އަވަސް ވީކެންޑް

މަސްވެރިކަމުން ވިދާލި ނަން ޓޫރިޒަމްގެ ތެރެއަށް!

May 12, 2017
3

މަސްވެރިކަމުގެ މުޅި ދާއިރާ މި ނަން ދަންނާނެ އެވެ. އެ ދާއިރާ އަށް 25 އަހަރު ހިދުމަތް ކުރެއްވި އެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ މުހިންމު މަގާމު ތަކެއް އަދާ ކުރެއްވި އެވެ. އޭގެ ފަހުން ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި އެވެ. އަދި ރާއްޖޭގެ މަސްވެރިކަމަށް ލިބިފައިވާ މުހިންމު ސެޓިފިކެޓް ހޯދުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި އެވެ. ނަމަވެސް އޭގެ ފަހުން ދާއިރާ ބަދަލުކޮށްލެއްވީ އެވެ. މިހާރު މިއީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު ހިދުމަތެއްދޭ އެންމެ ބޮޑު ކުންފުނީގެ އެންމެ އިސްވެރިޔާ އެވެ. ސިލްވަ ސޭންޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު، އާއްމު ނަމުންނަމަ "މޫޝިދު" އެވެ.

"އަބަދު ވެސް އެންމެ އުޅެން ބޭނުންވި ދާއިރާއަކީ މަސްވެރިކަން. މަސްވެރި ކަމަކީ ދުވަހުން ދުވަހަށް ޑިސިޝަންތައް ނަގަން ޖެހޭ ވަރަށް ތަފާތު ދާއިރާއެއް،" މޫޝިދު މަސްވެރިކަމުގެ ދާއިރާ ސިފަ ކުރައްވަނީ މިގޮތަށެވެ.

މަސްވެރިކަމަށް މޫޝިދުގެ ޝައުގުވެރިކަން އެންމެ ބޮޑަށް އެނގިގެން ދިޔަ އެއް ކަމަކީ ރާއްޖޭގެ މަސްވެރިކަމަށް މިހާރު ލިބިފައިވާ، ދެމެހެއްޓެނިވި މަސްވެރިކަމުގެ ސެޓިފިކެޓް ނުވަތަ "އެމްއެސްއީ" ހޯދަން ކުރެއްވި ބުރަ މަސައްކަތް ތަކެވެ. މި މަސައްކަތުގައި ރާއްޖޭގެ ފޯކަލް ޕޮއިންޓެއްގެ ގޮތުން މޫޝިދު މަސައްކަތް ކުރި އެވެ.

"މި ސެޓިފިކެޓް ލިބުމަކީ އަޅުގަނޑު މަސްވެރިކަމުގައި އުޅުނު ދުވަސްވަރު ކުރެވުނު އެންމެ ފާހަގަ ކުރެއްވޭ އެއް ކަންތައް. މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްކަމުގެ ޔަގީންކަން މިހާރު ލިބިގެން މިދަނީ،" މޫޝިދު ވިދާޅުވި އެވެ.

މޫޝިދު މަސްވެރިކަމުގެ ދާއިރާގައި ކުރެއްވި ފާހަގަ ކުރެވޭ، އެހެން މަސައްކަތްތަކުގެ ތެރޭގައި މާންދޫ މަސް ފެކްޓްރީގައި ދަޅު މަސް ބަންދު ކުރަން ފެށުމުގެ މުހިންމު މަސައްކަތް ވެސް ހިމެނެ އެވެ.

ދެން އޮތް ސުވާލަކީ އެންމެ ޝައުގުވެރިވި އަދި 25 އަހަރު ހިދުމަތް ކުރި މަސްވެރިކަން ދޫކޮށްލެއްވީ ކީއްވެގެންބާ އެވެ؟ މި ބަދަލު ގެނައީ ތަފާތު ތަޖުރިބާއެއް ކުރެއްވުމުގެ ބޭނުމުގަ އެވެ. އެކަމަށް 2011 ވަނަ އަހަރު ބަދަލުވީ ރާއްޖޭގައި މޫދު ކުޅިވަރުތަކާއެކު "ޓޯޓަލް ސޮލިއުޝަނެއް" ގެނެސްދޭ ހަމައެކަނި ކުންފުނި ކަމަށްވާ ސިލްވަ ސޭންޑްސް އަށެވެ.

"ސްކޫލް ނިންމާފަ މި އުޅުނީ މަސްވެރިކަމުގައި. އެ އަށްފަހު ޓޫރިޒަމް ރިލޭޑެޓް މަސައްކަތު ތަޖުރިބާ ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވާތީ މި ބަދަލު ވެގެން މަސައްކަތް ކުރަނީ،" މޫޝިދު ވިދާޅުވި އެވެ.

ސިލްވަ ސޭންޑްސް- ޓޯޓަލް ސޮލިއުޝަން

މޫޝިދު މަސައްކަތް ކުރައްވާ ސިލްވަ ސޭންޑްސްއަކީ 2007 ވަނަ އަހަރު ޓޫރިޒަމްގެ ހިދުމަތަށް ނުކުތް ކުންފުންޏެކެވެ. ރާއްޖޭގެ ޓޫރިޒަމްގައި ހިދުމަތްދޭ އެހެނިހެން ކުންފުނިތަކާ ހިލާފަށް 100 ޕަސެންޓް ދިވެހި މި ކުންފުނިން 2006 ވަނަ އަހަރު ޑަބްލިއު ރިޓްރީޓް އެންޑް ސްޕާގައި ހިދުމަތް ފެށި ހިސާބުން މި ކުންފުންޏަކީ ރާއްޖޭގައި މޫދު ކުޅިވަރާ ގުޅުންހުރި މަސައްކަތަށް އެންމެ ފުންނާބު އުސް ކުންފުންޏަށްވި އެވެ. އެގޮތުން މަޝްހޫރު "ސީގިއާ" ހިންގަނީ ވެސް މި ކުންފުނިންނެވެ.

"ރާއްޖޭގެ ރިސޯޓުތަކުގައި މި ހުންނަނީ ޑައިވިން ސެންޓަރާއި އެކްސްކާޝަން އަދި ފިޝިން. އެކްސްކާޝާން މި އޮންނަނީ އާއްމުކޮށް ރިސޯޓުން. ނަމަވެސް ސިލްވަ ސޭންޑްސްއަކީ ހުރިހާ ހިދުމަތެއް ހިންގަން ފެށި ފުރަތަމަ ކުންފުނި. އަޅުގަނޑުމެން މި ދެނީ ވޯޓަ ބޭސް ޓޯޓަލް ސޮލިއުޝަނެއް،" މޫޝިދު ވިދާޅުވި އެވެ.

ސިލްވަ ސޭންޑްސް އިން ރާއްޖޭގެ 11 ރަށެއްގައި މޫދު ކުޅިވަރާ ގުޅުންހުރި ޓޯޓަލް ސޮލިއުޝަން ފޯރުކޮށްދެ އެވެ. މީގެ ތެރެއިން ހަތަރު ރަށެއްގައި ހިދުމަތް ފެށީ މޫޝިދުގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެ ފަހުން 2013 ވަނަ އަހަރުން ފެށިގެން ވިޔަފާރި އަށް ބަދަލު ތަކެއް ވަނީ ގެނެސްފަ އެވެ. މިގޮތުން އީވޯ ހޯމް އާއި އީވޯ ސާފެސާސް ފަދަ ވިޔަފާރިތައް ހުޅުވި އެވެ.

"އަޅުގަނޑު މި ތަނަށް އައި ފަހުން ޓްރޭޑިންގައި ވިޔަފާރި ފުޅާ ކުރެއްވިއްޖެ. މި ދާއިރާގައި ފުޅާ ދާއިރާއެއްގައި އީވޯ ހޯމް މި ހިންގަނީ. މީގެ އިތުރުން ސަބްސިޑަރީ ކުންފުންޏަކުން އއ. މާޅޮހުގައި މަހުގެ މަސައްކަތެއް ވެސް ކުރަން އެބަ. މިތަނުގައި މަސް ބަންދުކޮށް، މަހުގެ ސޮލިއުޝަންސް މި ދެނީ ރިސޯޓުތަކަށް،" އޮސްޓްރޭލިޔާ އިން މަތީ ތައުލީމް ހާސިލްކޮށްގެން ހުރި މޫޝިދު ވިދާޅުވި އެވެ.

މޫޝިދު ގަބޫލުކުރައްވާ ގޮތުގައި މި ދާއިރާގައި މަސައްކަތް ކުރަން، އެންމެ ބޮޑު ތަޖުރިބާއެއް ހިއްސާކުރި އެއް ދާއިރާއަކީ މަސްވެރިކަމުގެ ދާއިރާ އެވެ.

"ކަސްޓަމަރުންނަށް ޑީލް ކުރަން މި ޖެހެނީ. އެހެންވެ މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާ ބޮޑު ބައެއް ކުޅުނު. އަޅުގަނޑުމެން ހިދުމަތް މިދެނީ އެންމެ މަތީ ފަންތީގެ ރިސޯޓުތަކަށް. އެހެންވެ މީގެ ތަޖުރިބާ ވަރަށް ބޮޑު،"

މި ތަޖުރިބާއާއެކު، އަލަށް އުފަންވި، އީވޯ ހޯމް މިހާރު ވެފައިވަނީ ރާއްޖޭގެ އާއްމު ބާޒާރަށާއި ރިސޯޓު މާކެޓަށް ލިބުނު މުހިންމު ތަނަކަށެވެ.

"މިހާރު މިސާލަކަށް ބަލާނަމަ އީވޯ ހޯމް. އެ ތަނުން ލިބޭނެ ރިސޯޓެއް ތަރައްގީ ކުރަން ބޭނުންވާ ހުރިހާ އެއްޗެއް. ރިސޯޓުގެ އެފްއެންބީ ސާމާނު ވެސް ލިބޭނެ. އެހެންވެ ސިލްވަ ސޭންޑްސް އިން މުޅި ޓޫރިޒަމަށް ހިދުމަތް މިހާރު ދެވޭނެ،"

މޫޝިދު ގަބޫލުކުރައްވާ ގޮތުގައި، މަތީ ފަންތީގެ ޓޫރިޒަމް ދަށަށް ދިއުމަކީ މިދާއިރާ އަށް އޮތް ބޮޑު ދެރައެކެވެ.

"ޓޯޓަލް އެރައިވަލްސް ރާއްޖޭގައި މަތި. އެކަމަކު މަތީ ފަންތީގެ މީހުން މަދު މިހާރު. ގެސްޓްހައުސްއާއެކު މެދުފަންތި ވަރަށް ގިނަވޭ އެބަ. އެހެންވެ ރާއްޖެ މާކެޓިން ވަރުގަދަ ކޮށްގެން ރަނގަޅު ކުރަން ޖެހޭ ކަމެއް މިއީ،" މޫޝިދު ވިދާޅުވި އެވެ.

ސިލްވަ ސޭންޑްސްއާއެކު، މޫޝިދުގެ ވިސްނުންފުޅުގައި އޮތީ މާޅޮހު ފެކްޓްރީ އިތުރަށް ރަނގަޅު ކުރުމެވެ. މީގެ އިތުރުން އަނެއް ވިސްނުމަކީ އީވޯއާއެކު ވިޔަފާރި ފުޅާ ކުރުމެވެ. އަދި އެ ކުންފުނިން ޕްރޮމޯޓް ކުރާ "ވޯޓަ ބޭސް ޓޯޓަލް ސޮލިއުޝަން" މުޅިރާއްޖެއަށް ފަތުރާލުމެވެ.