރި ފޭސްބުކް ޕޭޖެކޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. މިހާ މުހިންމުވެފައިވާ ޕާޖެއް ދިވެހިންނާ ހަމަޔަށް ގެނެސްދިން ބަޔަކު ބަލަން ބޭނުންވާ މީހުން ތިބޭނެ އެވެ.

"މީގެ ކުރިން ވަރަށް ގިނަ ފަހަރު މަތިން ސައިކަލު ގެއްލިފަވޭ. ގެއްލޭ ވަގުތު ކުރެވޭ އިހްސާސް ވަރަށް ރަނގަޅަށް ހުރީ ތަޖުރިބާ ކުރެވިފަ. އެކަމާ ބެހޭ ގޮތުން ސާއިދު މުހައްމަދު [އެމްވީ ލޮސްޓް އެންޑް ފައުންޑް ޕޭޖް އުފެއްދި ދެމީހުން ތެރޭއިން އެކަކު] އާ ދެމީހުން ކުޑަކޮށް ޑިސްކަސްވެސް ކުރެވުނު. މާ ބޮޑަކަށް އެކަމަކާ އޭރު އަޅައެއް ނުލެވުނު. ދެން ފަހަކަށް އައިސް އެއްޗެހި ގެއްލިގެން ފޭސްބުކް ގައި ޕޯސްޓްތައް ޖަހާފަ ހުންނަ ތަން ފެނޭ. އެ ފެނުނީމަ ހިތަށް އަރަނީ އަސްލު މާގިނަ ބަޔަކަށް މީތި ރީޗެއް ނުވާނޭ. ބޮޑު އޯޑިއަންސް އަކަށް ރީޗް ކުރަން އެކަހަލަ ޕްލެޓް ފޯމެއްވެސް ނެތޭ. އެހެންވީމަ މިކަން ފަށައިގެން އޯޑިއަންސް ބޮޑު ވެއްޖެނަމަ މިކަން ވާނީ އެމީހުންނަށް ފޯރު ކޮށްދެވޭ ވަރަށް ބޮޑު އެހީތެރި ކަމަކަށް. އެގޮތަށް ވިސްނާފަ މި ޕޭޖް ހަދަން ދެ މީހުން ނިންމީ" އެމްވީ ލޮސްޓް އެންޑް ފައުންޑް އުފެއްދި އެކަކު ކަމަށްވާ މުހައްމަދު ސާމް، އެޕޭޖް އުފައްދަން ފުރަތަމަ ވިސްނުމަށް އައި ގޮތް ކިޔައިދިނެވެ.

ކޮންމެ މީހަކަށްވެސް ފޭސްބުކް ގައި ޕޭޖެއް ހެދިދާނެ އެވެ. އެއީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ޕޭޖެއް ހަދައިގެން އެ ޕޭޖް ކުރިއެރުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހަދާ ކޮންމެ ޕޭޖަކީ ކުރިއަރައިގެންދާނެ ޕޭޖަކަށް ނުވެދާނެ އެވެ. ޕޭޖް ކުރި އަރުވަން ވަަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަން ޔަގީނެވެ. އެކަހަލަ ކަމެއްގައި އާއިލާ އާއި ގާތް ރަށްޓެހިންގެ އިތުރުން ފޭސްބުކް ގައި އުޅޭ ރަށްޓެހިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ އެވެ. އަލަށް ޕޭޖް ހުޅުވި ދުވަސް ވަރު ކުރެވުނު ކަންކަން ސާމް ހިއްސާކުރި އެވެ.

"ފުރަތަމަ ކޮޅު ބޮޑު އޯޑިއަންސް އަކަށް ރީޗް ކުރަން ސޯޝަލް މީޑީއާ ތެރޭގައި ވަރަށް ބޮޑަށް ހަރަކާތްތެރިވިން. ވަރަށް ގިނަ ރައްޓެހިން މެދުވެރިކޮށް ވެސް ގިނަބަޔަކާ ހަމަޔަށް ޕޭޖްގެ ޕޯސްޓްތައް ފޯރުކުރުމަށް ކުރުމަށް މަސައްކަތް ތަކެއް ކުރިން. އެކަމަކު މިހާރު ޕޭޖަށް "ލައިކް" ދީފަވާ މީހުން ވަރަށް ފުޅާކޮށް މިކަން ކުރޭ. އަހަރެމެން މިހާރު ކުރާ ކަމަކީ ވީހާވެސް އަވަހަކަށް ޕޯސްޓް ތައް ޕަބްލިޝް ކުރުން"

ކުރީގައި ދިވެހިންނަށް އެއްޗެއް ފެނުމުން ނުވަތަ ގެއްލުމުން ފޭސްބުކް ގައި އެކަމާ ގުޅޭ ޕޯސްޓެއް ޖަހާ ތަން ފެންނަނީ ވަރަށްވެސް މަދުންނެވެ. ނަމަވެސް އެމްވީ ލޮސްޓް އެންޑް ފައުންޑް ޕޭޖް ތައާރަފުވީ ފަހުން ކޮންމެ ދުވަހަކުވެސް އެކަހަލަ ގިނަ ޕޯސްޓް ތަކެއް އެ ޕޭޖުން ފެނެ އެވެ. ވަރަށް ގިނަ ބަޔަކު މި ޕޯސްޓް ތައް ޝެއާކުރާ ތަންވެސް ފެނިގެން ދެއެވެ. އެކަމަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔުމުން ހާމަވާ ކަމަކީ އެކަހަލަ މަގަކަށް ދިވެހިން ބޭނުންވެފައި ތިބި މިންވަރެވެ.

"ކުރީގަ ވަރަށް މަދުވާނެ މިކަހަލަ ޕޯސްޓް ތައް ފޭސްބުކް އިން ފެންނަލެއް. މިހާރު ހަމަ ކޮންމެ ދުވަހަކުވެސް މިކަހަލަ ގިނަ ޕޯސްޓް ތަކެއް ފެންނާނެ އަހަރެމެންގެ ޕޭޖުން. ގާތްގަނޑަކަށް ދުވާލަކު 13 ވަރަކަށް ޕޯސްޓް އާދޭ. ބައެއް އެއްޗެހި ވަރަށް އަވަހަށްވެސް ހަަމަ ވެރިފަރާތައް ލިބޭ. އެއްޗެއް ފެނިގެން އޭގެ ވެރިފަރާތް ހޯދަން ޖަހާ ޕޯސްޓް ތަކުން ގާތްގަނޑަކަށް 70 ޕަސެންޓް އަށް ވުރެ މަތިން އޭގެ ވެރިފަރާތާ ހަވާލު ކުރެވެ. ގެއްލިގެން ހޯދަން ޖަހާފަ ހުންނަ ޕޯސްޓް ތަކުގެ ތެރެއިން ގާތްގަނޑަކަށް 60 ޕަސެންޓް އެއްޗެހި ލިބޭ" ސާމް ބުންޏެވެ.

އެމްވީ ލޮސްޓް އެންޑް ފައުންޑް އެންމެ ބޮޑު މަގުސަދަކީ ކުރިއަށް އޮތް ތަނުގައި ޕޭޖް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަށް ވުރެވެސް ބޮޑު އޯޑިއަންސް އަކަށް ވާސިލުވުމެވެ. ސާމް ބުނީ ސޯޝަލް މީޑިއާގައި ޓްވިޓާއާ އިންސްޓަގްރާމް ގެ އިތުރުން ވައިބާ ޕަބްލިކް ގްރޫޕެއްވެސް މިހާރު ހަދާފައިވާ ކަމަށެވެ.

"މި ޕޭޖް ހެދީކީ އަހަރެމެންނަށް އެއްވެސް ކަހަލަ މަންފާއެއް ނޫނީ ފައިދާ އެއް ހޯދާކަށް ނޫން. އެންމެ ފުރަތަމަ އުފެެއްދި އިރުވެސް ދެމީހުން ބޭނުންވީ މި ޕޭޖް މެދުވެރިކޮށް ދިވެހިންނަށް ފައިދާވާނެ ކަހަލަ ކަމެއް ކުރަން. ބޭނުމަކީ އަބަދުވެސް މިކަން ސަދަގާތެއް ގޮތުގައި ކުރަން" ސާމް ބުންޏެވެ.

ދިވެހިންނަކީ ސޯޝަލް މީޑިއާ ގައި ވަރަށް ގިނަ ވަގުތު ހޭދަކުރާ ބައެކެވެ. އެހެންކަމުން އެމްވީ ލޮސްޓް އެންޑް ފައުންޓް ޕޭޖް ވުޖޫދަށް އައުން ވެގެން ދިޔައީ ދިވެހިންނަށް ވަރަށް ވެސް ބޮޑު ލުއި ފަސޭހަ ތަކަކާއި ފައިދާތަކެއް ލިބިގެން ދިޔަ ކަމަކަށެވެ. ދިވެހިންނަށް ފަސޭހަ ތަކާއި ފައިދާ ކުރާނެ މިކަހަލަ ޕޭޖް ތައް ސޯޝަލް މީޑިއާއިން ފެނިގެން ދިއުމަކީ އެންމެންގެ ވެސް ކުރާ އުންމީދެކެވެ.