ލައިފްސްޓައިލް

އަރާމް ނިދި ބޭނުން ނަމަ މިކަންކަން ކުރޭ!

ރޭގަނޑުގެ ނިންޖަކީ ދުވާލު ގަޑީގެ މަސައްކަތްތައް ހުއްޓުމެއް އަޔަ ނުދީ ކުރިޔަށް ގެންދަން ވަރަށް މުހިންމު ކަމެކެވެ. ރޭގަނޑު ހަމަ ނިދި ނުލިބޭ ނަމަަ ޖެހިގެން އަންނަ ދުވަހުގެ މަސައްކަތުގައި ލަސްކަމެއް އައިސް ސަމާލުކަން ދިނުމަށް އުނދަގޫވާގޮތް ދިމާ ވެއެވެ. އަބަދު ނިދި އައިސްފައި ހުރުމާއި މަސައްކަތް ކުރާ ހިތް ނުވުމާއި ވަރުބަލި ވެފައި ހުރުމަކީ ހަަމަ ނިދި ނުލިބުމުން ކުރިމަތިވާނެ ބައެއް ކަންތައްތަކެވެ. ރޭގަނޑު އަރާމް ނިންޖެއް ބޭނުންނަމަ ކުރެވިދާނެ ބައެއް ކަންކަން ހުރެ އެެވެ. އަދި މިއީ ޑަކްޓަރުން ވެސް ކުރުމަށް ލަފާދޭ ބައެއް ކަންކަމެވެ.

ފުރަތަމަ ކަމަކަށް ކޮންމެ ދުވަހަކު ވެސް އަށް ގަޑިއިރު ނިދަން ޖެހޭ ކަމަށް ގަބޫލު ކުރެވިފައި އޮންނަ ގަބޫލު ކުރުން މުޅިން ބަދަލު ކޮށްލާށެވެ. ޕްރޮޑަކްޓިވް ދުވަހަކަށް ކޮންމެ ހެން އަށް ގަޑީއިރު ނިދާކަށް ނުޖެހެ އެވެ. ހައެއް ނުވަތަ ހަތް ގަޑިއިރު ވެސް އެންމެ ރަނގަޅެވެ. ބޭނުން ވަނީ ރޭގަނޑުގެ ވަގުތުގައި ކޮންމެ ވެސް މިންވަރަކަށް ނިދާލާށެވެ. ހަގީގަތުގައި ނިދުމަށް އެންމެ ރަގަޅީ ވީހާ ވެސް އިރާކޮޅު ނިދުމެވެ. އިރާކޮޅު ނިދާނަމަ ފަތިހު ހޭލުމަކީ ދާދި ފަސޭހަ ކަމެކެވެ. ހޭލެވުމުން ވެސް ނިދި އަންނަ ވަރުން އަލުން ނިދާކަށް ވެސް ނުޖެހޭނެ އެވެ. ހޭލާއިރު މީހާއަށް ތާޒާކަން އިހުސާސްވެ ބޮލަށާއި ހަށިގަނޑަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.

ނިދަން އުނދަގޫވާ ނަމަ ޓީވީ ހުޅުވައިގެން ނިދޭތޯ މަސައްކަތް ކުރުން ވެސް އެންމެ ރަގަޅެވެ. ބައެއް މީހުންގެ ސިނކުނޑި މަސައްކަތް ކުރުން ހުއްޓާ ނުލުމުގެ ސަބަބުން އަބަދު ވެސް ކޮންމެ ވެސް ކަމަކާ ވިސްނޭ ގޮތް ދިމާވެ އެވެ. އެފަދަ މީހުން ޓީވީ އަޅުވައިގެން ނިދޭތޯ މަސައްކަތް ކުރާއިރު ޓައިމާ އެއް ލާފައި ބައިންދާށެވެ. އޭރުން ޓައިމާ ހަމަވުމުން ޓީވީ ނިވި ފަހުން ނިދާފައި އޮންނަ ގަޑީގައި ޓީވީގެ އުނދަގޫ ނުވާނެ ނޫން ހެއްޔެވެ.

ބައެއް މީހުންނަކީ ވަކި ކަންތައްތަކެއް ނުކުރާ ނަމަ ނުނިދޭ މީހުންނެވެ. އެއްބައި މީހުންނަށް މަޑު މަޑު މިޔުޒިކަކާ ނުލައި ނުނިދޭއިރު އަނެއްބައި މީހުން ބައްދާލާނެ ޓޭޑީ ބެއާ އެއް ނެތިއްޔާ ނިދަން އުނދަގޫ ވެގެން އުޅެއެވެ. އެފަދަ މީހުން އެމީހަކަށް ނިދަން ފަސޭހަ ގޮތަކަށް ނިދޭތޯ މަސައްކަތް ކުރާށެވެ. ފަސޭހަ ގޮތް އަބަދު ވެސް ފަސޭހަ ވާނެ އެވެ.

ކަންކަމާ މާބޮޑަށް ވިސްނޭނަމަ ލިޔާށެވެ. ކޮންމެ ވެސް ކަމަކާ ބެހޭގޮތުން ލިޔުމުން ބޮލަށް ވަރަށް ބޮޑަށް ލުއި ވެގެން ދާނެ އެވެ. ހާއްސަކޮށް ކަންބޮޑުވާ ކަމަކާ ބެހޭގޮތުން ލިޔުމަކީ ސިނކުނޑިއަށް ކުރާ ބާރު ވަރަށް ބޮޑުތަން ކުޑަވެގެންދާ ކަމެކެވެ.

ނިދުމުގައި އުނދަގޫތަކާއި ކުރިމަތިލާނަމަ ބޭސް ކެއުމުގެ ބަދަލުގައި ކައުންސެލާއަކާއި ވާހަކަ ދައްކައިގެން ތެރަޕީ ސެޝަންތަކެއް ނަގާލާށެވެ. ނުނިދެނީ ކީއްވެގެން ކަމާއި އަބަދު ކަންބޮޑުވާ ކަންކަމާ ބެހޭ ގޮތުންނާ މިނޫން ވެސް ދިރިއުޅުމުގައި ދިމާވާ އެކި ކަހަލަ މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދައްކާލާށެވެ. އޭރުން ވެސް ފަސޭހަ ކަމާއެކު ނިދުމަށް އެހީތެރި ވެދޭނެ އެވެ. ސަބަބަކީ ކަންކަމާ ދޭތެރޭ މާބޮޑަށް ވިސްނުމަކީ ވެސް ނިދުމުގައި އުނދަގޫތަކާ ކުރިމަތިވާ ކަމަކަށް ވާތީ އެވެ.

ނިދުމުގެ ކުރިން ކޮފީ ބޯނަމަ، އެކަން ހުއްޓާލާށެވެ. ކޮފީ ބުއިމުން ނިދަން ފަސޭހަވި ނަމަ ވެސް، ކޮފީގެ ސަބަބުން ހަމަ ނިދި ލިބުމުން މީހާ އެބަ މަހުރޫމްވެ އެެވެ. ކޮފީ ބުއިމުން ނިދުނު ކަމުގައި ވީނަމަ ވެސް ނިދި ބަލި ކޮށްލުމުގެ ސަބަބުން ފަސޭހަ އިން ހޭލެވި ނިދި ހަމަ ނުވާ ގޮތް ދިމާވާނެތީ އެވެ.

އެންމެ ފަހު ކަމަކަށް ބަންޑުން އޮވެ ނިދުމާ ދުރުހެލި ވާށެވެ. ކަމުގެ ތަޖުރިބާކާރު ޑޮކްޓަރުން ބުނާ ގޮތުގައި ބަންޑުން އޮވެެ ނިދުމަކީ ކަރަށާއި ސްޕައިނަލް ކޯޑަށް ވަރަށް ގެއްލުން ކުރާ ކަމެކެވެ. ނިދަން އޮންނަން އެންމެ ރަގަޅު ގޮތަކީ ތެދަށް ކަކޫ ދަށަށް ބާލީހެއް ލައްވައިގެން އޮތުން ކަމަށް ވެސް ޑޮކްޓަރުން ލަފާ ދެއެވެ.

ފުރިހަމަ ނިންޖަކީ ޕްރޮޑަކްޓިވް ދުވަހަކަށް އެންމެ މުހިންމު އެއް ކަމެވެ. ނިދަން އެންމެ ރަގަޅު ގޮތަކީ އެމީހަކަށް ނިދަން ފަސޭހަ ގޮތަކަށް އޮވެ ނިދޭތޯ މަސައްކަތް ކުރުމެވެ. އަރާމް ނިންޖެއް ނިދާލުމަށް މި ކަންކަން ކޮށްލާށެވެ.