ބޮލީވުޑް

ބޮލީވުޑްގެ ފެވަރިޓް މަންމަ ރީމާ މަރުވެއްޖެ

May 18, 2017
2

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ސަލްމާން ޚާން އާއި އަކްޝޭ ކުމާރު ފަދަ ތަރިންގެ މަންމަގެ ރޯލު ކުޅެފައިވާ ކުޅަދާނަ ބަތަލާ ރީމާ ލަގޫ ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.

އުމުރުން 59 އަހަރުގެ ރިމާގެ މެޔަށް ތަދުވާތީ މުމްބައި ކޮކިލާބެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ރީމާގެ ދަނބިދަރިފުޅާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ރީމާ މެޔަށް ތަދުވާ ކަމަށް ބުނުމުން ހޮސްޕިޓަލަށް ގެން ގޮސްފައިވަނީ ރޭގެ ދަންވަރު އެކެއް ޖަހާ އެހާއިރު ކަމަށެވެ. އަދި ފަރުވާދެމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިގެން މަރުވެފައިވަނީ ރޭ 3:25 އެހާ އިރު އެވެ.

"ވަރަށް ރަނގަޅަށް ހުރީ. އެއްވެސް ސިއްހީ މައްސަލައެއް ވެސް ދިމައެއް ނުވޭ. މަންމަގެ ކުއްލި މަރާއެކު މުޅި އާއިލާ އަށް ފުން ހިތާމައެއް ވަނީ ލިބިފައި" ރީމާގެ ދަނބިދަރިފުޅު ބުނެފައިވެ އެވެ.

އެންމެ ފުރަތަމަ "މަރާތީ" ފިލްމުތައް ކުޅުމަށްފަހު، ބޮލީވުޑްގެ ވެސް މަޝްހޫރު ފިލްމުތައް ކުޅެފައިވާ ރީމާ އަކީ މަންމައެއްގެ ރޯލުތައް ކުޅެގެން ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު މަންމަގެ މަގާމު ހޯދާފައިިވާ ބަތަލާއެކެވެ.

ރީމާ ވަނީ ސަލްމާންގެ މަންމަގެ ރޯލު "މެނެ ޕިޔާރް ކިޔާ" "ސާޖަން" އަދި "ހަމް ސާތް ސާތް ހޭ" ގައި ކުޅެފަ އެވެ. އަދި އަކްޝޭގެ މަންމަގެ ރޯލު "ޖެއި ކިޝެން" އާއި ކާޖޮލްގެ މަންމަގެ ރޯލު "ކުޗް ކުޗް ހޯތާހޭ" ގައި އަދި "ޝާހްރުކް ޚާންގެ މަންމަގެ ރޯލު "ކަލް ހޯ ނަ ހޯ" އާއި މާދުރީ ދިކްޝިޓްގެ މަންމަގެ ރޯލު "ހަމް އާޕްކޭ ހޭ ކޯން" ގައި ކުޅެފަ އެވެ.

މީގެ އިތުރުން ވެސް ރީމާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ސްޓާ ޕްލަސް އިން ދައްކަމުން ދިޔަ މަހޭޝް ބަޓް ޑައިރެކްޓް ކޮށްފައިވާ ޑްރާމާ "ނާމްކަރަން" އިންނެވެ.

މަޝްހޫރު ގިނަ ތަރިން ތަކަކާ އެކު މަސައްކަތްކޮށްފައިވާ ރިމާ އަށް ވަނީ ފިލްމު ފެއާ އެވޯޑްސްގެ އެންމެ މޮޅު ސްޕޯޓިން އެކްޓްރެސްގެ އެވޯޑް ހަތަރު ފަހަރަކު ލިބިފަ އެވެ.