ޕީޕީއެމް

ޕީޕީއެމުން ޖަގަހަ ޖަލްސާތައް ފަށައިފި

ލޯކަލް ކައުންސިލްގެ އިންތިހާބަށް ފަހު ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އާއި އެ ޕާޓީގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން ސިޔާސީ ރެލީތައް މިރޭ ފަށާއިފި އެވެ. ރެލީގެ ޖަލްސާތައް މިރޭ ފަށާފައި ވަނީ ބޮޑުތަކުރުފާނު މަގުން އާޓިިޝަލް ބީޗުގެ ކުރިމަތީގައި ހުންނަ އެމްޑީއޭގެ ޖަގަހާގަ އެވެ.

މި ޖަލްސާތަކަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ކޯލިޝަންނަށް މެޖޯރިޓީ ނުލިބުމުން އާ ހިތްވަރާއެކު ސިޔާސީ ހަރަކާތްތައް ފެށުމަށް ބާއްވާ ޖަލްސާތަކެކެވެ. މި ޖަލްސާތައް ކުރިޔަށްދާއިރު ޗެނަލް 13 އިން ލައިވް ވެސް ކުރެ އެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޖަލްސާތައް މިރޭ ފެށިއިރު ޖަލްސާގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ފަދަ ނަތީޖާއެއް އެމްޑީޕީއަށް ކުރިމަތިވިނަމަ އެ ޕާޓީއަށް ހަދާނެ ގޮތެއް އެނގިވަޑައި ނުގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ފަދައިން އެއް ފަރާތްވެގެން ދިޔައިސް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކޯލިޝަނުން މިއަދު އާ ހިތްވަރަކާއެކު މަަސައްކަތް ފަށައިގަތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިތްވަރު ދެރައެއް ނުވާނެ،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ، މިޑް ޓާމްގައި ބާއްވާ އިލެކްޝަންތަކަކީ ސަރުކާރަކަށް އުނދަގޫތަކެއް ކުރިމަތިވެދާނެ އިންތިހާބެއް ކަމަށެވެ. އެއީ މައްސަލައެއް ނޫން ކަމަށާއި އެއީ ކަންކަން ރާވައިގެން ކުރިއަށް ދިޔުމުން ކުރިމަގުގައި ރަނގަޅުވާނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންނަކީ އެ ވިސްނުންފުޅުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

"އެއްވެސް ވަރަކަށް އަޅުގަނޑުމެން މާޔޫސްވާކަށް ނުޖެހޭ، މީ މޮޅެއް، ހިސާބު ޖައްސަވައިފިނަމަ އެކަން އެނގޭނެ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ އިތުރަށް ވިދާޅުވީ، ރައީސް ޔާމީން އެކަނި ނިކުމެވަޑައިގެން ވަނީ ބޮޑު ކާމިޔާބީއެއް ހޯއްދަވާފަ ކަމަށެވެ. އިދިކޮޅުގައި ތިއްބެވި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ނަޝީދާއި ގާސިމް އިބްރާހިމަށް ލިބުނު ވޯޓުގެ އަދަދާ އަޅާބަލާއިރު ރައީސް ޔާމީނަށް ލިބިވަޑައިގެން ވޯޓު ގިނަ ކަމަށެވެ.

"އެކަން ކަމުން ޖެހިލުންވާކަށް ނުޖެހޭ، އަޅުގަނޑުމެން ނިންމާލާނީ 2018 ގައި ރައީސް ޔާމީނަށް އިތުރު ދައުރެއް ދެއްވާފަ،" ޝައިނީ ވިދާޅުވި އެވެ.

ޕީޕީއެމްއިން ބުނި ގޮތުގައި ޖަގަހަ ޖަލްސާތައް އޮންނާނީ ކޮންމެ ހަފުތާއަކު ފަސް ރެ އެވެ. މިރޭގެ ޖަލްސާގައި ޕީޕީއެމްގެ އިސް ބޭފުޅުންނާއި އެމްޑީއޭގެ އިސް ބޭފުޅުންނާއި އެމްޕީންނާއި ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޕީޕީއެމްގެ ސިލްސިލާ ރެލީތައް ފެށި އިރު އެ މަގުގައި ހުންނަ އެމްޑީޕީގެ ގަރުގޭގައި ރައީސް މައުނޫނުގެ ސަރުކާރު އޮތް ދުވަސްވަރު އެމަނިކުފާނަށް ހާއްސަކޮށް ހަދާފައިވާ އަދި ފަހުން ޑީއާރްޕީ އާއި ޕީޕީއެމުން ޖަހަމުން ގެންދިޔަ "ތިޔައީ ޒައީމޭ" އެލަވައި ދޭތެރެ ދޭތެރެއިން އަޑުގަދަ ކޮށްޖެހި އެވެ.