ޗައިނާ

ގައުމުތަކަށް ގެނެސްދޭ ތަރައްގީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރާނަން: ޗައިނާ

ބީޖިން އިން: އާމިނަތު އިބްރާހިމް -- ބޭރު ދުނިޔޭގެ ގައުމުތަކާއި ޗައިނާ ގުޅުވައިދޭ މެރިޓައިމް ސިލްކް ރޯޑު ނުވަތަ "ވަން ބެލްޓް، ވަން ރޯޑް" މަޝްރޫއަކީ މެންބަރު ގައުމުތަކުގެ ސިޔާސީ މައްސަލަތަކާއި އެނޫނަސް ގައުމުގެ އެތެރޭގެ މައްސަލަތަކަށް ނުފޫޒު ފޯރުވަން ޗައިނާއިން ބޭނުން ކުރާނެ ހަތިޔާރެއް ނޫން ކަމަށް ޗައިނާއިން ބުނެފި އެވެ.

ސިލްކް ރޯޑުގައި ހިމެނޭ ރާއްޖެ، އިންޑިއާ ޕާކިސްތާން އަދި ބަނގްލަދޭޝްގައި ކުރިއަށްދާ ބައެއް އިންފްރާސްޓްރަކްޗާ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާ ކުރަން އެ މަޝްރޫއުތައް މޮނިޓާ ކުރުމުގައި އިސް ދައުރެއް އަދާކުރާ ޗައިނާގެ ވުހާން މުނިސިޕަލްޓީގެ އިސް ޓީމަކުން މިދިޔަ ހުކުރު ދުވަހު ވަނީ ވެރިރަށް ބެއިޖިން ގައި ރަސްމިއްޔާތެއް ބާއްވާފަ އެވެ. އަދި ބެލްޓް އެންޑް ރޯޑް ގެ ދަށުން ގައުމުތަކުގައި ކުރިއަށްދާ ބޮޑެތި މަޝްރޫއުތަކާބެހޭ ރަސްމީ ފޮތެއް ވެސް ނެރުނެވެ. އެ ފޮތުގައި "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އާ ބެހޭ ގިނަ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.

ރަސްމިއްޔާތުގައި ވުހާން ޕަބްލިސިޓީ ޑިޕާޓްމަންޓްގެ ހެޑް ލީ ޝްޔޮންގް ވިދާޅުވީ، "ބެލްޓް އެންޑް ރޯޑް" އުފަންވީ މެންބަރު ގައުމުތަކުގެ މެދުގައި ހިޔާލު ބަދަލުކޮށް، ބޭނުންތައް ފުއްދައިދިނުމާއެކު 21 ވަނަ ގަރުނުގެ މިންގަނޑަށް ފެތޭ ފަދަ އިންފްރާސްޓްރަކްޗާއެއް ގައުމުތަކުގައި ގުޅިގެން ގާއިމްކުރަން ކަމަށެވެ. މިހާތަނަށް އާއިރު އެ މަގްސަދުން ޗައިނާ ކައްސާލައިގެން ނުދާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ޗައިނާ އިން މަސައްކަތްކުރާނީ ގައުމުތަކުގެ ހައްސާސް މައްސަލަތަކާއި ސިޔާސީ މައްސަލަތަކާ ފައްތަރު ނުވާގޮތަށް ކަމަށެވެ.

"ޗައިނާއިން މަސައްކަތް ކުރާނީ ގައުމުތަކުގެ އަމިއްލަ ކަންތައްތަކާ ނުބެހި. 'ބެލްޓް އެންޑް ރޯޑް' މަޝްރޫއުގެ ދަށުން މެންބަރު ގައުމުތަކުގައި މިހާތަނަށް ކުރެވުނު އިންވެސްޓްމަންޓްގެ އަގު މިހާރުވެސް 3.8 ބިލިއަން ޑޮލަރަށް އަރާ. އިންވެސްޓްމަންޓް ފުޅާވެގެން މިދަނީ އިމާރާތް ކުރުމާއެކު. މި ހުރިހާ މަސައްކަތަކާއެކު ޗައިނާއާއި މެންބަރު ގައުމުތަކާ އޮތް ގުޅުން ފެނި ހައިރާންވޭ. ގުޅުން ދައްކުވައިދެނީ އެ މަޝްރޫއުތައް ކުރިއަށްގެންދާ ކުންފުނިތަކާއި މަޝްރޫއުތަކުގައި މަސައްކަތްކުރާ މަސައްކަތު މީހުންގެ ބުރަ މަސައްކަތާއި ގުރުބާނީ ފެނި،" ޝްޔޮންގް ވިދާޅުވި އެވެ.

ޗައިނާއާ ރާއްޖޭގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި، މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ހާއްސަކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެ ބްރިޖަކީ ޗައިނާގެ މުޅިން ތަފާތު މަސައްކަތެއް ކަމަށެވެ. ކަނޑެއް ހުރަސްކޮށް އަޅާ ފުރަތަމަ ބްރިޖް ރާއްޖޭގައި އިމާރާތްކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައި އަންނަން އޮތް އެފަދަ ބުރަ ބޮޑު މަޝްރޫއުތަކަށް ހުނަރުވެރިކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަންވެސް ފާހަގަކުރައްވާފަ އެވެ.

"... 'ވަން ބެލްޓް ވަން ރޯޑް' މި ބަސް މިހާރު މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުންމީދީ ސިފައެއްގައި ގުގުމާލާފައި. ސަތޭކައަށް ވުރެ ގިނަ ގައުމުތަކުން މިހާރުވެސް މިވަނީ މި ޝިއާރާއި މަސައްކަތްތަކާއި ގުޅިފައި. އިތުރު ގައުމުތަކުން ވެސް ދަނީ ޝައުގުވެރިކަން ފާޅުކުރަމުން. މޭ މަހުގެ ފޯރަމަކީ އިތުރު ބައިވެރިންތަކެއް މި ގުޅުމުގެ ތެރެއަށް ވަދެގެންދާނެ ބޮޑު ފޯރަމަކަށް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ސިލްކު ރޫޓު މަޝްރޫ އާއި އެއާ ގުޅިފައިވާ އިގްތިސޯދީ ބެލްޓްގައި ހިމެނޭ ގައުމުތަކުގައި އެކަމުގެ އިންފްރާސްޓްރަކްޗާ ބިނާ ކޮށްދިނުމަށް 10 އަހަރު ތެރޭގައި 2.5 ޓްރިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރަން ޗައިނާއިން ވަނީ އަމާޒު ހިފާފަ އެވެ. އަދި ކުރިއަށް އޮތް ތާނގައި އެކި ގައުމުތަކުގައި ފަންސާހަށްވުރެ ގިނަ އިކޮނޮމިކް ޒޯން ތަރައްގީ ކުރަން އެހީވެދޭން ޗައިނާއިން ނިންމާފައިވާއިރު، އެ ކަންކަމާ ގުޅޭ މަޝަވަރާތައް ކުރަން ބާއްވާ މެންބަރު ގައުމުތަކުގެ އިސް ލީޑަރުންގެ ފޯރަމް އޮންނާނީ މިމަހުގެ 14 އިން 15 އަށް ވެރިރަށް ބެއިޖިންގަ އެވެ.

އެ ފޯރަމްގައި ރާއްޖޭގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.