ލައިފްސްޓައިލް

ދަރިންނާ ގުޅުން ބަދަހި ކުރުމަށް މިކަންކަން ކޮށްލާ!

ދުވާލުގެ ވަގުތު ތަކުގައި އޮފީހުގައި ބުރަކޮށް މަސައްކަތުގައި އުޅެފައި އައިސް ދަރިންނާއެކު ވަގުތު ހޭދަކުރުމަށް ހަގީގަތުގައި ލިބެނި ވަރަށް މަދު ވަގުތު ކޮޅެކެވެ. ހަވީރުގެ ވަގުތެއްގައި ވަޒީފާ އިން ނިމިގެން އައިސް ދަރިން ނިދުމާ އެދޭތެރޭ ގިނަ މައިންބަފައިންނަށް ލިބޭ ވަގުތުކޮޅު ވަރަށް ވެސް ކުޑަ އެވެ. ނަމަވެސް ކުޑަ ވަގުތު ކޮޅަކުން ވެސް ދަރިންނާއެކު ހޭދަ ކުރާ ވަގުތަކީ ބޭނުންތެރި، ދަރިންނާއެކު ހޭދަ ކުރެވޭ އަގުހުރި ވަގުތުކޮޅަކަށް ހެދިދާނެ އެވެ. އެކަމަށްޓަކައި މިކަންކަން ކޮށްލާށެވެ.

ރޭގަނޑު ކާގަޑިގައި ކޮންމެ ކުއްޖަކުވެސް އެދުވަހު ދިމާވި ރަގަޅު ކަމަކާ ރަގަޅު ނޫން ކަމެއްގެ ވާހަކަ ބުނުމަށް ބުނާށެވެ. އަދި ކައި ނިމުމުން ކޮންމެ ރެއަކު ވެސް ކޮންމެ ވެސް އެއްކުޖަކު ޖޯކެއް ފަދަ ހެއްވާ މަޖާ އެއްޗެއް ކިޔާގޮތަށް ހަމަޖައްސާށެވެ. އަދި ކޮންމެ ހަފަތާއަކު ވެސް މަދު ވެގެން 4 ދުވަސް ކެއްކުމުގައި ދަރިން ބައިވެރި ކުރާށެވެ. ބައެއް ކަހަލަ ފަސޭހަ ކުދިކުދި މަސައްކަތް އެކުދިން ކޮށްލަން ދޭށެވެ. ހަފްތާގެ ކޮންމެ ވެސް އެއް ދުވަހަކު ކޮންމެ ވެސް އެއް ދަރިޔަކާ އެކު ކޮންމެ ވެސް ކަމެއް ކޮށްލާށެވެ.

މީގެ އިތުރުން ދީނީ އަޅުކަންތައްއަދާކުރާއިރު ދަރިން ބައިވެރި ކުރާށެވެ. ނަމާދަށް އަރާއިރު ވެސް ދަރިން ގޮވައިގެން ނަމާދަށް އަރާށެވެ. އަދު ޤުރްއާން ވެސް އެކުދިން ގޮވައިގެން ކިޔަވާ ހަދާށެވެ. އަދި ކޮންމެ ރެއަކުވެސް އެކުދިންނަށް ކިޔެވޭ ވަރުގު ސޫރަތްތަކުން އެއް އާޔަތް ނަމަ ވެސް ހިތުން ދަސްކުރުވާށެވެ. އަދި ކޮނމްެ ހަފްތާއަކު ވެސް އެއް ދުވަހު މުޅި އާއިލާ އެއްވެ އެ ހަފްތާ ދަސްކުރި އާޔަތެއް ކޮންމެ ކުއްޖަކު ލައްވާ ވެސް ކިޔުއްވާށެވެ. މި ކަމުގައި ދެމަފިރިން ވެސް ބަިއވެރި ވުމަކީ މުހިންމު ކަމެކެވެ.

މިފަދަ އެތައް ކަންކަމެއް ދަރިންނާއެކު އަގުހުރި ވަގުތު ހޭދަކުރުމަށް ކުރެވިދާނެ އެވެ. ދަރިންނާއެކު ހޭދަ ކުރެވޭ ވަގުތަކީ އެކުދިންނަށް ދުޅަހެޔޮ ފައިދާ ކުރުވަނިވި ދިރިއުޅުމަކަށް މަގުފަހި ކޮށްދިނުމަށް ކޮށްދެވޭ ވަރަށް މުހިންމު ކަމެކެވެ.