ދުނިޔެ

އުތުރު ކޮރެއާއާ އަލުން ވާހަކަ ދައްކަން ބޭނުން: ދެކުނު ކޮރެއާ

May 17, 2017

ނިއުކްލިއަ ހަތިޔާރު އުފައްދަން މަސައްކަތް ކުރާތީ ދުނިޔޭގެ ބާރުތަކުން ވަރަށް ބޮޑަށް އެކަހެރި ކޮށްލާފައިވާ އުތުރު ކޮރެއާ އާއި މުއާމަލާތް ކުރަން އަލުން ފަށަން ބޭނުންވާ ކަަމަށް އަވަށްޓެރި ދެކުނުކޮރެއާއިން ބުނެފި އެވެ.

"އަހަރެމެން ގަބޫލުކުރާ އެންމެ އަސާސީ އުސޫލަކީ އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއި ދެމެދު މުއާސަލާތީ ގުޅުން ހުޅުވައިލަންޖެހޭ ކަަމަށް ގަބޫލު ކުރުން،" ދެކުނު ކޮރެއާގެ ޔުނިފިކޭަޝަން މިނިސްޓްރީގެ ތަރުޖަމާނު ލީ ޑަކް ހައެން ވިދާޅުވި ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައި ވެއެވެ.

ދެކުނު ކޮރެއާއިން މިހެން ބުނެފައި މިވަނީ އުތުރު ކޮރެއާގެ ނިއުކްލިއަ މަސައްކަތް ހުއްޓުވުމުގައި ދެ މަގަކުން މަސައްކަތް ކުރައްވާނެ ކަަމަށް ވިދާޅުވާ މޫން ޖައި އިން އެ ގައުމުގެ ރައީސް ކަަމަށް ވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މޫން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރާނީ ވާހަކަ ދައްކައިގެންނާއި ދަތިކުރުމުގެ ފިޔަވަޅުތަކުން ކަމަށެވެ.

އެމެރިކާގެ މައިރަށާއި ހިސާބަށް ނިއުކްލިއަ ވޯހެޑެއް އުފެއްދުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އުތުރު ކޮރެއާއިން ދަނީ ފާޅުގައި ބުނަމުންނެވެ. ނިއުކްލިއަ މަޝްރޫއު ހުއްޓައިލުމަށް އެމެެރިކާއާއި ޗައިނާއިން ގޮވައިލަމުން އަންނަ ގޮވައިލުންތަކަށް އުތުރު ކޮރެއާއިން ވަނީ ބީރުކަންްފަތެއް ދީފައެވެ.

ދެކޮރެއާ ދެމެދު މުއާމަލާތްކުރުން ހުއްޓައިލީ މިދިޔަ އަހަރުއެވެ.