ހަބަރު

ނީރާގެ ހިތަށް ފަރުވާ ކުރަން އާއިލާއިން އެދެނީ އެހީއަށް

ގދ. މަޑެވެއްޔަށް ނިސްބަތްވާ މޫމިން ޔޫސުފް އަދި އައިޝަތު ޝާހީއަށް ލިބުނު ފުރަތަމަ ދަރިފުޅު، ނީރާ ބިންތި މޫމިން ޔޫސުފަކީ އުފެދުމުގައި މަދުން ނޫނީ ނުފެންނަ ޖެނެޓިކް މައްސަލައެއް ކަމަށްވާ ހާނިއޭޝަން އޮޕް އެބްޑޮމެން ކޮންޓެންޓްސް އަދި ކޮންޖެންޓިއަލް ހާޓް ޑިސީސް ދިމާވެފައިވާ ކުއްޖެކެވެ. އަދި އެންމެ ނުވަ ދުވަސްވީ ނީރާ އުފަންވިއިރު ހިތް ހުރީ ބޭރަށް ނިކުމެފަ އެވެ.

ތުއްތު ތުއްތު ނީރާއަށް މިހާރު ވެސް ވަނީ ބޮޑެތި އޮޕަރޭޝަންތަކެއް ކުރަންޖެހިފަ އެވެ. މިހާރު އިންޑިއާގެ ހޮސްޕިޓަލެއްގައި ނީރާއަށް ފަރުވާދެމުން އަންނައިރު ނީރާގެ އާއިލާއިން ބުނި ގޮތުގައި މިއަދު އޭނާގެ އޮޕަރޭޝަނެއް ކުރެވޭނެ އެވެ. އެ އޮޕަރޭޝަނަށްފަހު އިތުރު އޮޕަރޭޝަންތަކެއް ކުރަންޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

އުމުރުން އަދި ކިތަންމެ ކުޑަޔަސް ބޮޑެތި އޮޕަރޭޝަންތަކެއް ކުރަންޖެހިފައިވާއިރު އެކަމަށް ބޮޑެތި ހަރުތަކެއް ހިނގަ އެވެ. އެ އާއިލާގެ އެދުމަކީ ނީރާގެ ފުރާނަ ސަލާމަތް ކުރުމަށް ހެޔޮ އެދޭ ފަރާތްތަކުގެ އެހީ ދިނުމެވެ.

އެކަމަށް އިޖާބަދީ، ޒުވާނުންތަކެއް ވަނީ ނީރާއަށް އެހީ ހޯދައިދިނުމަށް ހާއްސަ ހަރަކާތެއް ހިންގަން ނިންމާފަ އެވެ. އެގޮތުން އިއްޔެ މި ހަރަކާތް ފަށާފައިވާއިރު މިއަދު އާއި މާދަމާ ވެސް ހަރަކާތް ކުރިއަށްދާނެ އެވެ. އެ ޒުވާނުން ފަންޑް ފޮށި ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ އެވެ.

އެ ޒުވާނުން ވެސް އެދެނީ ނީރާއަށް ވީއެންމެ ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ މި ޒުވާނުން މީގެކުރިން ވެސް ވަނީ ސިކުނޑިއަށް ލޭ އެޅި ފުރާނަ ނުރައްކަލަކަށް ހުށަހެޅުނު ނ. ވެލިދޫ ޑިއަރެސްޓް ވިލާ، 12 އަހަރުގެ އައިމިނަތު އަނާ އިބްރާހިމަށް އެހީ ހޯދުމަށް ކާމިޔާބު ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ނީރާއަށް އެހީތެރިވުމަށް

  • ގުޅޭނެ ނަންބަރު: 9994801 \ 7864485
  • އެކައުންޓް: Moomin Yusuf 7710531838101