ޔާމީން ރަޝީދުގެ މަރު

ޔާމީންގެ ގާތިލުން ހޯދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދީފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ ރަހްމު ކުޑަ މަރުގެ ފަހަތުގައިވާ މީހުން އިންސާފުގެ ކުރި މައްޗަށް ގެނެވޭނެ ކަމުގެ ޔަގީންކަން ފުލުހުން މިއަދު ދީފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޔާމީންގެ މަރުގެ މައްސަލާގެ ތަހުގީގަށް ލިބެމުންދާ ކުރި އެރުންތަކާއެކު ތަހުގީގު ކާމިޔާބު ކުރެވުމުގެ ވަރަށް ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށެވެ.

"... ރަހުމު ކުޑަ އަމަލު ހިންގުމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހޯދާ އިންސާފުގެ ކުރި މައްޗަށް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން،" ބަޔާނުގައި ބުންޏެވެ.

ފުލުހުން މިއަދު ވަނީ ފުރަތަމަ ފަހަރަށް ޔާމީންގެ މަރާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާކަން ވެސް ހާމަކޮށްފަ އެވެ. މީގެ ކުރިން މީޑިއާގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްކުރި ނަމަވެސް ފުލުހުން އެއަށް ކޮމެންޓެއް ނުކުރެ އެވެ.

ފުލުހުން ވެސް ބުނި ގޮތުގައި މައްސަލައާ ގުޅިގެން މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަ މީހުން ހައްޔަރުކޮށް ތަހުގީގު ވަރަށް ހަލުވިކަމާއެކު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލާގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހެކެވެ. އޭނާއަކީ ޔާމީން މަރާލި ރޭ އޭނާއަށް ފާރަލަމުންދިޔަ މީހާ ކަމަށްވެ އެވެ. ދެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހެކެވެ. އޭނާއަކީ އެ މަރުގައި ކޮން ގޮތަކުން ބައިވެރިވި މީހެއް ކަމެއް ސާފެއް ނުވެ އެވެ. މިދިޔަ ހަފުތާ ތެރޭގައި ހައްޔަރުކުރި ހަތަރު މީހުންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ނުލިބެ އެވެ.

މީގެ ކުރިން ފުލުހުން ވަނީ ޔާމީން ރަޝީދަށް ހަމަލާދިން ކަމަށް ބެލެވޭ ދެ މީހުންގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ. ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި އެ ދެ މީހުން ހިމެނޭ ކަމެއް ފުލުހުން ނުބެނެ އެވެ.

ޔާމީން މަރާލާފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރީގަ އެވެ. ތޫނު އެއްޗަކުން އޭނާއަށް ވަނީ ގިނަ ހަމަލާތަކެއްދީފަ އެވެ. އެ ރަހްމުކުޑަ އަމަލު ރާއްޖެއާއި ބޭރުގެ ގިނަ ފަރާތްތަކަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ޔާމީންއަށް އިންސާފު ހޯދައިދިނުމަށް ދަނީ ގޮވާލަމުންނެވެ.