ޗައިނާގެ ފޯނު ކުންފުންޏެއް ކަމަށްވާ ޖިއޮނީ އިން އެންމެ ފަހުން ނެރުނު ފޯނުގެ ލިިބެން ހުންނަ ކުލަތަކުގެ ތެރެއިން އެއް ކުލަޔަކަށް "މޯލްޑިވްސް ބްލޫ"ގެ ނަން ދީފި އެވެ.
ޖިއޮނީން މި މަހުގެ ތިން ވަނަ ދުވަހު ބާޒާރަށް ނެރުނު އީލައިފް އެސް7 ގެ ތިން ކުލައެއް ލިބެން ހުރެ އެވެ. އެއީ ކަޅު، ހުދު އަދި މޯލްޑިވްސް ބްލޫ އެވެ. މޯލްޑިވްސް ބްލޫ ކަމަށް ބުނާ ކުލަޔަކީ ރާއްޖޭގެ ރަށްތަކުގެ މޫދުގައި ހުންނަ ފަނޑު ނޫކުލަ އެވެ.
މިއީ ޖިއޮނީ އިން މިހާތަނަށް އުފެއްދި އެންމެ ތުނި އެއް ފޯނެވެ. މި ފޯނުގެ ބޯމިނުގައި 5.5 މިލިމީޓަރު ހުންނައިރު އޯއެސް އަކީ އެންޑްރޮއިޑް 5.0 ލޮލިޕޮޕް އެވެ. މިއީ ދެ ސިމް ލެއްވޭ އަދި 4ޖީ ވެސް ސަޕޯޓްކުރާ ފޯނެކެވެ.
އެލްމިނިއަމް ފްރޭމެއްގައި ރީތި ބައްޓަމަކަށް ހަދާފައިވާ މި ފޯނު ޖީބުގައި އޮންނައިރު ނުލެނބޭނެ ކަމަށާއި އަތުން ފަސޭހައިން ކައްސާނުލާނެ ކަމަށް ވެސް، އެ ފޯނު އުފެއްދި ކުންފުނިން ބުނެ އެވެ. މި ފޯނުގެ މައި ކެމެރާ އަކީ 13 މެގަޕިކްސެލްގެ ކެމެރާއެކެވެ. ސޮނީގެ މި ކެމެރާ ޖިއޮނީގެ އަމިއްލަ ޓެކްނޮލޮޖީއާ ގުޅުވާލާފައި ވަނީ އެންމެ 500 މިލިސެކަންޑް ތެރޭގައި ފޮޓޯއެއް ނެގޭ ގޮތަށެވެ. އަދި އޮޓޯ ފޯކަސް ވުމަށް ނަގަނީ އެންމެ 300 މިލިސެކަންޑެވެ. މީގައި ހިމަނާފައި ވަނީ 8 މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެކެވެ. މި ކެމެރާއާ އެކު އިންޓެލިޖެންޓް ފޭސް ބިއުޓީ 3.0 ޓެކްނޮލޮޖީ ހިމަނާފައި ވާއިރު، ފޮޓޯ އިން ފެންނަ މީހާގެ ޖިންސާއި އުމުރު އަމިއްލަ އަށް ލަފާކޮށް އެންމެ ކަމުދާ ސެޓިންއެެއްގައި ސެލްފީ ނަގަން ރިކޮމެންޑްކުރެ އެވެ.
ގިނައިރު ބެޓެރީ ހިފެހެއްޓުމަށް އެހީތެރިވެދޭ ފީޗާތަކަށް އިސްކަން ދީފައި ވާއިރު، ބޭނުން ނުކޮށް ބެކްގްރައުންޑްގައި ހުންނަ އެޕްލިކޭޝަންތައް މި ފޯނުން އަމިއްލަ އަށް ނިއްވާލާނެ އެވެ. މި ފޯނުގެ އަގު އުޅެނީ 400 ޑޮލަރާ ހިސާބުގަ އެވެ.