ފާރިސް މައުމޫން

ފާރިސްގެ ޕާސްޕޯޓު ހިފަހައްޓައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއަށް ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ފާރިސް މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ އާއިލާ މެންބަރަކު އިންޑިޔާގެ ބޭސްފަރުވާ ކުރަމުން ގެންދަތީ އޭނާގެ އަރިހަށް ޒިޔާރަތް ކުރުމަށް ބެންގަލޫރަށް ފުރަން ދިޔުމުން އިމިގްރޭޝަނުން އޭނާ ހުއްޓުވާފައިވާ ކަމަށެވެ. އަދި ފާރިސް ރާއްޖެއިން ބޭރަށް ފުރަން މަނާކޮށް ކްރިމިނަލް ކޯޓުގެ އަމުރެއް އިމިގްރޭޝަނަށް ފޮނުވާފައިވާ ކަމަށާއި ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ފާރިސްއަށް އެންމެ ފަހުން ކުރި އަމުރުގައި ވަނީ މާޗު މަހުގެ 29 އިން އޭޕްރިލް 28 އަށް ފުރުން މަނާކޮށްފައިވާ ކަމަށެވެ.

"... އަޅުގަނޑުގެ އެއްވެސް މައްސަލައެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ބަލާނަމަ ވީހާވެސް އަވަހަކަށް ތަހުގީގު ކުރައްވައި ފިޔަވަޅު އަޅާ، އެ މައްސަލަތައް އަވަހަށް ކުރިޔަށް ގެންދިޔުމަށް އެދެން،" ފާރިސް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފާރިސްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ އިރު މީގެ ކުރިން އެންޓި ކޮރޮޕްޝަން ކޮމިޝަނާއި ފުލުހުންގެ އިދާރާއަށް އޭނާ ވަނީ އެކި ފަހަރުގެ މަތިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.