ވިޔަފާރި

އެސްޓީއޯއިން "ލައްކަ ސާމާނު" ޕްރޮމޯޝަންގެ ނަމުގައި ފަސް ލައްކަ ރުފިޔާގެ އަގުހުރި ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެސްޓީއޯގެ ހަ ނަންބަރު ގުދަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. މި ރަސްމިއްޔާތުގައި އެކުންފުނީގެ ކޮންސްޓްރަކްޝަން ޖެނަރަލް މެނޭޖަރު އަބުދުލް ވާހިދް މޫސަ ވިދާޅުވީ އިމާރަތްކުރާ ސާމާނުގެ މި ޕްރޮމޯޝަނަކީ ފަސް ލައްކަ ރުފިޔާގެ މުދާ ލިބޭގޮތަށް ފެށި ޕްރޮމޯޝަނެއް ކަމަށާއި މި ޕްރޮމޯޝަނުން ހޮވޭ ފަސް ނަސީބު ވެރިންނަށް އެއް ލައްކަ ރުފިޔާގެ އަގުހުރި މުދާ ލިބިގެންދާނެ ކަމަށެވެ.

އަބުދުލް ވާހިދު ވިދާޅުވީ މި ޕްރޮމޯޝަންގައި ކޭޝް ކަސްޓަމަރުން 5000 ރުފިޔާގެ ވިޔަފާރި ކުރުމުން ކޫޕަނެއް ލިބިގެންދާނެ ކަމަށާއި ކުރެޑިޓް ކަސްޓަމަރުން 10000 ރުފިޔާގެ ވިޔަފާރިއެއް ކުރުމުން ކޫޕަނެއް ލިބިގެން ދާނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އޮކްޓޯބަރު މަހުގެ 16 ގެ ނިޔަލަށް ކަމަށް ވާހިދު ވިދާޅުވި އެވެ.

"މި ޕްރޮމޯޝަނަކީ ރެޑީމިކްސް އޮޕަރޭޝަން ކުރި އެރުވުމަށް ފެށި ޕްރޮމޯޝަނެއް. ރެޑީމިކްސް އޮޕަރޭޝަން ލޯންޗް ކުރުމަށް ފަހު ބޭއްވޭ އެންމެ ބޮޑު ޕްރޮމޯޝަން މި އީ." ވާހިދު ވިދާޅުވި އެވެ.

ރެޑީ މިކްސް ސިމެންތިއަކީ ވަކި ހާއްސަ ކޮލިޓީއެއްގައި ގަށައި ތައްޔާރުކޮށްފައި ހުންނަ ކޮންކްރީޓެވެ. މި ސިމެންތި އުފުލަކީ ހާއްސަ އުޅަނދެއްގަ އެވެ. މިއީ އިމާރާތް ކުރުމުގެ ސްޕީޑް ހަލުވި ކުރުމަށް ގިނަ ގައުމުތަކުން ބޭނުންކުރާ އުފެއްދުމެކެވެ.