ހަބަރު

ފަސް ރުފިޔާގެ އާ ނޫޓު ދައްކާލައިފި، ޖުލައި މަހު ނެރޭނެ

ފަސް ރުފިޔާގެ އާ ނޫޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތައާރަފުކޮށްފި އެވެ. ޕޮލިމާ ކަރުދާހުގައި ހަދާފައިވާ މި ނޫޓު މިއަދު ތައާރަފްކުރި ނަމަވެސް އާންމުން ބޭނުން ކުރުމަށް ނެރޭނީ ޖުލައި މަހުގެ ތެރޭގަ އެވެ.

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު ތައާރަފްކޮށްފައި ވަނީ އިސްކަންދަރު ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގަވަރުނަރު އަޒީމާ އާދަމް އެވެ. އެމްއެމްއޭއިން ބުނީ ފަސް ރުފިޔާ ތައާރަފް ކުރީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކަމަށެވެ. އެ ނޫޓް ޑިޒައިންކޮށްފައި ވަނީ މުވާސަލާތު ކުރުމާއި އިޖްތިމާއީ ގުޅުން ދައްކުވާދޭ ކޮންސެޕްޓެއްގެ މައްޗަށް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. ފަސް ރުފިޔާގެ ނޫޓުގައި އެއް ފަޅީގައި ސަންގެއް ކުރަހާފައި ހުންނަ އިރު އަނެއް ފަޅީގައި ހުންނަނީ ފުޓުބޯޅަ އާއި ސަގާފީ އެކި ކުޅިވަރުތައް ކުޅޭ މަންޒަރެވެ.

އެމްއެމްއޭއިން ބުނީ ފަސް ރުފިޔާގެ ނޫޓުގައި ވެސް ރަންދިހަފަހެއް ސީރީޒްގެ ނޫޓްތައް ކަމަށްވާ، 10، 20 އަދި 50 ރުފިޔާގައި ހުންނަ ސަލާމަތީ ސިފަތައް ހުންނާނެ ކަމަށެވެ. އަދި ކްލިއާ ވިންޑޯ އެއްފަރާތުން ޓްރާންސްޕޭރަންޓުކޮށް ނޫޓުގެ އަގު ފެންނަން ހުންނާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

ފަސް ރުފިޔާގެ ނޫޓު މިއަދު ތައާރަފްކޮށްފައިވާ އިރު އެ ނޫޓަށް އާންމުން ހޭލުންތެރި ކުރުވުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި އެ ނޫޓު ދައްކާލާނެ އެވެ. އެގޮތުން އެމްއެމްއޭގެ ޓީމްތަކުން ވެލާނާގޭ ސަރަހައްދާއި ވިލިނގިލި އަދި ހުޅުމާލޭ ފެރީ ޓާމިނަލާއި، ޕޯޓްސް ކުރިމަތީގެ އިތުރުން ޖުމްހޫރީ މައިދާނުގައި ނޫޓު ދައްކާލުމުގެ ހަރަކާތްތައް ކުރިޔަށް ދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރެފައިވާ "ރަންދިހަ ފަހެއް" ގެ ނޫޓުތަކުގައި ހިމެނެނީ 10ރ. އާއި 20ރ އަދި 50ރ. އާއި 100ރ. ގެ އިތުރުން 500ރ. އަދި 1،000 ރުފިޔާގެ ނޫޓެވެ. މި ނޫޓުތައް ވެސް ޕްރިންޓް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެމްއެމްއޭއިން ދަނީ މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ފައިސާ ފޮއްޗަށްވެސް ބަދަލު ގެންނަން މަސައްކަތް ކުރަމުންނެވެ. މިގޮތުން މި ފައިސާ ފޮއްޗަށް ވުރެ ލުއި ފައިސާ ފޮއްޗެއް މި އަހަރު ނެރެން ދަނީ ތައްޔާރު ވަމުންނެވެ.