ލައިފްސްޓައިލް

ޗޮކޮލެޓު ޓްރައިފުލް ތައްޔާރު ކޮށްލަމާ!

ޗޮކޮލެޓަކީ ކުޑަކުދިން، މެދު އުމުރުގެ މީހުން، ބޮޑެތި މީހުން، މިހެން ގޮސް ހުރިހާ އުމުރެއްގެ މީހުންގެ މެދުގައު ވެސް ވަރަށް މަގުބޯލު އެއްޗެކެވެ. ޗޮކޮލެޓު ބޭނުންކޮށްގެން ހަދާ ތަފާތު އެކ ބާވަތް ބާވަތުގެ ކާބޯ ތަކެއްޗަކީ ވެސް މަގުބުލު އެއްޗެއްސެވެ. ކޭކާއި، ޕުޑިންނާއި، މިލްކްޝޭކާއި މިހެން ގޮސް އެތަކެއް އެއްޗެއްސެވެ. ރެސްޓޯރެންޓަކަށް ކާލަން ގޮސްފި ނަމަ ޑްރިންކަކަށް ޗޮކޮލެޓް މިލްކްޝޭކެކެވެ. ޑެޒާޓަކަށް ޗޮކޮލެޓު ކޭކު ފޮއްޗެއް ނުވަތަ އެނޫން ވެސް ކޮންމެ ވެސް ޗޮކޮލެޓުން ތައްޔާރު ކުރާ ޕުޑިންނެކެވެ. ދުވަހުގެ ކެއުމުގެ ތާވަލުގެ ކޮންމެ ވެސް އެއްވަގުތެއްގައި ޗޮކޮލެޓުގެ ބާވަތެއް ނުހިމެނޭ ދުވަހެއް އާންމު ގޮތެއްގައި ނުދާނެ އެވެ.

ކަން މިހެން ހުރިއިރު ހުރިހާ ވަގުތަކު ބޭރު ތެރެއިން މިތަކެއްޗަށް އިންސާފު ކޮށްލުމުގެ ބަދަލުގައި ގޭގައި އަމިއްލައަށް ތައްޔާރުކޮށްލައިގެން އިންސާފު ކޮށްލުުން ކިހިނެއް ވާނެ ހެއްޔެވެ؟ މި ހަފްތާގެ ހުކުރު ދުވަހުގެ މެންދުރުގެ ސުފުރާމަތީގައި ޗޮކޮލެޓު ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭ ވަރަށް ފަސޭހަ، އަދި އެހާމެ މީރު އެއްޗަކަށް އިންސާފު ކޮށްލަމާ ހިނގާށެވެ.

ޗޮކޮލެޓު ޓްރައިފްލްއަކީ މާގިނަ އައްޗެހި ތައްޔާރު ކުރުމަށް ބޭނުންވާ އެއްޗެއް ނުނެވެ. ފަސޭހަކަމާއެކު ލިބެން ހުންނަ މަދު އެއްޗެއް ބޭނުން ކޮށްގެން ކުޑަ ވަގުތު ކޮޅެއްތެރޭ ތައްޔާރު ކޮށްލެވޭނެ އެވެ.

ގަންނަންވީ މިތަކެތި

1 ބްރައުނީ މިކްސް
1 ޗޮކޮލެތު ޕުޑިން މިކްސް
1/2 ޖޯޑު ފެން
1 ދަޅު ގެރި ކިރު
2 1/2 ޖޯޑު ވިޕްޑް ކްރީމް
1/2 ޖޯޑު ޗޮކްލެޓް (ގާނާފައި)

ތައްޔާރު ކުރާނީ މިހެން

ފުރަތަމަ ބްރައުނީ، ފޮށީގައިވާ އިރުޝާދާ އެއްގޮތަށް ތައްޔާރު ކުރާށެވެ. އަދި 2 އިންޗަށް ކަފާށެވެ.

ދެން ޕުޑިން ތައްޔާރު ކުރާށެވެ. ޕުޑިން ތައްޔާރު ކުރުމަށް ޕުޑިން މިކްސް ތަށްޓަކަށް އަޅާލާށެވެ. އަދި ފެންފޮދާއި ގެރިކިރު އެލުމަށްފަހު ރަނގަޅަށް އެއްވަންދެން މިކްސްޗާ ގަށާލާށެވެ. އެއަށްފަހު 1 ޖޯޑު ވިޕްޑް ކްރީމް އަޅާ އެއްކުރާށެވެ.

އޭގެ ފަހުގައި ޓްރޭގައި ފުރަތަމަ ބްރައުނީގެ ދެބައިކުލަ އެއްބައި އަތުރާލާށެވެ. އެއަށްފަހު ޕުޑިން މިކްޗާގެ ދެބައިކުލަ އެއްބައި ބްރައުނީގެ މައްޗަށް އަޅާ އެއްވަރު ކޮށްލާށެވެ. އަދި މައްޗަށް ވިޕްޑް ކްރީމްގެ ދެބައިކުޅަ އެއްބައި އަޅާށެވެ. އަލުންވެސް މި ތިން ސްޓެޕް ތަކުރާރު ކޮށްލާށެވެ އެއަށްފަހު މައްޗަށް ގާނާފައި ހުރި ޗޮކޮލެޓުކޮޅު އަޅާލާށެވެ. އޭރުން ތައްޔާރުކޮށް މި ނިމުނީ އެވެ.

މެންދުރުގެ ކެއުމަށް ތައްޔާރު ކުރާނަމަ އެންމެ ރަނގަޅުވާނި އޭގެ ކުރި ރޭގައި ތައްޔާރު ކުރުމެވެ. އަދި އެރޭ ފުރިޖަށް ލާފައި ބަހައްޓާށެވެ. މެންދުރުގެ ކެއުމަށްފަހު ކުޅި ފިލުވާލުމަށް މި ޗޮކޮލެޓު ޓްރައިފުލް ކާލާށެވެ.