ސިއްހަތު

ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ބައެއް ކާނާ

ދުނިޔޭގެ އާބާދީގެ 25 މިލިއަން މީހުންނަކީ އުމުރުން ދުވަސް ވުމުން ލޮލުގެ ފެނުން ކޮށިވުމާ ކުރިމަތިލާ މީހުންނެވެ. އުމުރުން 55 އަހަރާ ހިސާބަށްދާއިރު ލޮލުގެ ފެނުން ވަރަށް ބޮޑަށް ކޮށިވެ އައިނު އަޅަން ޖެހުމާ ގިނަ ބަޔަކަށް ކުރިމަތިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ލޮލަށް ޖެހޭ ގިނަ ބަލިތައް ޖެހުމަށް މަގުފަހިވާ މައިގަނޑު ދެ ކަމަކީ އޮކްސިޑޭޝަން އަދި އިންފްލެމޭޝަން އެވެ. އޮކްސިޑޭޝަން އާއި އިންފްލެމޭޝަން އަކީ ލޮލުގައި ހިނގާ ދެ ކެމިކަލް ރިއެކްޝަން އެކެވެ. އޭގެ ސަބަބުން ލޮލުގައި ޖަރާސީމު އުފެދި ލޮލުން ފެން އައިސް ދިލަ ނަގާ ގޮތް ދިމާވެ އެވެ. އަދި ސީރިއަސް ހާލަތްތަކުގައި ލޮލުގެ ފެނުން އެއްކޮށް ގެއްލުމަށް ވެސް މަގު ފަހި ކުރެ އެވެ.

މެޑިކަލް ދިރާސާ ކުރާ ފަރާތްތަކުން ހަދާފައިވާ ދިރާސާ އެއް ބުނާ ގޮތުން ލޮލުގެ ފެނުން ރަނގަޅު ކޮށްދީ، ލޮލަށް ޖެހޭ ބަލިތަކުން ރައްކާތެރި ކޮށްދިނުމަށް ކެވިދާނެ ބައެއް ކާނާތައް ހުރެ އެވެ. އޭގެ ތެރޭގައި ވިޓަމިން ސީ އަދި އީ ހިމެނޭ ކާނާގެ ބާވަތްތަކާއި ބީޓާ ކެރޮޓީން އާއި ޒިންކް އަދި އޮމެގާ ތްރީ ފެޓީ އެސިޑްސް ހިމެނޭ ކާނާގެ ބާބަތްތައް ބޭނުން ކުރުމުން ލޮލަށް ފައިދާ ކުރާކަމަށް އެފަރާތްތަކުން ބުނެ އެވެ. މި މާއްދާތައް އެކުލެވޭ ތަކެތި ކުއުމުގައި ބޭނުން ކުރުމަށް ޑޮކްޓަރުން ވެސް ލަފާދީފައި ވެއެވެ.

އެގޮތުން ކެއުމުގައި ކޭލް އާއި ކޯން އާއި ސްޕިނެޗް އާއި ބްރޮކޮލީ އާއި ބިސް އަދި އޮރެންޖަކީ މި މާއްދާތައް އެކުލެވޭ ކާބޯތަކެތި ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި ކޮންމެ ދުވަހެއްގެ ވެސް ދެއިރުގެ ކެއުމުގެ މި ބާވަތްތައް ބޭނުން ކުރުމަށް ސަމާލު ކަން ދިނުމަކީ މުހިންމު ކަމެކެވެ. އަދި މިބާވަތްތަކަކީ ލޮލުގެ އިތުރުން ސިއްހީ އިތުރު އެހެން ފައިދާތައް ވެސް ކުރާ ތަކެއްޗެވެ. މީގެ އިތުރުން ކެއުމަށް އެންމެ ރަގަޅު ގަޑިތަކަކީ ހެނދުނު އަދި މެންދުރު އެވެ. އަދި ރޭގަނޑު ގަޑީގައި މޭވާގެ ބާވަތްތައް ގިނައިން ބޭނުން ކުރުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ.