ހަބަރު

އެންމެ ފުރިހަމަޔަށް ހައްގުތައް ހޯދައިދެނީ މި ސަރުކާރުން: ހަލީލް

May 17, 2017
3

ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ހޯދައިދެމުން އަންނަނީ މި ސަރުކާރުގައި ކަމަށާއި އެހެން ސަރުކާރެއްގައި ހައްގުތައް ކަށަވަރުކޮށް ނުދެވޭ ވަރަށް މި ސަރުކާރުން އެކަން ކޮށްދީފައިވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިހާރު ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ، މި ސަރުކާރުން ހައްގުތައް ނިގުޅައިގަންނަ ކަމަށް ބުނެ، ފާޑުކިޔަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުން ސިއްހީ ހިދުމަތުން މަހުރޫމްކޮށް އާންމުންނަށް ހިނގާ ބިގާވެ ނޫޅެވޭ ވަރަށް މަގުތައް ހަލަބޮލިކޮށް އަމާން މުޖުތަމައެއްގައި ދިރިއުޅުމުގެ ހައްގުން އާންމުން މަހުރޫމް ކުރި ކަމަށެވެ. އަދި އަސާސީ ހިދުމަތްތައް ދިނުމުގައި ވެސް އިންތިހާއަށް ތަފާތުތައް ގެންގުޅުމާއި ރައްޔިތުންގެ މުދަލާއި އިމާރާތްތަކަށް ފަރުވާ ކުޑަކޮށް އެ ތަންތަން ވީރާނާވާ ދޫކޮށްލި ކަމަށެވެ. އަދި ދިވެހިންގެ ވެއްޓާ ނުގުޅޭ ބީރަށްޓެތި ބަދަލުތަކެއް ކިޔަވައިދިނުމުގެ މުގައްރަރަށް، ގެނެސް އެކަށީގެންވާ ތައުލީމެއް ލިބުމުގެ ހައްގުން މަހުރޫމް ކުރުވި ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީގެ އެކްޓިވިސްޓުން އާންމުންނަށް ހަމަލާދީ ހެދިއިރު އިންސާފު ހޯދައިދެވިފައި ނެތް ކަމަށެވެ. އެގޮތުން ފެބުރުއަރީ ހަތް ވަނަ ދުވަހު އެމްޑީޕީގެ އެކްޓިވިސްޓުން އާންމުންނަށް ގަލުން ހަމަލާދީ އެތައް ބަޔަކު ޒަހަމްކޮށްލުމުން އެމްޑީޕީއަށް އާންމުންގެ ހައްގުތައް ހޯދައިދެވޭނެ މިންވަރާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންތަކަކަށް ގާއުކަން. ދިވެހި ރައްޔިތުންތަކެއް ޒަހަމްކޮށްލީ އެތާގަ. ކޮބައިތޯ ދިވެހިންގެ ހައްގުތައް. ކިހާވަރަކަށްތޯ ހިމާޔަތް މި ކުރެވުނީ. އަޅުގަނޑުމެން ހަމަ ސުވާލު އުފައްދަން ޖެހޭ. އިންސާނީ ހައްގުތަކުގެ ވާހަކަ އެންމެ ވަރުގަދައަށް ދައްކާ މީހުންގެ ހާލަތު ހުރީ މި ފެންވަރުގަ" ހަލީލު ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ދިވެހިންނަށް އަމާން ވެއްޓެއްގައި ދިރިއުޅުމުގެ ހައްގު ތަނަވަސްކޮށްދީ ތަހުޒީބީ އެހެން މުޖުތަމައުތަކުގައި ވެސް ހައްގުތައް ބޭނުން ކުރާ ރިވެތި ގޮތްތަކަށް ރާއްޖޭގައި ވެސް ހައްގުތަކުގެ ބޭނުން ހިފަން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެއްއުޅުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހުދޫތެއް ނެތި އޮންނަ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހައްގުތައް އެހެން ގައުމުތަކުގައި ވެސް ހޯދައިދީފައި ވަނީ އެ ގައުމެއްގެ ހާލަތާއި ތަހުޒީބަށް ބެލުމަށް ފަހު މުޖުތަމައުގެ ހުރިހާ ގިންތިއަކަށް ފައިދާވާނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރުން ހައްގުތަކާ ގުޅޭ ގޮތުން ކުރަނީ އެ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ. ދިވެހިންގެ ފުދުންތެރިކަން އިތުރުކޮށް އަބުރުވެރި ދިރިއުޅެއް އުޅުމުގެ ހައްގު ވެސް ހޯދައިދެނީ މި ސަރުކާރުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އަންހެނުންނާއި ކުޑަކުދިން އަދި މުސްކުޅިންނާއި ނުކުޅެދޭ މީހުންގެ ހައްގުތަކަށް އެހެން ސަރުކާރެއްގައި މަސައްކަތް ނުކުރާވަރަށް މި ސަރުކާރުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

އޭނާ ވަނީ ބައެއް މީޑިއާތަކާއި ނޫސްވެރިންނަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ހިޔާލުފާޅު ކުރުމުގެ ނަމުގައި މުޅި މައްސަލައިގެ ހަގީގަތް އޮޅޭ ގޮތަށް ގަސްތުގައި ބައެއް މީޑިއާތަކުން ކަންކަން ގެނެސްދެމުން އަންނަ ކަމަށެވެ. އެގޮތުން ގައުމުގައި ޒަމާނުއްސުރެ ހުރި އިޖުތިމާއީ މައްސަލަތަކުގެ ހުރިހާ ޒިންމާއެއް ސަރުކާރުގެ ބޮލުގައި އެޅުވުން ހިމެނޭ ކަމަށެވެ. އަދި ބައެއްގެ ރަހުމްކުޑަ އަމަލުތަކުގެ ސަބަބުން ބޮޑެތި ހިތާމަތައް ލިބިފައިވާ އާއިލާތަކުގެ މާޔޫސްކަމުގެ ނާޖާއިޒު ފައިދާ ބައެއް މީޑިއާތަކުން ނަގައި ސިޔާސީ ކަމަކަށް އެކަން ބަދަލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ބޭނުމަކީ ފިތުނަ އުފައްދައި އެއިރެއްގައި އޮންނަ ސަރުކާރަށް ޖެއްސުން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ މީޑިއާގެ މިނިވަންކަންތޯ އޭނާ ސުވާލު ކުރެއްވި އެވެ.