މޯލްޑިވިއަން އައިޑޮލް

ބައިވެރިން އެންމެ ލޯބިވާ "އައިޑޮލް މަންމަ"

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންތަކުން ފުރާނާލައިގެން ހޮވި ބައިވެރިންގެ ތެރެއިންވެސް އެންމެ ރަނގަޅު ކުދިން ނަގާ ޕިއާނޯ ރައުންޑު ފެށުނު ފަހުން އައިޑޮލްގެ އެލިިމިނޭޝަން ޝޯގައި ވަކިވާ ބައިވެރިން އިއުލާނު ކުރާ ވަގުތަކީ މުޅި ޝޯގައިވެސް އަންނަ ހަމައެކަނި ހިތާމަވެރި ވަގުތުކޮޅެވެ. އެވަގުތުކޮޅު އެންމެ ބޮޑު އަސަރެއް ކުރަނީ ކަޓައިގެންދާ ބައިވެރިޔާ އަކަށް ނޫނެވެ. ދެން ތިބޭ ބައިވެރިނަކަށްވެސް ނޫނެވެ. އެންމެ ބޮޑު އަސަރެއް ކުރަނީ އައިޑޮލް ދަތުރުގެ ކުދިންގެ "މަންމަ" އައިމިނަތު އަބްދުﷲ (އައިންތު) އަށެވެ.

"އަސްލު ހަމަ ކޮންމެ ކުއްޖެއް ކަޓާ ރޭ ވެސް ވަރަށް ދެރަވޭ ވަރަށް ލޯބިވޭ ހުރިހާ ކުދިން ދެކެވެސް. އެލިމިނޭޝަން އޮންނަ ރޭތަކުގައި އިރު އޮއްސުމަށްފަހު ހުންނާނީ މޭބޮޑުކޮށްފައި ގޯސްވެފައި. މޫޑީވެފައި." ކުދިން ވަކިވެގެންދާ ރޭ އައިންތުއަށް ކުރެވޭ އިހުސާސް އަކީ މިއީ އެވެ.

ތިއޭޓާ ރައުންޑުން ގަދަ 16 އިން ޖާގަ ހޯދި ކުދިންނާއެކު ދޮޅު މަސް ދުވަސް ވަންދެން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އައިންތު ހޭދަ ކުރި އެވެ. ފަތިސް ނަމާދަށް ކުދިން ހޭލައްވާ ހިސާބުން ކުދިންގެ ހުރިހާ މަސްއޫލިއްޔަތަކާއި ހަވާލުވެ ކުދިން ނިދަންދެން ހުރިހާ ވަގުތެއް ހޭދަކުރެ އެވެ. ނަމާދު ވަގުތުތަކާއި ކެއުމަށް ކުދިންނަށް ހޭދަކޮށްދީ މަންމަގެ ރޯލު އަދާކުރުމަކީ އައިންތު އަށް ލިބޭ އުފަލެކެވެ. ކުދިންނާއެކު ހޮޓެލްގައި މިހާރު ނޫޅުނު ނަމަވެސް ހެނދުނު ޕްރެކްޓިސް އަށް ކުދިން ޓީވީއެމް އަށް އައުމާއެކު ކުދިންނާ ހަވާލުވެ ރޭގަނޑު ކުދިންގެ ޕްރެކްޓިސް ނިމެންދެން ކުދިން ބަލަހައްޓަ އެވެ.

ފުރަތަމަ ސީޒަންގެ ގަދަ 10 އަކަށް ހޮވުނު ކުދިންނާއެކު ހޮޓެލް އަށްބަދަލުވި ގޮތަށް ސީޒަން ނިމެންދެން އައިންތު ކުދިންނާއެކު ހޮޓެލްގައި ދިރިއުޅުނެވެ.

"މިކުދިންވެސް ވަރަށް ބަސް އަހާ. ވަރަށް ލޯބިވޭ އަޅުގަނޑު ދެކެވެސް. ވަރަށް ރަނގަޅު ކުދިން ތަކެއް. ވަރަށް ސަކަރާތްވެސް ޖަހާ. ހުރިހާ ކުދިން ދެކެވެސް ދަރިން ދެކެ ވާ ލޯބި ވޭ. ހުރިހާ ކުދިންވެސް ވަރަށް ހާއްސަ، ގުޅުން އޮވޭ ކަޓައިގެން ދިޔަސް. ގުޅާލާ ނޫނީ މެސެޖްކޮށްލާ ހުރިހާ ކުދިންވެސް"

"އާންމުކޮށް ނުވައެއް ނުވަތަ ނުވަގަޑި ބައި ހާއިރު ކުދިން އަންނާނެ ޕްރެކްޓިސް އަށް މިކޮޅަށް. އަޅުގަނޑު އާންމުކޮށް ގެއަށްދާ އިރު ހުންނާނީ ރޭގަނޑު 11، ނުވަތަ 12 ޖަހާފައި. އެހެންކަމުން ވަރަށް ގާތް ކުދިންނާ. ފިރިމީހާގެ އެއްބާރުލުން ލިބޭތީ މިހާ ގިނައިރު އުޅެވެނީ" އައިންތު ބުންޏެވެ.

އައިންތު އަކީ ޕީއެސްއެމްގެ ލައިބްރަރީގައި މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ މުވައްޒަފެކެވެ. އެންމެ ފުރަތަމަ އައިންތު ޕީއެސްއެމްއާ ގުޅުނީ މީގެ 19 ވަރަަކަށް އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ވަޒީފާއަށް ވަނީވެސް އެތަނަށެވެ.

މޯލްޑިވިއަން އައިޑޮލް އާ އެކު އައިންތުގެ ބިޒީ ދިރިއުޅުން އިތުރަށް ބިޒީވީ އެވެ. އައިޑޮލްގެ ދެ ސީޒަނުގައި ހަރަކާތްތެރި ވުމަށްފަހު ތިން ވަނަ ސީޒަނެއްގައި އައިންތު ބައިވެރިވުމުގެ ވިސްނުމެއް ނެތެވ. ނަމަވެސް އޮފީހުން އަންގައިފިނަމަ އައިންތު ތައްޔާރެވެ.

ބައިވެރިންގެ އިތުުރުން އައިޑޮލްގެ މި ދަތުރަކީ އައިންތުއަށްވެސް ވަރަށް ހަނދާނުން ފޮހެލަން ދަތި ދަތުރެކެވެ. އެތައް ހާއްސަ ހަނދާންތަކެއް ހިތުގައި ރައްކާކޮށްފަ އެވެ.

"ހޮޓެލްގައި ވަރަށް ހަނދާނުން ފިލުވަން އުނދަގޫ ދުވަހެއް އެއީ ހޮޓެލް އިން ގެއަށް ބަދަލުވާ ވާހަކަ ބުނަން ބޭއްވި ބައްދަލުވުމުގައި ގެއަށް ބަދަލުވާ ވާހަކަ ބުނުމުން ހުރިހާ ކުދިން ރުއި. ވަކިވަކި ކުއްޖެއް ނޫން ހުރިހާ ކުދިންވެސް ރުއި. ބައެއް ކުދިން ބާރަށްވެސް ރުއި" އައިޑޮލް ދަތުރުގައި އައިންތުއަށް އެންމެ ހަނދާނުން ދަތި އެއް ދުވަސް ހިއްސާކުރަމުން ބުންޏެވެ.

މި ފުރުސަތު އައިންތުއަށް ލިބުމުން އައިންތުގެ ޝުކުރުގެ ލިސްޓުވެސް ވަރަށް ދިގެވެ.

"ޕީއެސްއެމުން މި ފުރުސަތު ދިނީތީ މިތާގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރަން. އައިޑޮލް ޓީމަށް ހާއްސަކޮށް ޝާޔަން މެޑަމް އަށް ޝުކުރު އަދާކުރަން. މިހާ ގިނަ ވަގުތު މިކަމަށް މިދެވެނީ ފިރިމީހާގެ އެއްބާރުުލުންވެސް ލިބޭތީ. އެހެންވީމަ ފިރިމީހާއަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުަގަނޑާއެކު އެއް ސެކްޝަންގައި މަސައްކަތްކުރާ ކުދިންނަށްވެސް." އައިންތު ބުންޏެވެ.