ވިޔަފާރި

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު ބުދަ ދުވަހު ނެރެނީ

May 9, 2017
1
  • މި ނޫޓުވެސް ފަރުމާކުރީ ނަޝާތު
  • ކުރީގެ ނޫޓުތަކާ އެއް ވަރެއް
  • ސަލާމަތީ ސިފަތައް އެއްގޮތް

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު ބުދަ ދުވަހު ތައާރަފު ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރު ވެއްޖެ އެވެ.

އެމްއެމްއޭ އިން ކުރިން ބުނެފައިވާ ގޮތުގައި މިހާރު ބޭނުންކުރާ ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރޭ، އާ ޕޮލިމާ ނޫޓުގެ ސައިޒު މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކާ ހުންނާނީއެއް ވަރަކަށެވެ. އަދި މި ނޫޓު ވެސް ފަރުމާކޮށްފައިވަނީ މިހާރު ބޭނުންކުރާ ނޫޓުތައް ވެސް ފަރުމާކުރި އަބްދުﷲ ނަޝާތު އެވެ.

މަރުކަޒީ ބޭންކުން ކުރިން ނެރެން މަސައްކަތް ކުރީ ފަސް ރުފިޔާގެ އާ ފައިސާ ފޮޗްކެވެ. ނަމަވެސް ފަހުން ވަނީ ޕޮލިމާ ނޫޓު ނެރެން ނިންމާފަ އެވެ.

މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރެފައިވާ "ރަންދިހަ ފަހެއް" ގެ ނޫޓުތަކުގައި ހިމެނެނީ 10ރ. އާއި 20ރ އަދި 50ރ. އާއި 100ރ. ގެ އިތުރުން 500ރ. އަދި 1،000 ރުފިޔާގެ ނޫޓެވެ. މި ނޫޓުތައް ވެސް ޕްރިންޓް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.

އެމްއެމްއޭއިން ދަނީ މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ފައިސާ ފޮއްޗަށްވެސް ބަދަލު ގެންނަން މަސައްކަތް ކުރަމުންނެވެ. މިގޮތުން މި ފައިސާ ފޮއްޗަށް ވުރެ ލުއި ފައިސާ ފޮއްޗެއް މި އަހަރު ނެރެން ދަނީ ތައްޔާރު ވަމުންނެވެ.