ކުނި މެނޭޖް ކުރުން

ކުނި މެނޭޖްކުރުމާބެހޭ ބިލެއް އެކުލަވާލައި އޭޖީއަށް ފޮނުވައިފި

ރާއްޖޭގައި އުފައްދާ ކުނި ހަރުދަނާ ގޮތެއްގައި ނައްތާލުމަށްޓަކައި ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓާ ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ ރާއްޖޭގައި ކުނި ނައްތާލުމާބެހޭ ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް އެކަންކަމުގެ މައްޗަށް އެކުލެވޭ ޑްރާފްޓެއް ތައްޔާރުކޮށް އެ ޑްރާފްޓް އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. ކައިރި މުސްތަކުގަލެއްގައި އެ ބިލް މަޖިލީހަށް ވަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ބިލް މަޖިލީހަށް ހުށަހެޅި ކުނި މެނޭޖް ކުރުމުގެ ގާނޫނެއް އެކުލަވާލެވުމުން ކުނި މެނޭޖްކުރުމުގައި ބަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ. އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ލިބިގެންދާ އިތުރު ބާރަކަށް ވެސް ވެގެން ދާނެ." މިނިސްޓާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ރާއްޖޭގައި ކުނި މެނޭޖްކުރާނެ ގައުމީ ސިޔާސަތެއް ނެތުމުގެ ސަބަބުން ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށާއި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރާނެ ނިޒާމެއް ގާއިމްވެފައި ނެތުމުގެ ސަބަބުން ބަލި މަޑުކަން ފެތުރުމަށް މަގުފަހިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަންކަން ހައްލު ކުރުމަށްޓަކައި ރަށްތަކަށް ކުނި މެނޭޖް ކުރުމަށް ބޭނުން ކުރާ އިކުއިޕްމެޓްތައް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރާ ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ތިމާވެށި ހިމާޔަތް ކުރުމަށާއި ރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއަރުވަން އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގިނަ މަސައްކަތްތަކެއް މިހާރު ހިނގާ ކަމަށެވެ.